އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި (ފޮޓޯ/އެންވަޔަރަމަންޓް މިނިސްޓްރީ)
މޫސުން ގޯސްވެގެން ލިިބިދާނެ ގެއްލުން ދުރާލައި ލަފާކުރެވޭނެ ނިޒާމެއް ގާއިމްކުރަނީ
މޫސުން ގޯސްވެ ކުރިމަތިވެދާނެ ހާދިސާތަކުގައި ކުރާނެ އަސަރު ދެނެގަނެވޭނެ 'އިމްޕެކްޓް ބޭސްޑް ވެދާ ފޯކާސްޓް' ނިޒާމެއް ތައާރަފުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ތޯރިގު މިހެން ވިދާޅުވީ އެ މިނިސްޓްރީގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ކުރަމުން އަންނަ އެކި މަސައްކަތްތަކުގެ ތަފްސީލު އޭނާ މިއަދު ހިއްސާކުރެއްވި އެވެ.
ބުނީ ކީކޭ؟ - ތޯރިގު ވިދާޅުވީ ގައުމީ މޫސުމާ ބެހޭ އިދާރާ މެޓުން މިހާރު ރެކޯޑުކުރާ މައުލޫމާތުތަކަކީ މޫސުން ކުރިއަށް ލަފާކުރާ ގޮތް އެކަނި ކަމަށެވެ. އިމްޕެކްޓް ބޭސްޑް ވެދާ ފޯކާސްޓެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަނީ މޫސުން ގޯސްވާ ދަނޑިވަޅުތަކުގައި ކުރާނެ އަސަރުތައް އެއަށް ވުރެ ފުޅާކޮށް ކުރިއާލައި، ދެނެގަތުމަށް ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް ކޮޅިގަނޑެއް ނުވަތަ ވިލާގަނޑެއް އައިސްގެން އޭގެ ސަބަބުން ކޮން ކަހަލަ ގެއްލުންތަކެއްތޯ އެ ސަރަަހައްދަކަށް ވާނީ. ފެންބޮޑުވާނެތޯ ނުވަތަ އުދަ އަރާނެތޯ، ރާޅު އަރާނެތޯ، އޭގެ އަސަރުކުރާނީ ކިހާ ހިސާބަކަށްތޯ، ކޮން ރަށެއްގެ ކޮން ހިސާބަކަށްތޯ. އެ ދިމާލަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ނިޒާމު ރާއްޖެއަށް ތައާރަފުކުރެވޭތޯ އަންނަނީ މަސައްކަތްކުރަމުންނެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ކުރަމުން އަންނަ ކަންކަމުގެ ތެރޭގައި ފާހަގަކުރެއްވީ:
-
ރާޑަރު މަރާމަތުކޮށް ނެޓުވޯކް ފުޅާކުރުމުގެ މަސައްކަތް
-
ލައިޓްނިން ނެޓްވޯކް ގާއިމްކުރުމުގެ މަސައްކަތް
-
އޮޓޮމެޓިކް ވެދާ ސްޓޭޝަންގެ މަރާމާތުގެ މަސައްކަތް
-
ވެދާ ސްޓޭޝަންތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް