ބައިނަލްއަގުވާމީ ޖައްވީ އިދާރާގައި ހުރި އެސްޓްރޮނޯޓް މައިކް ނަގާފައިވާ ހުވަދު އަތޮޅުގެ ފޮޓޯއެއް.
ޖައްވުގެ ތެރޭން އެސްޓްރޮނޯޓްގެ ހިތްދަމައިގަތީ ރާއްޖޭގެ ރީތިކަމަށް
ދުނިޔެއާ 250 މޭލު ދުރުގައި ޖައްވުގައި ބުރުޖަހަމުން އަންނަ ބައިނަލްއަގުވާމީ ޖައްވީ އިދާރާއާ މިދިޔަ މާޗު މަހު ގުޅުނު، އެމެރިކާގެ އެސްޓްރޮނޯޓް ޑރ. މައިކް ބެރެޓް ވަނީ ޖައްވުގެ ދިރިއުޅުމުން އޭނާއަށް ފެނުނު ދުނިޔޭގެ ރީތި މަންޒަރުތައް އަހަރެމެންނާ ހިއްސާކޮށްފަ އެވެ.
އޭނާ ނަގައި ދުނިޔެއަށް ފޮނުވި ފޮޓޯތައް މިދިޔަ ހޯމަ ދުވަހު ނާސާއިން ސޯޝަލް މީޑިއާއަށް ދޫކޮށްލިއިރު، ރާއްޖޭގެ ޖަޒީރާ ރަށްތައް ފެންނަ ފޮޓޯގަނޑެއް އޮތެވެ. ނާސާއިން ބުނާ ގޮތުގައި، މައިކުގެ ކެމެރާއިން ނަގަމުން އަންނަ ފޮޓޯތަކުގެ ތެރެއިން މިއީ އޭނާއަށް އެންމެ ހިތްގައިމުވި ފޮޓޯތަކެވެ.
ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޝާއިއުކުރި ހަތަރު ފޮޓޯގެ ތެރެއިން ރާއްޖޭގެ ފޮޓޯއިން ފެންނަނީ ހުވަދު އަތޮޅުގެ ރަށްތައް ފެންނަ ފޮޓޯއެކެވެ. ހާރެއްހެން އުފެދިފައިވާ ހުވަދު އަތޮޅުގެ ރަށްތަކާއި ވިލު ނޫކުލައިގެ ފަޅުތަކެވެ. އެ ރަށްތަކުގެ މަތިން ދައުރުކުރަމުން އަންނަ އެކި ބައްޓަމަށް ހުރި ވިލާތަކެވެ. ބަލާ ފޫހި ނުވާ ރީތިކަމެކެވެ.
އެ ފޮޓޯއަށް ކޮމެންޓް ކުރި ބައެއް މީހުން ވަނީ ރާއްޖެ ނޭނގޭ ކަމަށް ބުނެފަ އެވެ. އަދި އެއީ އެހާ ރީތި ގައުމެއްކަން އެ މީހުންނަށް އެނގުނު އެއީ ފުރަތަމަ ފަހަރެވެ. ކޮމެންޓް ކުރި ބައެއް މީހުން އެ ރީތިކަމަށް ތިބީ އާޝޯހުވެފަ އެވެ.
"އަހަރެންނަށް ކުރިން ނޭނގި މި ގައުމަށް މިހާރު ދާހިތްވެއްޖެ،" ރާއްޖޭގެ ފޮޓޯއަށް ކޮމެންޓްކުރި މީހަކު ބުނެފައިވެ އެވެ.
ބައެއް ދިވެހިން ވަނީ ރާއްޖޭގެ އިތުރު އަތޮޅުތަކާއި ރަށްތަކުގެ ފޮޓޯތައް ހިއްސާކުރުމަށް ވެސް މައިކް ކައިރީގައި އެދިފަ އެވެ.
ރާއްޖޭގެ އިތުރުން ދެން އޭނާ ހިއްސާކުރި ދުނިޔޭގެ ފޮޓޯތަކުގައި ހިމެނެނީ ޔޫރަޕާއި އޭޝިއާއާ ދެމެދުގައިވާ ކޯކެސެސް ފަރުބަދަތަކާއި މެޑިޓަރޭނިއަން ކަނޑުގައިވާ މިސްރުގެ އައްސޭރި ފަށް އަދި އެޓްލާންޓިކް ކަނޑުގައިވާ ކޭޕް ކޮޑު އެވެ.
މައިކުގެ ޖައްވީ އިދާރާގެ ދަތުރު ނިންމާލުމަށް ފަހު އެނބުރި ދުނިޔެއަށް އަންނާނީ އަދި ދެތިން މަހެއްހާ ދުވަސް ފަހުންނެވެ.
ކޮމެންޓް (3)
އެގޮލާ
މަހުވާ
ކޮސް