އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިދިޔަ ޖޫން މަހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އައިސީޖޭގައި އޮތް ގާޒާ މައްސަލައަށް ވަންނަން ރާއްޖެއިން ހުށަހަޅައިފި
އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ދައުވާކުރާ މައްސަލައަށް ރާއްޖެއިން ތަދައްހުލުވާން މިއަދު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ދެކުނު އެފްރިކާއިން މިދިޔަ އަހަރުގެ 29 ޑިސެމްބަރުގައި ހުށަހަޅައި އައިސީޖޭގައި ކުރިއަށްދާ 'އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް އިން ދަ ގާޒާ ސްޓްރިޕް' މައްސަލައިގައި ބުނެފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަންއާ ހިލާފު އަމަލުތަކެއް ކަމަށެވެ.
ތަފްސީލް - މި މައްސަލައަށް ރާއްޖެއިން ތަދައްހުލުވުމަށް 'ޑެކްލެރޭޝަން އޮފް އިންޓަވެންޝަން' މިއަދު ހުށަހަޅާފައިވާ ކަމަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން މީގެ ކުޑައިރުކޮޅެއް ވަނީ ބުނެފަ އެވެ. އެ މައްސަލައަށް ރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓަކީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އެވެ.
މިކަމާ ގުޅިގެން އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި:
-
ރާއްޖެއިން މިއަދު ހުށަހެޅި އިންޓަވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން 'އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް' އަދި 'ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް' މާނަކޮށްފައިވާ ގޮތާ ގުޅޭގޮތުން
-
އިޒްރޭލުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ އަމަލުތައް ކުށްވެރިކޮށް، އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ޖަރީމާތަކެއް ކަމަށް ދިވެހި ސަރުކާރުން ދަނީ ބައިނަލްއަގްވާމީ މައިދާންތަކުގައި ކެނޑިނޭޅި ވަކާލާތުކުރަމުން
ގުޅުންހުރި - ރައީސް މުހައްމަދު މުއިއްޒު ވަނީ، ގާޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމަކީ އިންސާފާއި ބައިނަލްއަގްވާމީ ނިޒާމަށް މަލާމާތެއް ކަމަށް ވިދާޅުވެ އ.ދ.ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވާފަ އެވެ. އަދި އ.ދ.ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނާ ހިލާފު މި ނިރުބަވެރިކަމުގެ އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީ ކުރުވެން ޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ގާޒާގައި ގަތުލުއާންމެއް ހިނގުމަށް މެދުވެރިވެދާނެ އެއްވެސް އަމަލެއް ނުކުރުމަށާއި ގާޒާއަށް އެހީވުމަށް އައިސީޖޭ އިން ވަނީ މިދިޔަ ޖެނުއަރީ މަސްތެރޭ އަމުރު ކޮށްފަ އެވެ. ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އައިސީޖޭގެ ނިންމުމާ ދެކޮޅު ހައްދަވާފަ އެވެ.
މީގެ އިތުރުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އިޒްރޭލުން ހިންގަނީ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށް ކަނޑައަޅައި ފަލަސްތީނުގެ ބިންތަކުން އިޒްރޭލު ފައިބަން މިިދިޔަ ޖުލައި މަސްތެރޭ ވެސް އައިސީޖޭ އިން ވަނީ ލަފާއެއް ނެރެފަ އެވެ.
ކޮމެންޓް (1)
ސޭކުސްތާން