އެޗްއާރުސީއެމް (ފައިލް ފޮޓޯ)

އެޗްއާރުސީއެމް

ވިސްލްބްލޯވާ ޔުނިޓްގެ ވެރިއަކަށް 5 އަހަރުގެ 2 ދައުރު އަދާ ކުރެވޭ ގޮތަށް ހަދައިފި

މީގެ ކުރިން މި މަގާމުގެ މުއްދަތަކީ ފަސް އަހަރު

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓްގެ ވެރިއަކަށް އެ މަގާމުގައި ގިނަވެގެން ފަސް އަހަރުގެ ދެ ދައުރު ހުރެވޭ ގޮތަށް ހަދައިފި އެވެ.

ވީ ކިހިނެއް؟ - އެޗްއާރުސީއެމްއިން މި ބަދަލު ގެނެސްފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓް ކުރި 'ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓު ހިންގާނެ ގޮތުގެ ގަވައިދު'އަށް ގެނައި ތިން ވަނަ އިސްލާހާ އެކު އެވެ.

ތަފްސީލު - ޖެނުއަރީ 2020ގައި އަމަލު ކުރަން ފެށި މި ގަވައިދަށް އެ އަހަރުގެ ޑިސެމްބަރުގައި ގެނައި އިސްލާހާ އެކު މިހާތަނަށް ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓްގެ ވެރިއަކަށް ހުރެވެނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

ގަވައިދަށް މިފަހަރު ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ:

  • މި މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަސް

  • ނަމަވެސް ކޮމިޝަނަށް ފެނިއްޖެ ހިނދެއްގައި އެ ވެރިއަކަށް އިތުރު ދައުރަކަށް އަލުން އައްޔަން ކުރުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބިގެންވޭ

  • އެގޮތުގެ މަތިން އައްޔަން ކުރި އިސްވެރިއަކަށް އެންމެ ގިނަވެގެން އަދާކުރެވޭނީ ދެ ދައުރު

މި އިސްލާހަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަމަލު ކުރަން ވަނީ ފަށާފަ އެވެ.

އެނގުން މުހިންމު - ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަކީ ވިސްލްބްލޯކުރާ ފަރާތްތަކަށް، 'ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ގާނޫނު'ގެ ދަށުން އެޗްއާރުސީއެމްގައި 2020 ވަނަ އަހަރުން ފެށިގެން އޮންނަ ޔުނިޓެކެވެ.

އެ ޔުނިޓަކީ، ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތްކޮށް، ވިސްލްބްލޯކުރާ ފަރާތްތަކުން ދޭ މައުލޫމާތުތައް ބަލައިގަނެ، ކަމާ ބެހޭ ތަހްގީގީ އިދާރާތަކަށް އެ މައުލޫމާތު ފޯރުކޮށްދޭ އިދާރާއެއްގެ އިތުރުން، ހުށަހެޅޭ މައުލޫމާތާ ގުޅިގެން ކުރަން ޖެހޭ ތަހްގީގުތައް ކުރާ އިދާރާއެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް