ރައީސް މުއިއްޒުގެ ދެކަނބަލުންނަށް އިންޑިއާ އިން ރަސްމީކޮށް މަރުހަބާ ކިޔުން (ފޮޓޯ/އެކްސްޓާނަލް އެފެއާޒް)

ރާއްޖެ-އިންޑިއާ

ރައީސްގެ ދެކަނބަލުންނަށް އިންޑިއާ އިން ރަސްމީކޮށް މަރުހަބާ ކިޔައިފި

ރައީސްގެ ދެކަނބަލުން ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ އިންޑިއާގެ ބޮދުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް މުރުމޫ

ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް އިންޑިއާ ސަރުކާރުން ރަސްމީކޮށް މަރުހަބާ ކިޔައިފި އެވެ.

ވީ ކިހިނެއް؟ - އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ މިއަދު ހެނދުނު އެ ގައުމުގެެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގަ އެވެ.

ތަފްސީލް - ރައީސްގެ ދެކަނބަލުން ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ އިންޑިއާގެ ބޮދުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް މުރުމޫ އެވެ.

އެ ރަސްމިއްޔާތުގައި ދެ ގައުމުގެ ގައުމީ ސަލާމްކުޅެ، ރައީސްގެ ޝަރަފުގައި ހާއްސަ ގާޑް އޮފް އޮނާ އެއް އެރުވި އެވެ. މީގެ އިތުރުން އެ ދެކަނބަލުންގެ ޝަރަފުގައި އިންޑިއާގެ ސަގާފީ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

ރައީސްގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރާއި ސަރުކާރުގެ އިސް އޮފިޝަލުންނާއެކު ރަސްމީ މަޝްވަރާތައް މިއަދު ބާއްވަވާނެ އެވެ. އަދި ދެ ގައުމުގެ ދެމެދު އެކި އެއްބަސްވުންތަކުގައި މިއަދު ސޮއިކުރާނެ އެވެ.

ފަސް ދުވަހުގެ ދަތުރުފުޅުގައި ދިއްލީގެ އިތުރުން އާގަރާ އަށާއި މުމްބާއީ އަދި ބެންގަލޫރަށް ވެސް ރައީސް ވަޑައިގަންނަވާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް