ރައީސް މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖީލީހުގެ ފުރަތަމަ ބައްދަލުވުމުގައި ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ(ފޮޓޯ/ރައީސް އޮފީސް)
ސިމްވާރު އަވަހާރަވުން؛ ޝަހީމު ވިދާޅުވަނީ ޝަހީދުންގެ މައްޗަށް ކަށުނަމާދުކުރުން ނޯންނަ ކަމަށް
ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަކުރަނިކޮށް، އެ މައިދާނުގައި ޝަހީދުވާ މީހުންގެ މައްޗަށް ކަށުނަމާދުކުރުން ނޯންނަ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަމިއްލަ ފޭސްބުކް އެކައުންޓުގައި ޝަހީމް މިގޮތަށް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު ގާޒާގެ ދެކުނުގައި އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގި ކުރިމަތިލުމެއްގައި އަވަހާރަވި، ހަމާސްގެ ވެރިޔާ ޔަހްޔާ ސިންވާރުގެ މައްޗަށް ރާއްޖޭގައި ކަށުނަމާދު ނުކުރާތީ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. އެ މީހުން ބުނާގޮތުގައި، ރާއްޖޭގެ މިސްކިތްތަކުގައި ކަށުނަމާދުކުރުމަކަށް މިނިސްޓަރު ނާންގަވަ އެވެ.
ތަފްސީލް - ޝަހީމް ވިދާޅުވީ ޝަހީދުންގެ މައްޗަށް ކަށުނަމާދު ކުރެވިދާނެ ކަމަށް ދެކެނީ ވަރަށް މަދު އިލްމުވެރިއެކެވެ. ޖާއިޒު ކަމަށް ދެކިވަޑައިގަންނަވާ އިލްމުވެރިން ވެސް ވިދާޅުވަނީ އެއީ ވާޖިބު ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަމަލުކުރަންވާނީ ދީނުގައި އޮންނަ އެންމެ ރަނގަޅު ގޮތަށެވެ. ކީރިތި ރަސޫލާގެ ސައްހަ ސުންނަތުގައި އޮންނަ ގޮތަށެވެ." ސިމްވާރު ނުވަތަ އެ ފަދަ އެހެން ބޭފުޅަކާ މައްސަލަ ނުގުޅުއްވައި، ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
-
އުހުދު ހަނގުރާމައިގައި ޝަހީދުވި ސަހާބީންގެ މައްޗަށް ވެސް ރަސޫލާ ކަށުނަމާދު ކުރައްވާފައެއް ނުވޭ
-
އެ ހަނގުރާމައިގައި އަވަހާރަވި އެ ކަލޭގެފާނުގެ ބޮޑުބޭބޭފުޅު، ހަމްޒަތުގެފާނު އަދި އެހެން ބޭކަލަކު ވަޅުލެއްވުމަށް ވެސް ކަށުނަމާދު ކުރައްވާފައެއް ނުވޭ
-
ޝަހީދުން ވަޅުލަނީ ނުހިނަވައި، އެމީހުންގެ ލެއާއެކުގައި
މިނިސްޓަރު ވިދާޅުވި ގޮތުގައި ޝަހީދުންނަކީ މަރުވިޔަސް، ދިރި ތިބޭ ބަޔަކަށްވުމުން އެ މީހުންގެ މައްޗަށް އޮތީ ހެޔޮ ދުއާ ކުރުމެވެ.
ހަމާސްގެ ކުރީގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާގެ މައްޗަށް ދުނިޔޭގެ އެކި ގައުމުތަކުގައި ކަށުނަމާދު ކުރި އިރު، ރާއްޖޭގެ ގިނަ މިސްކިތްތަކެއް ވެސް އެ ނަމާދު ކުރި އެވެ. އެކަމަކު އޭރު ވެސް ކަށުނަމާދު ކުރުމަށް މިނިސްޓްރީއަކުން މިސްކިތްތަކަކަށް ނާންގަ އެވެ.
ކޮމެންޓް (2)
ޗަހީމޫ
ސަރުދާރު ޖީ