ހުޅުލޭގައި ހުންނަ ޑޮޕްލާ ވެދާ ރާޑަރު: ގިނަ ދުވަސްތަކަކަށް ފަހު މި ރާޑަރު މަރާމާތުކޮށް އަލުން ބޭނުންކުރަން ވަނީ ފަށާފައި. (ފައިލް ފޮޓޯ / ޕީއެސްއެމް)

މެޓް އޮފީހުގެ ޑޮޕްލާ ވެދާ ރާޑަރު މަރާމާތުކޮށް ބޭނުންކުރަން ފަށައިފި

މި ރާޑަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މޫސުން ބެލުމަށް ބޭނުންކުރެވޭ ފަދަ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ރާޑަރެއް؛ ރާޑަރުގެ އެހީގައި މޫސުން ލަފާ ކުރުމާއި ވައިގެ ދަތުރުފަތުރުގެ ސަލާމަތަށް ބޭނުންވާ މުހިއްމު މައުލޫމާތު ލިބޭނެ ކަމަށް މެޓުން ބުނޭ
7 އޮކްޓޯބަރު 2024
1

ގިނަ ދުވަސްތަކަކަށްފަހު މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް)ގެ ޑޮޕްލާ ވެދާ ރާޑަރަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް، މިއަދު ބޭނުންކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މެޓް އޮފީހުން ބުނި ގޮތުގައި، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މޫސުން ބެލުމަށް ބޭނުންކުރެވޭ ފަދަ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ މި ރާޑަރު މިހާރު ވަނީ މަރާމާތުކޮށް، 'އޮޕަރޭޝަނަލް ސްޓޭޓަސް'އަށް ގެނެވިފަ އެވެ.

އެނގުން މުހިއްމު - މި ރާޑަރުގެ އެހީގައި ހުޅުލެ އިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. މީގެ އިތުރުން:

  • ވާރޭ ވެހެމުންދާ ސަރަހައްދު، ވާރޭ ވެހެމުންދާ ބޯމިން، ވާރޭ ވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި ބާރުމިން ފަދަ މައުލޫމާތުތައް ބަލާލެވޭނެ 

  • ވިލާގަނޑު ވަކި ސަރަހައްދަކަށް ލައްވާލާނެ ކަމަށް އަންދާޒާ ކުރެވޭ ވަގުތު ދެނެގަނެވޭނެ އަދި އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މައުލޫމާތު ދެނެގަނެވޭނެ

މެޓުން ބުނާ ގޮތުގައި، މިއީ މޫސުން ކުރިއަށް ލަފާކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ފޯރުކޮށްދެވޭ ވަރަށް މުހިއްމު މައުލޫމާތުތަކަކަށް ވެގެންދާނެ ކަމެކެވެ.

"މި ރާޑަރު ގިނަ ދުވަސްތަކަކަށް ބޭނުންކުރެވޭގޮތަށް މަރާމާތު ކުރުމާއި ރާޑަރު ނެޓްވޯކް ފުޅާކޮށް ރާއްޖޭގެ އުތުރައި ދެކުނުގައި ވެސް ރާޑަރު ބަހައްޓާ މޫސުން ބެލުމާއި ދުރާލާ އިންޒާރުގޭ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަގެންދެ އެވެ،" އެ އިދާރާ އިން ބުންޏެވެ.

ކޮމެންޓް (1)

ޟަޒިން

7 އޮކްޓޯބަރު 2024
ކަންކަން ބޮއްސުން ލައްވާފައި ރީނދޫ ސަރުކާރުންފޭބީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް