ފިނޭންސު މިނިސްޓްރީގެ އިމާރާތް (ފޮޓޯ/ފިނޭންސް މިނިސްޓްރީ)
ސަރުކާރު ކުންފުނިތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލު ކުރަން ވިސްނަނީ
ސަރުކާރުގެ ކުންފުނިތައް ނުވަތަ އެސްއޯއީތައް ރެގިއުލޭޓް ކުރުމަށް އޮންނަ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އުވާލައި އެ ކުންފުނިތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމާ މެދު ސަރުކާރުން ވިސްނަމުންދާ ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އުޝާމް މިގޮތަށް ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްއޯއީތައް އޮޑިޓް ނުކުރާތީ، އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ތަފްސީލު - އެ ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، ކުންފުނިތަކުގެ ކަންކަން ބެލުން ގާނޫނުން މަތިކޮށްފައި އޮންނަނީ ޕިސީބީއަށް ކަމަށެވެ. ނަމަވެެސް، ޕިސީބީ އުފެއްދުމުގެ މަގްސަދު ވެސް އޮޅޭ ވަރަށް ކަންކަން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން 500،000އެއްހާ މީހުންގެ އާބާދީއެއް އޮތް ގައުމުގައި މުއައްސަސާތައް ހަދަމުން، ހަދަމުން، ހަދަމުން، ހަދަމުން، ހަދަމުން ގޮސް އަޅުގަނޑުމެންނަށް މިހާރު ކަންކަމުގައި ޒިންމާވާން ޖެހޭނެ ފަރާތްތަކަކީ [ކޮބައިކަން] ނޭނގޭ މިންވަރަށް މުއައްސަސާތައް އުފެދިއްޖެ،" ޕީސީބީއަކީ އޭގެ އެއް މިސާލުކަން ފާހަގަކުރައްވައި ނިމިދިޔަ 19 ވަނަ މަޖިލީހުގައި ވިލިމާލެ ދާއިރާގެ މެންބަރުކަން ކުރެއްވި އުޝާމް ވިދާޅުވި އެވެ.
"ސަރުކާރުގެ ކުންފުންޏެއްގެ ކަންކަމުގައި ސަރުކާރަށް ބަސް ނުބުނެވޭ ހިސާބަށް ކަންކަން ހިނގައްޖެ. މުއައްސަސާތަކާއި މިނިވަން އިދާރާތަކާއި ތަންތަން ހަދަމުން، ހަދަމުން ގޮސް މި ދެންނެވިހެން ކުންފުނީގެ ކަންކަމުގައި ބަސް ބުނާނީ މިނިސްޓްރީތޯ، ސަރުކާރުތޯ، ޕީސީބީތޯ ނޭނގޭ ހިސާބަށް ކަންކަން ގޮސްފި."
އުޝާމް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ކުންފުނިތައް ރަނގަޅަށް ނުހިންގިގެން އުޅެނީ ވެސް "އެ ކުންފުނިތަކުގެ ކަންތައްތައް ބަލަނީ ކޮން ބައެއްކަން ނޭނގޭ ހިސާބަށް ކަންތައްތައް ގޮސް އޮތުމުން"ނެވެ.
"ޕީސީބީން ބަލާނެ ކަމަށް އެއް ބަޔަކު މި ތިބެނީ. މިނިސްޓްރީން ބަލާނެ ކަމަށް އަނެއް ބަޔަކު މި ތިބެނީ. ކުންފުނިތަކުގެ ކޮރަޕްޝަނާއި ކަންތައްތައް މި ވޭތުވެދިޔަ އަހަރުތަކުގައި އިންތިހާއަށް މައްޗަށް ދިޔައިރު، އެ ކަންތައްތައް ބެލޭނެ ގޮތެއް ވެސް ނެތް،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ، އަޅުގަނޑުމެން މި ސަރުކާރުން ވަރަށް ސީރިއަސްލީ ކޮންސިޑާ ކުރަމުންދާ ކަމެއް މިއީ، މިފަދަ ތަންތަން ބެހެއްޓުމަކީ ހަމަ ކުރަން ޖެހޭ ކަމެއްތޯ؟ ސަރުކާރުގެ ކުންފުނިތައް ރެގިއުލޭޓް ކުރުމަށްޓަކައި ވަކިން ތަނެއް ހަދައިގެން އުޅުމަކީ ހަމަ ކުރަން ޖެހޭ ކަމެއްތޯ އަޅުގަނޑުމެން ހަމަ ސީރިއަސްލީ އެބަ ކޮންސިޑާ ކުރަން."
އެއާ އެކު، އުޝާމް ވިދާޅުވީ ކުންފުނިތައް މީގެ ކުރިން ފިނޭންސް މިނިސްޓްރީގެ ދަށުގައި އޮތް އިރު މާ ރަނގަޅަށް ބެލެހެއްޓުނު ކަމަށެވެ. އެހެންކަމުން، ސަރުކާރު ލެވެލްގައި މިކަމުގައި ހުރި ފައިދާ އާއި ގެއްލުން ބަލައި މި މައްސަލައަށް ހައްލު ހޯދުމަށްޓަކައި ގާނޫނަށް އިސްލާހު ގެންނަން ޖެހިއްޖެ ނަމަ، ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (1)
ނަސީ