ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް މަތިން ފެންނަ ފޮޓޯއެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ޕާކިން ބިލްޑިންތައް ހިންގަން އެޗުޑީސީ އާއި ޓްރާންސްޕޯޓް ގުޅިއްޖެ
އެޗުޑީސީއިން ހުޅުމާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންތައް އެޅުމާއި އޮޕަރޭޓުކުރުމުގައި ގުޅިގެން މަސައްކަތް ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެޗުޑީސީއާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި ސޮއިކުރެއްވީ:
-
ޓްރާންސްޕޯޓް މިނިސްޓަރު އަހްމަދު އަމީން
-
އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު
ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ މި އެއްބަަސްވުމުގެ މަގްސަދަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލައަށް ހައްލެއް ހޯދައިދިނުން ކަމަށެވެ. އެ މައްސަލައަށް ހޯދާ އެއް ހައްލަކީ، އަމީން ވިދާޅުވި ގޮތުގައި، ޕާކިން ބިލްޑިންތަކެއް އެޅުމެވެ.
"އެހެންވީމަ އެ ކަންތައް އިސްކޮށް ކުރަން ހަމަޖެހިފައިވާ ފަރާތަކީ އަދި އެ މަސައްކަތް ފަށާ ފަރާތަކީ އެޗުޑީސީ... އެޗުޑީސީއިން މިހާރު މި ފަށަނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް 4،000 ޕާކިން ޔުނިޓު އެޅުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ގަރާޖު ހުރިކަމަށް ބަލައިގެން ރަޖިސްޓްރީކޮށްދީފައިވާ ގިނަ އަދަދެއްގެ އުޅަނދުތައް މާލޭގެ އެކި ތަންތަނުގައި ޕާކުކުރާ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށެވެ. މާލޭގެ މަގުތައް އަމާން ތަނަކަށް ހެދުމަށްޓަކައި މިފަދަ އުޅަނދުތައް މަގުމަތިން ނަގާތީ ވެރިފަރާތަށް އުނދަގޫތަކެއް ވާ ކަމަށާއި ނަމަވެސް ގިނަ އަދަދެއްގެ ޕާކިން ސްލޮޓުތަކެއް ހެދުމުން އެ ފަރާތްތަކަށް ވެސް ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފްސީލު - އެޗުޑީސީގެ އެމްޑީ ފަޒުލް ވިދާޅުވި ގޮތުގައި، ޕާކިން ބިލްޑިންތައް އެޅުމުން ބޮޑު އަގުގައި ގަރާޖު ސިޓީ ވިއްކުން ނިމުމަކަށް އަންނާނެ ކަމަށެވެ.
"ގްރޭޓާ މާލެ އޭރިއާގެ ސަރަހައްދުތަކަށް ބަލައިލިޔަސް އެބަ އެނގޭ، ދިމާވެފައިހުރި ގޮންޖެހުންތައް. އަދި ވެހިކަލް ރަޖިސްޓްރީކުރުމުގައި ބްލެކް މާކެޓުގައި ފުދޭވަރެއްގެ ބޮޑު އަގުގައި ގަރާޖު ސިޓީ ހޯދަމުންދާ ކަމަކީ ވެސް އޮތް ހަގީގަތެއް. އެހެންވީމަ މި ހުރިހާ ކަމަކަށް ނިމުމެއް، ދާއިމީ ހައްލެއް މި އައީ،" ފަޒުލް ވިދާޅުވި އެވެ.
"މި ތަނުން ޕާކިން ސްލޮޓު ގަންނަ މީހަކަށް ލިބޭ ފުރުސަތަކީ އުމުރަށް އެ ޕާކިން ސްލޮޓް ލިބުން. މާނައަކީ އެ މީހެއްގެ އެ ޕްލޮޓް ލިބޭނެ، އެޕާޓްމަންޓެއް އޯންކުރާ އުސޫލުންނޭ މި ކޮޅުން ވިއްކަން ހަމަޖެހިފައި މިއޮތީ. ބޭންކިން ސިސްޓަމްގެ ތެރެއިން ފައިސާ ދައްކާ އުސޫލު ވެސް ޑައިރެކްޓް ޕޭމަންޓް ވެސް ގަބޫލުކުރާނަން."
-
ޖުމްލަ 15 ޕާކިން ބިލްޑިން އަޅާނެ
-
ކާރު ޕާކިންއަށް 3،920 ސްލޮޓު އަދި ސައިކަލު ޕާކިންއަށް 3،426 ސްލޮޓު
-
90% ސްލޮޓު ވިއްކާނީ ބީލަމުގެ އުސޫލުން
-
ކޮންމެ ޕާކިން ބިލްޑިންގެ %10 ހާއްސަކުރާނީ ވިޒިޓާ ޕާކިންއަށް
-
ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ޕާކިން ސްލޮޓްތަކެއް ކޮންމެ އިމާރާތެއްގައި ހުންނާނެ
-
ހުރިހާ ބިލްޑިންތަކަށް ކަރަންޓު ދޭނީ ސޯލާއިން؛ ބިލްޑިންތައް އޮޕަރޭޓުކުރާނީ އޮޓޮމޭޓަޑް ސިސްޓަމަކުން
-
ހުރިހާ ބިލްޑިންތަކުގަ ސަވެއިލަންސް ހުންނާނެ
-
ޕާކިން ބިލްޑިންއަށް ގަރާޖު ސިޓީ ދޫކުރާނެ؛ ކޮންމެ ސިޓީއަކަށް ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ
-
ޕާކިން ސްލޮޓު ގަންނަ މީހުންނަށް އެ ސްލޮޓު އެހެން ފަރާތަކަށް ވިއްކަން ނުވަތަ ކުއްޔަށް ދިނުމުގެ ފުރުސަތު ލިބޭނެ
ޕާކިން ބިލްޑިން އަޅާނެ ބަޔަކު ހޯދަން އެޗުޑީސީއިން މިދިޔަ މަހު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. ފަޒުލް ވިދާޅުވީ އެކަމަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ކުރިމަތިލި މީހުންގެ އިވެލުއޭޝަން މި މަހު ފަހުކޮޅުގައި ނިންމާލުމަށްފަހު ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި އަމަލީ މަސައްކަތް ފެށޭވަރު ވާނެ ކަމަށެވެ. އަދި ނިންމާލެވޭނެ ކަމަށް ލަފާކުރެއްވީ އެއް އަހަރުގެ ތެރޭގައިކަން އޭނާ ފާހަގަކުރެއްވި އެވެ.
މިހާރު އިވެލުއޭޝަން މަރުހަލާ ކުރިއަށްދާތީ ޕާކިން ބިލްޑިންތަކުގެ ސްލޮޓު ކުއްޔަށް ދޭން ނިންމާފައިވާ ސީދާ ވަކި އަގެއް ފަޒުލް ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑަށް ޔަގީންކަން އޮތް އެއް ކަމެއް އެބައޮތް. ބޭންކުތަކުން އާންމުކޮށް މިހާރު ލުއި ލޯނު ވެސް ދޭ ރޭންޖުގެ ތެރޭގައި ޕާކިން ބިލްޑިންތައް ހިމެނޭނެ ކަމަށް އުންމީދުކުރަނީ. އެހެންވީމަ ފަސް އަހަރުން ބަހާލައިގެން ބޭންކަށް ފައިސާ ދައްކާ އުސޫލުން ދާއިމީ ގޮތެއްގައި ޕާކިން ސްލޮޓު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.