އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓުކުރާ ޑޯނިއާ ބޯޓު ދުއްވުމުގެ ތަމްރީނު ހޯދި ދިވެހިންގެ ޕައިލެޓަކަށް އެކަމުގެ ބެޖު ހަވާލުކުރަނީ. (ފޮޓޯ/އެމްއެންޑީއެފް)

އަސްކަރީ މަތިންދާބޯޓު ދުއްވޭނެ ދިވެހި ޕައިލެޓަކު މިވަގުތު ނެތް: ޑިފެންސް

ޑޯނިޔާ ދުއްވަން ތަމްރީނު ކުރި 4 އޮފިސަރުންގެ ތެރެއިން 2 ޕައިލެޓަކު އެމްއެންޑީއެފް އިން ވަކިވެފައި ވާއިރު، އަނެއް 2 ޕައިލެޓުންގެ ރޭޓިން މުއްދަތު ވަނީ ހަމަވެފައި

އަސްކަރީ މަތިންދާބޯޓު ދުއްވޭނެ ޕައިލެޓަކު މިވަގުތު އެމްއެންޑީއެފްގައި ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިި އެވެ.

ވީ ކިހިނެއް؟ - އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތައް ދުއްވަން މީގެ ކުރިން ތަމްރީނުކުރި ދިވެހި ޕައިލެޓުންނަށް އެ ތަކެތި ދުއްވަން ނުދޭ ސަބަބުގެ މައުލޫމާތު ހޯދުމަށް ނޫސްވެރިޔާ ނާޒިމް ހަސަން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މައުލޫމާތު ދޭން އައިކޮމް އިން އެންގި އެވެ.

ނަމަވެސް، މައުލޫމާތު ނުދިނުމަށް ޑިފެންސް މިނިސްޓްރީން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އިއްޔެ އެ މިނިސްޓްރީން ވަނީ ރައީސްގެ އެންގެވުމުގެ މަތިން މައްސަލަ ހައި ކޯޓުން ނަގައިފަ އެވެ.

ތަފްސީލު - މައްސަލަ އަނބުރާ ގެންދިއުމަށް ފަހު ނާޒިމްގެ ސުވާލުތަކަށް ފޮނުވި ޖަވާބުގައި ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ޑޯނިޔާ ދުއްވުމަށް ދިވެހި ސިފައިންގެ ހަތަރު މީހަކު ތަމްރީނު ހެދި ކަމަށެވެ. އެގޮތުން:

  • އޭގެ ތެރެއިން އެއް ޕައިލެޓަކު ވަނީ އޮގަސްޓު 2022ގައި އެމްއެންޑީއެފް އިން ވަކިވެފައި؛ ދެ ވަނަ އޮފިސަރު ވަކިވީ އޮގަސްޓު 2023ގައި

  • ޑޯނިޔާ މަތިންދާބޯޓު ދުއްވަން ތަމްރީނު ހެދި އަނެއް ދެ އޮފިސަރުން އެމްއެންޑީއެފްގެ ވަޒީފާގައި ތިބި ނަމަވެސް އެ ދެ އޮފިސަރުންގެ ރޭޓިން ވަނީ ހަމަވެފައި؛ އެކަކުގެ ރޭޓިން ހަމަވީ މާޗު 2018ގައި އަދި އަނެއް އޮފިސަރުގެ ރޭޓިން މުއްދަތު ހަމަވީ މާޗު 2022ގައި

ޑިފެންސް މިނިސްޓްރީން ބުނީ މިވަގުތު ދިވެހި ސިފައިންގެ އެއްވެސް އޮފިސަރަކު ޑޯނިއާ މަތިންދާބޯޓު ދުއްވަމުން ނުދާ ކަމަށެވެ.

މިވަގުތު އެމްއެންޑީއެފްގެ އެއްވެސް އޮފިސަރަކު އިންޑިއާގައި އަސްކަރީ މަތިންދާބޯޓު ދުއްވުމުގެ ތަމްރީނު ހަދަމުން ނުދާ ކަމަށާއި ނަމަވެސް އެހެން ބައެއް ގައުމުތަކުގައި ބައެއް އޮފިސަރުން ޕައިލެޓު ޓްރެއިނިން ހަދަމުންދާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް