ހިރާ ސްކޫލުގެ ދަރިވަރުންތަކެއް އެ ރަށު މާކިޅި ކައިރީ ބައިސްކަލުގައި މަޑުކޮށްލައިގެން
މި ދަރިވަރުންގެ އުއްމީދުތައް ހަފުތާއެއްގެ ތެރޭގައި ފެނަށް
އައްޑޫގެ 'ފެހެލެ ކިޅި' ކައިރީ ހުއްޓި ހުރެ، މީގެ ދުވަސްކޮޅެއް ކުރިން، ހިރާ ސްކޫލުގެ ދަރިވަރު މަރިޔަމް އިޝްރާން އަލީ ޒަރީފް، ވަރަށް ފަހުރުވެރިކަމާއެކު އެތަނާ ގުޅޭގޮތުން ވާހަކަ ދެއްކި އެވެ. އަހަރުތަކެއް ވާންދެން، ކުނިބުނިން ފުރިފައި އޮތް އެ ކުޅި ސާފުކޮށްލައި، ރީތިކޮށް ފެންނަން އޮތުމަކީ އިޝްރާންގެ ނަޒަރުގައި ހުވަފެނެއް ހަގީގަތަކަށްވުމެވެ.
ފަތާއި ގަހުގެ މުލާއި ހުއްޓުމެއް ނެތި މީހުން އަޅާ ކުނިބުނިން ފޮރުވިފައި އޮތް އެ ކުޅި ސާފުކޮށް، ފެން ދައުރުވާތަން ފެނުމަކީ ހަގީގަތުގައި ވެސް އެ ދަރިވަރުންނަށް ލިބުނު ހާއްސަ އުފަލެކެވެ. އެތަން ތަނާ ބެހޭގޮތުން މައުލޫމާތު ހޯދައި، ދިރާސާތައް ހެދުމަށް ހިރާ ސްކޫލުގެ ދަރިވަރުން އައްޑޫގެ ކުޅިތަކަށް އާއްމުކޮށް ދެ އެވެ. ކުޅިތައް އޮންނާނެ ގޮތާއި އެތަން ތަރައްގީކޮށް ބޭނުން ހިފިދާނެ ގޮތްތަކާ މެދު ހިރާ ސްކޫލުގެ ދަރިވަރުން ޕްލޭނެއް ހަދާތާ މިހާރު ތިން އަހަރުވެއްޖެ އެވެ.
އެހެންވެ، އައްޑޫ ކައުންސިލުން އިސް ނަގައިގެން އެތަން ސާފުކުރަން ފެށުމަކީ، ދަރިވަރުންގެ ނަޒަރުގައި އެ ކުދިންގެ ތަސައްވުރަށް ވާސިލްވުމުގެ ފުރަތަމަ ހަރުފަތެވެ. ކުޅީގެ ކައިރީގައި ހެދިފައިވާ ގަސްތައް އުފުރާ ނޮޅައި، ފެންގަނޑު ސާފުކުރަން ދަރިވަރުން އަމަލީ ގޮތުން ބައިވެރިވުމުން ވެސް، އެ ރީތިކަމަށް އެ ކުދިން ބޭނުންވެފައިވާ މިންވަރު ވަޒަން ކުރެވެ އެވެ.
އެކަމަކު ސާފުކުރިތާ ހަފުތާއެއް ފަހުން، އަނެއްކާ ވެސް އެ ސްކޫލުން އާއްމު ކުރި ވީޑިއޯއަކުން އިޝްރާން ފެނުނީ ވަރަށް މާޔޫސްވެފައި ހުއްޓަ އެވެ. ވަރަށް ފަހުރުވެރިކަމާއި ޖޯޝާއެކު، ކުޅީގެ ރީތިކަން ކިޔައިދެމުން ދިޔަ އެ ދަރިވަރަށް ދެން ޖެހުނީ އަނެއްކާ ވެސް ބަޔަކު ކުޅިއަށް އަޅާފައި ހުރި ކުނިތައް ދައްކާލާށެވެ.
"މީގެ ހަފުތާއެއް ކުރިން އައްޑޫ ކައުންސިލާއި ގިނަ ބަޔަކު މިތަން ސާފުކުރީ ވަރަށް ބޮޑު، ފުނި އުއްމީދަކާއެކުގައި. އެކަމަކު އަނެއްކާ ވެސް މިއަދު މިތަނުން މި ފެނުނީ ހިތްފަޅައިގެން ދާވަރުގެ މަންޒަރެއް،" އިޝްރާން ބުންޏެވެ.
އޭނާ ދެން ދައްކާލީ ގެއަކުން ކުޅި ކައިރިއަށް އުކާލާފައި ހުރި، ކުނިތަކެވެ. ބައެއް ތަކެތި ހަލާކުވެ، ކުނިވެ ފުޅައަޅާފައިވާ ތަނެވެ. އުމުރުން 15 އަހަރުގެ އިޝްރާންގެ ބަހުން ނަމަ "ދޮވާ ކުނި ވަހަކުން މި ސަރަހައްދުން ދަތެރެ ނިވެއި" އެވެ.
މިއީ ސްކޫލުގެ ޕްރިންސިޕަލް މަރިޔަމް ސިތާރާ ވެސް ވިދާޅުވި ގޮތުގައި ދަރިވަރުންނަށް މާޔޫސްކަމާއި ހިތްދަތިކަން ގެނުވި މަންޒަރެކެވެ.
"މި ސްކޫލުގެ ދަރިވަރުން ވަރަށް ގިނައިން ކުޅިތަކަށް ގޮސް، ކަންކަން ހޯދާ ބަލާނެ. ކުޅިތައް ތަރައްގީ ކުރާނެ ގޮތާ ގުޅޭގޮތުން ދަރިވަރުންގެ ވަރަށް ގިނަ ހިޔާލާއި ތަސަައްވުރު އެބަހުރި. ކައުންސިލުން އެތަން ސާފުކުރަން ފެށީމައި ކުދިން ތިބީ ވަރަށް އުފަލުން،" ސިތާރާ ވިދާޅުވި އެވެ.
"އެކަމަކު ދުވަސްކޮޅެއް ފަހުން ބައެއް އާއްމުންގެ ފަރާތުން ކުދިންނަށް މި ފެނުނީ އެހެން މަންޒަރެއް."
ރާއްޖޭގެ އެހެން ގިނަ ސްކޫލުތަކާ ހިލާފަށް ހިރާ ސްކޫލުގައި ކިޔަވައިދެނީ، ވަށައިގެންވާ މާހައުލާ ގުޅުވާލައިގެން، ދަރިވަރުން ކުރިއަށް ދާނެ މަގުތައް ދައްކައިދީގެންނެވެ. އެ ސްކޫލުގެ ގްރޭޑް 7 އިން މަތީގެ ކޮންމެ ދަރިވަރަކީ ވެސް، ކޮންމެވެސް ކަހަލަ ލީޑަރެކެވެ. ކޮންމެ ވެސް ކަމަކާ ގުޅޭ ކޮންމެވެސް 'އޮފިސަރެެކެވެ.' ތިމާވެށި ރައްކާތެރިކުރާ އޮފިސަރުންނާއި ހައްގުތަކަށް މަސައްކަތް ކުރާ އޮފިސަރުންނާއި ސޯޝަލް ވެލްފެއާ އޮފިސަރުން ސްކޫލުގައި އުޅެ އެވެ.
ސިތާރާ ވިދާޅުވި މާބޮޑު ބޭނުމެއް ނުހިފި، ކުނި އަޅާތަނެއްގެ ގޮތުގައި މިހާރު އޮތް އެ ތަންތަނުން އެ އޮފިސަރުންނަށް އުއްމީދީ ތަސައްވުރެއް ފެނެ އެވެ. މިހާރު ކުނިގޮނޑަކަށް ވެފައި އޮތަސް، ފަހުން އެތަނުގައި ހިނގާލައި، ގުދުރަތީ ރީތިކަމުން ހިތްހަމަ ޖެހުން ހޯދިދާނެ އެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުޅިވަރުތައް ތައާރަފްކުރެވިދާނެ އެވެ. އެ ކުޅިތަކުން އެ ކުދިންނަށް އައްޑޫގެ ކުރިމަގު ފެނެ އެވެ.
މިދިޔަ އަހަރު ސްކޫލު ނިންމި ދަރިވަރުން، ނުނިމި އޮތް އެ ޕްލޭން ދޫކޮށްލީ ދެން ތިބި ދަރިވަރުންގެ އަތްމައްޗަށެވެ. ދަރިވަރުންގެ ގިނަ ވަގުތުތަކަކާއި ހިޔާލުތަކެއް އެކަމަށް ހުސް ކުރި އެވެ. އެކަމަކު ޕްލޭން ނިންމައި، އާއްމު ކުރަން އުޅެނިކޮށް، އަދި ބަޔަކު އިސް ނަގައިގެން ކުޅިތައް ސާފުކުރި ތަނުން ބަޔަކު ނުުކުމެ، އަނެއްކާ ވެސް ދައްކައިދިނީ ނުބައި ނަމޫނާ އެކެވެ.
އެކަމުން މާޔޫސްކަން ގެނެސްދިން ނަމަވެސް ދަރިވަރުންގެ ހިތްވަރު ދުލެއް ނުކުރެ އެވެ. އެ ކުދިން އެދުނީ އާއްމުން ހޭލުންތެރިވުމަށެވެ. ކުނި އަޅާތަން ފެނިއްޖެ ނަމަ، ކަމާ ބެހޭ ފަރާތްތަކަށް އަންގައިދިނުމަށެވެ. ކޮންމެ ރަށަކަށް ލިބިފައި ނުވާ އެ ނިއުމަތް، ދެމެހެއްޓުމަށް އާއްމުން އެހީތެރިވެ ދިނުމަށެވެ.
ކޮމެންޓް (1)
ކޮސް