ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ކުރިއަށް ދަނީ (ފޮޓޯ/ މަޖިލިސް)
އޮޑިޓް އޮފީހަށް 114 މިލިއަން ރުފިޔާއާ އެކު %40 ބޮޑު ބަޖަޓެއް ދޭން ފާސްކޮށްފި
އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރު 114 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މިއީ މިއަހަރު އެ އޮފީހަށް ދިން 81.9 މިލިއަން ރުފިޔާއަށް ވުރެ %40 އިތުރު އަދަދެކެވެ.
ވީ ކިހިނެއް؟ - މިިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅިގެން މާލިއްޔަތު ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ ރިޕޯޓު ތަޅުމަށް ހުށަހެޅި އެވެ. އަދި 75 މެންބަރުންގެ ވޯޓާ އެކު ތަޅުމުން ވެސް ފާސް ކުރި، އެ ރިޕޯޓަށް އުނި އުތުރެއް ނުގެނެސް، ކޮމިޓީން ފާސް ކުރި ގޮތަށް 114 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ.
ތަފްސީލު - ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން، އޮޑިޓް އޮފީހުން އެންމެ ފުރަތަމަ އަންނަ އަހަރަށް ލަފާކޮށް ދޭން ހުށަހެޅީ، 99.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީން ބަޖެޓު ދިރާސާ ކުރި މަރުހަލާގައި އެ ބަޖެޓު %15އަށް ބޮޑުކޮށް، އިތުރު 14 މިލިއަނެއް ހިމެނުމަށް ނިންމި އެވެ. އެއީ:
-
ހުޅުމާލޭގައި ހަދަމުންދާ އޮޑިޓް އޮފީސް އިމާރާތަށް ޖުމްލަ 34 މިލިއަން ރުފިޔާ ހަމަޖެއްސުމަށް
-
އޮޑިޓް އޮފީހުން ބަޖެޓު ހުށަހެޅިއިރު އެ އިމާރާތައް ކަނޑައަޅާފައި އޮތީ 21 މިލިއަން ރުފިޔާ
ރިޕޯޓު ތަޅުމަށް ހުށަހަޅުއްވަމުން އެ ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، އޮޑިޓް އޮފީހުގެ ހަދަމުންދާ އިމާރާތް ނިންމުމަށް އިތުރު 14 މިލިއަން ރުފިޔާ ކަނޑައެޅުމަށް ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގެންނެވީ، އެއީ "ކުރަން ޖެހޭ ކަމެއް" ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.
އެ ރިޕޯޓުގައިވާ ގޮތުން، ބަޖެޓުގެ %51 ހަރަދު ވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. އެއީ 51 މިލިއަން ރުފިޔާ އެވެ. އޮޑިޓާ ޖެނެރަލްގެ މުސަރާ އާއި އިނާޔަތްތަކަށް 981،000ރ. ހަރަދުވެ އެވެ.
އޭގެ އިތުރުން ދެން ހިމެނެނެނީ:
-
އޮފީހުގެ އިދާރީ ހަރަދު - 17.7 މިލިއަން ރުފިޔާ
-
ދަތުރުފަތުރުގެ ހަރަދު - 8.2 މިލިއަން ރުފިޔާ
-
ޕެންޝަން ފައިސާ އާއި މުސްކުޅިކުރާ މުވައްޒަފުންނަށް - 1.6 މިލިއަން ރުފިޔާ
-
މުވައްަޒަފުން ތަމްރީން ކުުރުމަށް - 776،382ރ.