ޔޫއޭއީގެ އިނާމަށް ނޮމިނޭޓްވާ ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންތަކެއް އެސެމްބްލީއެއްގައި
150،000 ޑޮލަރުގެ އިނާމަކަށް ފާފު އަތޮޅު ތައުލީމީ މަރުކަޒު ނޮމިނޭޓް ވެއްޖެ
ސާފު ހަކަތަ އާއި ފެނާއި ކާނާ އަދި ސިއްހީ ހިދުމަތްތަކާ ގުޅޭގޮތުން ފާހަގަކޮށްލެވޭ މަޝްރޫއުތަކަށް ޔުނައިޓެޑް އެރެބް އެމެރޭޓްސް (ޔޫއޭއީ) އިން ދޭ 150،000 ޑޮލަރުގެ އިނާމަކަށް ރާއްޖޭގެ ފ. އަތޮޅު ތައުލީމީ މަރުކަޒު ނޮމިނޭޓް ވެއްޖެ އެވެ.
ވީ ކިހިނެއް؟- ޔޫއޭއީގެ ފައުންޑަރު ޒައިދު ބިން ސުލްތާން އަލް ނަހްޔާން ހަނދާނުގައި އެ ގައުމުން ކޮންމެ އަހަރަކު ވެސް ދޭ، 'ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް' އަކީ ދެމެހެއްޓެނިވި ހަކަތަ އާއި ސިއްހަތާއި ތައުލީމާ ގުޅުން ހުރި މަޝްރޫއުތަކަށް ދޭ އިނާމެކެވެ. މި އިނާމު، މީގެ ކުރިން ވަނީ ރާއްޖޭގެ އައްޑޫ ހައި ސްކޫލާއި ހިރާ ސްކޫލު ހޯދާފަ އެވެ.
މި އަހަރުގެ އިނާމަށް ފ. އަތޮޅު ތައުލީމީ މަރުކަޒު ނޮމިނޭޓް ވެފައިވަނީ ގްލޯބަލް ހައި ސްކޫލު ކެޓަގަރީ އިންނެވެ. މި ކެޓަގަރީއިން ދުނިޔޭގެ އެކި ހިސާބުތަކުން 18 ސްކޫލެއް ވާދަ ކުރެ އެވެ.
ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި:
-
ގްލޯބަލް ހައި ސްކޫލު ކެޓަގަރީ އިން އިނާމު ދޭނީ ހަ ސަރަހައްދަކަށް ބަހާލައިގެން
-
ކޮންމެ ސަރަހައްދަކުން ވެސް އެއް ސްކޫލަކަށް އިނާމު ލިބޭނެ
-
ސައުތު އޭޝިއާ ސަރަހައްދުން ފ. އަތޮޅު ތައުލީމީ މަރުކަޒަކާ އެކު ދެން ނޮމިނޭޓްވެފައިވަނީ ޕާކިސްތާނުގެ ސްކޫލަކާއި އުޒްބެކިސްތާނުގެ ސްކޫލެއް
އެންމެ ކަމުދާ މަޝްރޫއަކަށް އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 150،000 ޑޮލަރު (2.3 މިލިޔަން ރުފިޔާ) އެވެ.
ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަބްދުﷲ އަހުމަދު ވިދާޅުވި ގޮތުގައި އިނާމަށް އެ ސްކޫލު ހުށަހެޅި މަޝްރޫއަކީ މުޅި ސްކޫލު އެއްކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށްލުމެވެ. ދަރިވަރުން އިސްވެ ތިބެ، މުޅި ސްކޫލުގައި ސޯލާ ޕެނަލް ހަރުކޮށްފި ނަމަ، ކަރަންޓަށް ދެން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި އައްޑޫ ހައި ސްކޫލުން ވެސް އިނާމު ހޯދީ މި މަޝްރޫއު ހުށަހަޅައިގެން. މިހާރު އެ ސްކޫލު އެއްކޮށް އެ ހިންގަމުން އަންނަނީ ސޯލާ އެނާޖީއިން،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފ. އަތޮޅު ތައުލީމީ މަރުކަޒުގެ ކަރަންޓަށް، އެޑިއުކޭޝަން މިނިސްޓްރީން ކޮންމެ މަހަކު ވެސް އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރެ އެވެ. އެހެންވެ، ސޯލާ ޕެނަލްގެ އެހީގައި ސްކޫލަށް ކަރަންޓު ދެވިއްޖެ ނަމަ އެއީ ސަރުކާރަށް ވެސް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، އުފެއްދޭ ކަރަންޓު، ފެނަކައިގެ ފީޑަށް ގުޅައިގެން އެއިން އާމްދަނީ ވެސް ހޯދިދާނެ ކަމަށް ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑުމެންނަށް މުޅި ސްކޫލު އޭސީ ވެސް ކޮށްލެވޭނެ،" އަބްދުﷲ ވިދާޅުވި އެވެ.
"މި އިނާމު ލިބިއްޖެ ނަމަ އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ. ވަރަށް އުއްމީދު ކުރެވޭ ލިބޭނެ ކަމަށް."
އިނާމު ލިބޭ ފަރާތް ހޮވާނީ، އަންނަ ޖެނުއަރީ 14ގައި އަބޫދާބީގައި ބާއްވާ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތަށް ޕްރިިންސިޕަލް އާއި އޭލެވެލްއަށް ކިޔަވާ ދެ ކުއްޖަކަށް މިހާރު ވަނީ ދައުވަތު ލިބިފަ އެވެ.
ކޮމެންޓް (2)
މުސްކުޅި ދަރިވަރު
ކަފަކޮށީކަލޭގެ