ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ގުޅިފައިވާ ބަޔާނެއް ދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ރާއްޖެ ވަޑައިގަތުމަށް ދެއްވި ދައުވަތު މޯދީ ގަބޫލުކުރައްވައިފި
ރާއްޖެ އާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރަން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ދެއްވި ދައުވަތު މޯދީ ގަބޫލުކުރައްވާފައިވާ ކަަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ދެ ގައުމުގެ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް މޯދީ ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ރައީސް މުއިއްޒު ދައުވަތު ދެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު މޯދީއާ އެކު ބޭއްވެވި މަޝްވަރާތަކުގަ އެވެ.
ތަފްސީލް - ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅޭ މައުލޫމާތު ހިއްސާކުރަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ ރާއްޖެއަށް ދަތުރުފުޅެއް ކުުރުމަށް ރައީސް ދެއްވި ދައުވަތު ބޮޑުވަޒީރު މޯދީ ގަބޫލުކުރައްވާފައިވާ ކަމަށެވެ.
"އިންޑިއާއިން ރައީސް މުއިއްޒު އަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަތް ޑެލިގޭޝަނަށް ދިން މެހުމާންދާރީގެ ފުރިހަމަކަން ފާހަގަކުރެއްވި. އެމަނިކުފާނު ވަނީ އަންނަ އަހަރު ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ބޮޑުވަޒީރު މޯދީއަށް ދައުވަތު ދެއްވާފައި. އެ ދައުވަތު ވަނީ ގަބޫލުކުރައްވާފައި،" އޭނާ ވިދާޅުވި އެވެ.
ވިކްރަމް ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތީ ޒަމާންވީ ގުޅުމެއް ކަމަށާއި ރައީސްގެ ދަތުރުފުޅާ އެކު އެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.
ފަސް ދުވަހުގެ ދަތުރުފުޅުގައި ރައީސް މާދަމާ މުމްބާއީއަށް ވަޑައިގަންނަވާނެ އެވެ. ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ވަޑައިގަންނަވާނީ ބެންގަލޫރަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެންމެ ފަހުން މޯދީ ރާއްޖެއަށް ވަޑައިގެންފައި ވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ޖޫން 2019ގަ އެވެ. އޭގެ ކުރިން، ރައީސް ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ނޮވެމްބަރު 2018ގައި ވެސް މޯދީ ރާއްޖެ ވަޑައިގެންނެވި އެވެ.