އައިޔޫއެމްގެ އައިސީއައިއޭ ކޮންފަރެންސް (ފޮޓޯ/އައިޔޫއެމް)

އައިޔޫއެމްގެ އައިސީއައިއޭ ކޮންފަރެންސް ނިންމާލައިފި

ރާއްޖެ އާއި ރާއްޖޭން ބޭރުގެ 402 އިލްމީ ބޭފުޅުންނާ އެކު ކުރިއަށް ގެންދިޔަ ކޮންފަރެންސަށް ތިން ބަހަކުން 113 ދިރާސާ ކަރުދާސް ހުށަހެޅި
30 ސެޕްޓެމްބަރު 2024

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކޮންފަރެންސް މިއަދު ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖެ އާއި ރާއްޖޭން ބޭރުގެ 402 އިލްމީ ބޭފުޅުންނާ އެކު ކުރިއަށް ގެންދިޔަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓު (އައިސީއައިއޭ) ކޮންފަރެންސް މި އަހަރު ކުރިއަށް ގެންދިޔައީ ހަތަރު ދުވަހުގެ މުއްދަތަށެވެ.

އައިޔޫއެމްގެ އައިސީއައިއޭ ކޮންފަރެންސް (ފޮޓޯ/އައިޔޫއެމް)

ތަފްސީލު - އައިޔޫއެމް އިން ބުނީ މި އަހަރުގެ ކޮންފަރެންސަށް ތިން ބަހަކުން ޖުމްލަ 113 ދިރާސާ ކަރުދާސް ހުށަހެޅި ކަމަށެވެ.

ކޮންފަރެންސްގެ ތެރެއިން:

  • ފުރަތަމަ ދެ ދުވަހު 12 ޕްރީ ކޮންފަރެންސް ވޯކްޝޮޕް ކުރިއަށް ގެންދިޔަ

  • ކޮންމެ ވޯކްޝޮޕެއްގައި 60އަށް ވުރެ ގިނަ މީހުން ބައިވެރިވި

  • ކޮންފަރެންސްގެ ބައިތައް އޮތީ އިއްޔެ އާއި މިއަދު

  • 184 ކަރުދާސް ކޮންފަރެންސްގައި ބައިވެރިކުރަން ހުށަހެޅި؛ އޭގެ ތެރެއިން ބަލައިގަތީ 113 ކަރުދާސް

  • އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ބަހުން ހުށަހަޅާފައިވާ 83 ކަރުދާހާއި ދިވެހި ބަހުން ހުށަހަޅާފައިވާ 12 ކަރުދާސް އަދި އަރަބި ބަހުން ހުށަހަޅާފައިވާ 18 ކަރުދާސް

  • 402 ބައިވެރިންގެ ތެރެއިން 82 ބައިވެރިންނަކީ ރާއްޖޭން ބޭރުގެ ފަރާތްތައް

  • މެލޭޝިއާ، ބުރުނާއީ އަދި އިންޑޮނޭޝިއާގެ ޔުނިވާސިޓީތަކުގެ ޕްރޮފެސަރުންނާއި ލެކްޗަރާ އިން ހިމެނޭ

އައިޔޫއެމްގެ އައިސީއައިއޭ ކޮންފަރެންސް (ފޮޓޯ/އައިޔޫއެމް)

އައިޔޫއެމް އިން ބުނީ މި އަހަރުގެ ކޮންފަރެންސަށް ގިނައިން ހުށަހަޅާފައިވަނީ ތައުލީމީ ދާއިރާއާ ގުޅޭ ކަރުދާސް ކަމަށެވެ. މީގެ އިތުރުން، ގާނޫނީ ދާއިރާ އާއި މެނޭޖުމެންޓު ދާއިރާ އިން ވެސް ކަރުދާސް ހުށަހެޅި ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

ފާހަގަ ކުރެވޭ - ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަނީ އައިޔޫއެމްގެ ޕޯސްޓް ގްރެޖުއޭޓް ލައުންޖާއި ދެ ރިސާޗް ޖާނަލް އިފްތިތާހުކޮށްދެއްވައިފަ އެވެ.

އެ ޖާނަލްތަކަކީ:

  • އިންޓަނޭޝަނަލް ޖާނަލް އޮފް އިމާޖިން ޕާސްޕެކްޓިވްސް އިން އެޑިއުކޭޝަން (އައިޖޭއީޕީއީޑީ)

  • އިންޓަނޭޝަނަލް ޖާނަލް އޮފް އިމާޖިން އިޝޫސް އިން މެނޭޖްމަންޓް، އެކައުންޓިން އެންޑް ޓެކްނޮލޮޖީ (އައިޖޭއީއެމްއޭޓީ)

އެނގުން މުހިއްމު - އިލްމު ހިއްސާކޮށް އުނގެނުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރުމުގެ މަގުސަދުގައި އައިޔޫއެމް އިން އައިސީއައިއޭ ކޮންފަރެންސް ބާއްވަން ފެށީ 2016 ވަނަ އަހަރު އެވެ.

މި ކޮންފަރެންސަކީ ރާއްޖޭގައި ބާއްވާ އިލްމީ އެންމެ ބޮޑު އެއް ކޮންފަރެންސެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް