އެއްވެސް ވެރިޔަކަށް މަޖިލިހުގެ ސުޕަ މެޖޯރިޓީ ދިނުން ގޯސް: ޒިޔާދު
ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) މިދިއަ ފަސް އަހަރު ތަޖުރިބާކުރެއްވީ އޭނާގެ ޕާޓީގެ ވެރިކަމާއި އެ ޕާޓީން ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީގައި ކުރި ކަންކަމެވެ.
މިއަދުގެ މަޖިލިހުގައި އެމްޑީޕީގެ ތިބީ އެންމެ 12 މެމްބަރުންނެވެ. ރައީސް މުހައްމަދު މުއިއްޒުގެ ޕީއެންސީގެ ސަރުކާރަށް ރައްޔިތުން ދިނީ އެމްޑީޕީއަށް ވެސް ނުދޭވަރުގެ ބޮޑު އަގުލަބިއްޔަތެކެވެ.
އެކަމަކު ޒިޔާދުގެ ތަޖުރިބާގައި ވިދާޅުވީ އެއްވެސް ވެރިޔަކަށް މަޖިލިހުގެ ސުޕަ މެޖޯރިޓީ ދިނުން ގޯސް ކަމަށެވެ. އެއީ މިދިއަ ފަސް އަހަރާއި މިހާރުގެ މަޖިލިހުގެ މިދިއަ ހައެއްކަ މަހުގައި އޭނާއަށް ދަސްވި ފިލާވަޅު ކަމަށް ގަބޫލުކުރައްވަ އެވެ.
"އެއްވެސް ވެރިޔަކަށް، އެއްވެސް ވެރިޔަކަށް، ސުޕަ މެޖޯރިޓީ މަޖިލިހުން ދިނުމަކީ އެއީ ރަނގަޅު ކަމެއް ނޫން،" ތަކުރާރުކޮށް 'އެއްވެސް ވެރިޔަކަށް' މި ދެ ލަފުޒު ވިދާޅުވަމުން ޒިޔާދުގެ ވާހަކަ ކުރިއަށް ގެންދެވި އެވެ.
"އެމްޑީޕީގައި ވެސް ހަގީގަތުގައި އަޅުގަނޑަށް ފާހަގަކުރެވުނީ ވެރިކަން އޮވެފައި، ސުޕަ މެޖޯރިޓީ މަޖިލިހުގައި އޮވެފައި ޒިންމާދާރުކުރުވަން ބަޔަކު ނެތުމުގެ ނަތީޖާއޭ އެ ވެރިކަމުގައި ބޮއްސުންލައިގެން ދިޔަ ކަމެއް ވިއްޔާ ގޮސް އެހުރީ."
އެކަމަކު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިހާއި ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މިހާރުގެ މަޖިލިހުގައި ކަންކަން ކުރަމުން ދާ ގޮތް ތަފާތެވެ. އެމްޑީޕީ ސަރުކާރުން ފޮނުވި ހުރިހާ ބިލަކަށް ވެސް ހަތަރު ގަޑިއިރު ބަހުސްކޮށް، މެމްބަރުންގެ ހިތްހަމަނުޖެހުމެއް އޮތް ނަމަ އެކަން ވެސް ފާހަގަކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޒިޔާދު ވިދާޅުވީ ޕީއެންސީގެ ސުޕާ މެޖޯރިޓީގައި މަޖިލިހުގެ 'އިޖުރާއަތަކީ ރައީސުލްޖުމްހޫރިއްޔާގެ ހިތް' ކަމަށެވެ.
"މަޖިލިހުން ގެންނަން ބޭނުންވާ ބަދަލުތައް، މިހާރު ވެސް ޔައުމިއްޔާ ބެލީމާ ފެންނާނެ، މަޖިލީހުން ބަދަލުގެނެސް ސަރުކާރުން ބުންޏަސް [އޭރު] ފާސްކުރަނީ. އެެހެންނަމަވެސް ސަރުކާރުން ބުނާ ކަންކަން ކުރޭ، ނުކުރެއެކޭ ނޫން،" ޒިޔާދު ވިދާޅުވި އެވެ.
"އެކަމަކު މިއަދު ހާލަތު ވަރަށް ތަފާތު. ވިހި ވަނަ މަޖިލިހުގައި އެންމެ އިޖުރާއާތެއް އޮންނަނީ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ހިތް. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކޮންމެ ގޮތަކަށް އެކަން ކުރަނީ."
'ދައުރު'ގެ ޕޮޑްކާސްޓް 'މޫސާ ލަތީފް'ގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ އެއްވެސް ވެރިޔަކަށް ދިނުން ގޯސްވަނީ އެ ހާލަތުގައި ރާއްޖޭގެ ހުރިހާ ބާރެއް ރައީސްގެ އަތްޕުޅުމައްޗަށް ދާތީ އެވެ. ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ކޮންޓްރޯލްކުރުމަކީ، ޒިޔާދު ވިދާޅުވި ގޮތުގައި، ޖުޑިޝަރީ ވެސް ކޮންޓްރޯލްކުރުމެވެ. އެހެންކަމުން ވެރިކަން އޮވެފައި ރައްޔިތުންގެ މަޖިލިހުގެ ކޮންޓްރޯލް ވެސް ސަރުކާރަށް ދިއުމުން ރާއްޖޭގައި 'މި އޮންނީ އެއް ބާރު' ކަމަށާއި އެއީ 'ވެރިކަންކުރާ ބާރު' އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް