81،000 އަށް ވުރެ ގިނަ ޑޮލަރާއެކު އެއާޕޯޓުން ހިފެހެއްޓި މީހާ (ފޮޓޯ/ޕޮލިސް)

ވަގަށް ރާއްޖެއިން ޑޮލަރު ބޭރު ކުރަން އުޅުނު މީހާއަށް 12،000ރ.ގެ ޖޫރިމަނާ އަދަބެއް

އިއުތިރާފް އެއްބަސްވުމުގައިވާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި އޭނާގެ އަމިއްލަ ފައިސާގެ ގޮތުގައި 75،275ރ. އެބަހުރި؛ ޖޫރިމަނާ ދައްކާނީ އެ ފައިސާއިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ 81،000އަށް ވުރެ ގިނަ ޑޮލަރާ އެކު ހައްޔަރު ކުރި މީހާގެ މައްޗަށް 12،000ރ.ގެ ޖޫރިމަނާ އަދަބެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ. 

ވީ ކިހިނެއް؟ - ޔޫއެސް ބަންގްލާ އެއާލައިނުން ބަންގްލަދޭޝްއަށް ފުރަން އުޅުނު މީހެއްގެ ފޮށިން 81،030 ޑޮލަރު (1.2 މިލިއަން ރުފިޔާ) ފެނުނީ މިދިޔަ އޮގަސްޓުގަ އެވެ. މި މައްސަލާގައި ދައުވާ ކޮށްފައިވަނީ:

  • ބަންގްލަދޭޝްއަށް ނިސްބަތްވާ ޝަހުމިން އިސްލާމް، 32ގެ މައްޗަށް

މި މައްސަލައިގެ ދައުވާގައިވާ ގޮތުން:

  • ބަންގްލަދޭޝްގެ ޑާކާއަށް ދިއުމަށްޓަކައި 25 އޮގަސްޓުގެ މެންދުރު ފަހު 1:53 ހާއިރު، ވީއައިއޭއަށް ފުރަން ގޮސް ހުއްޓައި އޭވިއޭޝަން ސެކިއުރިޓީން ޝަހުމިންގެ ލަގެޖް ޗެކްކޮށްފައިވޭ

  • ޗެކްކުރިއިރު އޭނާ ގެންގުޅުނު ކަޅު ކުލައިގެ ބެކް ޕެކްގެ ތެރޭގައި އޮތް ހުދުކުލައިގެ ކޮތަޅެއްގެ ތެރޭގައި އޮތް ކޯންފްލެކްސް ޕެކެޓެއްގެ ތެރޭގައި ފޮރުވައިގެން ސިއްރުން ރާއްޖެއިން ބޭރަށް ގެންދަން އުޅުނު ޖުމުލަ 81,130 ޑޮލަރު ފެނިފައިވޭ 

ތަފްސީލް - އިއުތިރާފް އެއްބްސްވުމެއްެގެ ދަށުން ކޯޓަށް ހުށަހެޅި މި މައްސަލާގައި ދައުވާއަށް އެއްބަސްވެ އޭނާ ބުނެފައިވަނީ ވަކީލަކު ހަމަޖެއްސުމުގެ ތަނަވަސްކަން ނެތް ކަމަށާއި އެދެނީ ވީހާ ވެސް އަވަހަށް ހުކުމެއްކޮށް ރާއްޖެއިން ޑީޕޯޓުކުރުމާ އެކު ގައުމަށް ދެވޭނެ ގޮތް ހަދައިދިނުން ކަމަށެވެ.

އިއުތިރާފް އެއްބަސްވުމުގައި އޮތީ:

  • މި މައްސަލާގައި ޝަހުމިންގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ 12،000ރ.ގެ ޖޫރިމަނާއެއް

  • ޝަހުމިންގެ އަމިއްލަ ފައިސާގެ ގޮތުގައި ހިމެނޭ 4500 ޑޮލަރު (69،390ރ.) އާއި 350 ޔޫރޯ (5،885ރ.) ހިފަހައްޓާފައިވާ ކަމަށް

  • ފަސް ދުވަސް ތެރޭ އެ ފައިސާ ހަވާލުކުރާނެ ކަމަށް ދައުލަތުން ބުނެފައިވޭ

  • އެ ފައިސާ ލިބުމުން އިއުތިރާފް އެއްބަސްވުމުގައި ޖޫރިމާނާގެ އަދަދެއް ކަމަށް ކަނޑައަޅާފައިވާ 12،000ރ. ދެއްކޭނެ ކަމަށް

އެހެންކަމުން، މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން މި މައްސަލާގައި ކުރި ހުކުމުގައި ބުނީ:

  • ކުރިއަށް އޮތް 15 ދުވަސް ތެރޭ އެ ފައިސާ މީރާއަށް ދެއްކުމަށް

  • އޭނާގެ އަތުން ފެނުނު 81,130 ޑޮލަރު ކަސްޓަމްސްއަށް ނެގުމަށް

އެނގުން މުހިންމު - ރާއްޖެއަށް ސިއްރުން މުދާ އެތެރެކޮށްފި ނުވަތަ ރާއްޖެއިން ސިއްރުން މުދާ ބޭރުކޮށްފި މީހަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ ހަ ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ނުވަތަ 10,000ރ. އާއި 240,000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

ކޮމެންޓް (1)

profile-image-placeholder

މެދުވެރި

9 ގަޑިއިރު ކުރިން
ހާދަހާ ކުޑައަދަދަކުންނޭ ޖުރިމަނާކުރަނީ. ބޭރުފައިސާ ޑެކްލައަރނުކޮށް ބޭރުކުރަން އުޅުމުން ތިއަށްވުރެބޮޑު އަދަބުދެވެން އޮންނާނެ އަދި ދޭންވާނެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް