މޯލްޑިވްސް ކާގޯ ތައިލެންޑް މެދުވެރިވެގެން ރާއްޖެއަށް ގެންނަން ތައްޔާރުކޮށްފައި ހުރި މުދާތަކެއް (ފޮޓޯ/މޯލްޑިވްސް ކާގޯ ތައިލެންޑް، ފޭސްބުކް)

ވިޔަފާރި

ތައިލެންޑްގެ ކުންފުންޏަކާ ދެކޮޅަށް ދިވެހި ދެ ވިޔަފާރިވެރިޔަކު އެ ގައުމުގެ ފުލުހަށް މައްސަލައެއް ހުށަޅައިފި

ސަޕްލަޔަރުންނަށް ދޭ ފައިސާ އެ ކުންފުނިން ފޯރުކޮށްނުދިނުމުގެ މައްސަލަ ދިމާވާ ކަމަށް އެ ވިޔަފާރިވެރިން ބުނޭ

ތައިލެންޑުގެ ފޯވާޑިން އެޖެންސީއެއްގެ ފްރޯޑް މައްސަލަތަކެއް ރާއްޖޭގެ ދެ ކުންފުންޏެއްގެ ފަރާތުން އެ ގައުމުގެ ފުލުހުންނަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ތައިލެންޑްގައި ހިންގާ 'މޯލްޑިވްސް ކާގޯ ތައިލެންޑް'އާ ގުޅުން ހުރި ދެ މައްސަލައެއް ތައިިލެންޑުގެ ފުލުހުންނަށް ހުށަހެޅިކަން ހާމަަކުރެއްވީ ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް އޭނާގެ ސޯޝަލް މީޑިއާގަ އެވެ.

ތަފްސީލް - ރާއްޖޭގައި ގަހާއި ގަސްކާނާ ފުޅާ ދާއިރާއެއްގައި ވިއްކާ ޕްރައިމް ފާޓިލައިޒާސް މޯލްޑިވްސްގެ ފަރާތުން ވާހަކަދައްކަވަމުން ނިޔާޒު މިއަދު 'ދައުރު'އަށް ވިދާޅުވީ މޯލްޑިވްސް ކާގޯއާ އެކު ވިޔަފާރީގެ ގުޅުން އޮންނަތާ ފަސް ވަރަކަށް އަހަރު ވެދާނެ ކަމަށެވެ.

މައްސަލައިގެ އިތުރު ތަފުސީލު ދެއްވަމުން އޭނާ ވިދާޅުވީ:

  • ތައިލެންޑުގެ ގާނޫނު އޮންނަ ގޮތުން އެ ގައުމުގެ ވިޔަފާރިއަކަށް ބޭރު ފައިސާ ފޮނުވޭނީ ތައިލެންޑްގެ އެކްސްޕޯޓް ލައިސަންސް އޮންނަ ކުންފުނިތަކަށް އެކަނި 

  • އެހެންވެ ތައިލެންޑްގެ ސަޕްލަޔަރުންނަށް ދޭންވާ ފައިސާ ފޮނުވަނީ މޯލްޑިވްސް ކާގޯ މެދުވެރިކޮށް

އެގޮތަށް އެ ކުންފުންޏަށް ފައިސާ ފޮނުވުމުން ސަޕްލަޔަރުންނަށް ފައިސާ ޖަމާކުރުން ލަސްވުމުގެ މައްސަލަތައް ކުރިމަތިވި މިއީ ދެވަނަ ފަހަރުކަމަށް ނިޔާޒު ވިދާޅުވި އެވެ.

"މި އަހަރުގެ ކުރީކޮޅު ވެސް އެފަދަ މައްސަލައެއް ދިމާވި. އެފަހަރު ވެސް ހަބަރެއް ނުވެ ހުރެފައި ބުނީ ކެންސަރު ޓްރީޓުމެންޓަށް ހޮސްޕިޓަލުގައި ހުންނަން ޖެހުނު ވާހަކަ އާއި ހަރަދުގެ ވާހަކަ. އަލުން ވެސް އެމީހުންނާ އެކު މުއާމަލާތް ކުރަން ފެށީ ދެވަނަ ފަހަރަށް ސަޕްލަޔަރުންނަށް ފައިސާ ދިނުން ލަސްނުވާނެކަމަށް ވަރަށް ބޮޑަށް ޔަގީންކަން ދިނީމާ،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތައިލެންޑްގެ ސަޕްލަޔަރުންނަށް އެ ފައިސާ ދިނުން ލަސްވަނީ ކީއްވެތޯ އޮޅުންފިލުވަން އެތަނުގެ ވެރިންނާ ބައްދަލުކުރަން އުޅެ އެކަމެެއް ވެސް ނުވި އެވެ.

"ފޯނުން ގުޅުމުން ވެސް ޖަވާބެއް ނުދޭ. ސަޕްލަޔަރުން ލައްވާ ގުޅުމުން ވާހަކަ އޮޅުވާލައި، ޝަހުސު ވެސް އޮޅުވާލައިގެން ވާހަކަ ދައްކާ،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލުން އެ މައްސަލަ ދިމާވީ މި އަހަރުގެ ޖުލައި މަހުން ފެށިގެން ކަމަށެވެ. އެގޮތުން ސަޕްލަޔަރުންނަށް 56،000 ޑޮލަރު (863،520ރ.) ދައްކަން މޯލްޑިވްސް ކާގޯއަށް ފޮނުވުމުން އޭގެ ތެރެއިން 10،000 ޑޮލަރު (154،200ރ) އަދިވެސް ނުދައްކާ އެބަ އޮތް ކަމަށް ވިދާޅުވި އެވެެ.

އެ މައްސަލަ ތައިލެންޑްގެ ފުލުހުންނަށް ހުށަހަޅަން ތައްޔާރުވަމުން ދަނިކޮށް އޭނާއާ ބައްދަލުވީ، ނިޔާޒް ވިދާޅުވި ގޮތުގައި، މޯލްޑިވްސް ކާގޯއަށް ފައިސާ ފޮނުވައިގެން ސަޕްލަޔަރުންނަށް ފައިސާ ނުދެއްކުމުގެ މައްސަލަ ދިމާވެފައި ހުރި ދިވެހި އެހެން ވިޔަފާރިވެރިއެކެވެ. އެ ވިޔަފާރިވެރިޔާގެ 11،000 ޑޮލަރު (169،620ރ) މޯލްޑިވްސް ކާގޯ އިން ނުދައްކާ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެ ވިޔަފާރިވެރިން ގުޅިގެން ވަކި ދެ މައްސަލައެއް މިހާރު ވަނީ ތައިލެންޑްގެ ފުލުހުންނަށް ހުށައަޅައިފަ އެވެ. އެކަމަކު އެ މައްސަލަތައް ބަލާ ނިމޭނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން ލޮޖުކުރީ ތައިލެންޑް ފުލުހަށް މި މައްސަލަ ވަކީލަކު މެދުވެރިވެގެން. ދެން އެ ގައުމުގައި އޮންނަ ގޮތުން 30 ވަރަކަށް ދުވަސް ހޭދަވޭ މައްސަލަ ބެލުމަށް. އޭގެ ފަހުން އެނގޭނީ ދެންވާ ގޮތެއް،" އޭނާ ވިދާޅުވި އެވެ.

ނިޔާޒު އެދިވަޑައިގަތީ މޯލްޑިވްސް ކާގޯ ތައިލެންޑް މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ދިވެހި ވިޔަފާރިވެރިން އެކަމަށް ސަމާލުވުމަށެވެ.

ކޮމެންޓް (2)

މޯލްޑިވްސް ކާގޯ ތައިލޭންޑް

27 ސެޕްޓެމްބަރު 2024
މި ހަބަރުގައި އަޅުގަނޑުމެންގެ ވާހަކަ ވެސް ގެނެސްދެއްވިނަމަ ހަބަރު ފުރިހަމަވީސް. މިކަހަލަ ބޮޑު ތުހުމަތެއްގައި އެއްފަރާތުގެ ބަސް ގެނައުމަކީ ޒިއްމާދާރު ނޫސްވެރިކަމެއް ނޫން
1 0

ތަންދޮރު ދަންނަ

27 ސެޕްޓެމްބަރު 2024
މި ކޭސްގައި ޕްރައިމް ފާޓްލައިޒަރ މީހުން ދިން އޯޑަރ ފަހުވަގުތު ކެންސަލްކުރުމުން ޖެހިގެން އުޅެނީ ކޮންޓެއިނަރ އަށް ދައްކަންޖެހޭ ލާރި ދައްކާނީ ކޮންބަޔެއްތޯ. ކޮންޓެއިނަރ ބުކް ކުރީ ޕްރައިމް އިން ކަމަށް ވަންޏާ އެފައިސާ އަކީ ޕްރއަިމް ދައްކަންޖެހޭ ފައިސާއެއް. އޮޅުވާނުލާ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް