މެލޭޝިއާގައި ބޭއްވި ގުރުއާން މުބާރާތުން ތިން ވަނަ ހޯދި ޝާޔާ، އިނާމާ ހަވާލުވަނީ.
މެލޭޝިއާގެ ގްރުއާން މުބާރާތަކުން ދިވެހި ދަރިވަރަކަށް 3 ވަނަ
މެލޭޝިއާގައި ބޭއްވި ބައިނަލްއަގުވާމީ ގުރުއާން މުބާރާތަކުން ދިވެހި ދަރިވަރަކަށް ތިން ވަނަ މިއަދު ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި މި މަހުގެ 5 އިން މިއަދުގެ ނިޔަލަށް ބޭއްވި 64 ވަނަ 'މެލޭޝިއަން އިންޓަނޭޝަނަލް އަލްގުރްއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ' (އެމްޓީއެޗްކިއުއޭ) މުބާރާތުގައި 52 ގައުމަކުން 76 ބައިވެރިން ބައިވެރިވެފައިވެ އެވެ.
ތަފްސީލު - މި މުބާރާތުން ތިން ވަނަ ލިބިފައި ވަނީ، ރާއްޖެ ތަމްސީލު ކުރި ފާތިމަތު ޝާޔާ ޒާހިރަށެވެ.
ޝާޔާ މި ހޯދި ކާމިޔާބީއަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މަރުބާ ދަންނަވައި 'އެކްސް'ގައި ޕޯސްޓެއް ކުރައްވާފަ އެވެ.
"މިއީ ރާއްޖެއަށް ލިބުނު ފަހުރެއް،" ޝަހީމްގެ ޕޯސްޓުގައި އޭނާ ލިޔުއްވާފައިވެ އެވެ.
މެލޭޝިޔާގައި ބޭއްވި ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ދަރިވަރު،ފާޠިމަތު ޝާޔާ ޒާހިރު މުބާރާތުން ތިންވަނަ ހޯދައިފި. މި އުފާވެރި މުނާސަބަތުގައި ޝާޔާއާއި އާއިލާއަށް ތަހުނިޔާއާއި ހެޔޮ ދުއާ ރައްދުކުރަން..މިއީ ރާއްޖެއަށް ލިބުނު ފަޚުރެއް. الحمد لله pic.twitter.com/GlW7KiiPl1
— Mohamed Shaheem Ali Saeed (@Mohamedshaheem1) October 12, 2024
ފާހަގަކޮށްލެވޭ ކަމެއް - ކޮންމެ އަހަރަކު ވެސް މެލޭޝިއާގައި ބާއްވާ މި މުބާރާތް މިފަހަރު ފެށުމުގެ ގޮތުން މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވެސް ވަޑައިގެންފައިވެ އެވެ.
ޝާޔާ:
-
މިދިޔަ އަހަރުގެ އޭޕްރީލްގައި މިސްރުގައި ބޭއްވި ގުރުއާން މުބާރާތަކުން ދެ ވަނަ ހޯދާފައިވޭ؛ އިނާމް ހަވާލުކޮށްދެއްވީ އެ ގައުމުގެ ރައީސް އަބްދުލްފައްތާހް އަލް-ސީސީ
-
މި އަހަރު ބޭއްވި ރާއްޖޭގެ ގައުމީ މުބާރާތުން ހާފިޒުންގެ ބައިން އެއް ވަނަ ހާސިލްކޮށްފައިވޭ
-
އުމުރުން 10 އަހަރުގައި ޝާޔާ ވަނީ ގުރުއާން ހިތު ދަސްކޮށްފައި
-
ތައުލީމް ހާސިލްކުރަމުން އަންނަނީ އިސްކަންދަރު ސްކޫލްގައި