ފެނަކައިގެ އިންޖީނު ގެއެއް: މަގު ކޮންނައިރު ކަރަންޓު ނެޓްވޯކަށް ގެއްލުން ލިބޭތީ ފެނަކަ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
މަގު ކޮންނަން ވާނީ ޓެކްނިކަލް މުވައްޒަފުންގެ ހާޒިރުގައި: ފެނަކަ
މަގު ކޮންނައިރު ކަރަންޓު ކޭބަލަށް ގެއްލުންވާތީ އެކަމަށް ސަމާލުވެ، މަގު ކޮނުމުގެ މަސައްކަތް ކުރާއިރު ފެނަކައިގެ ޓެކްނިކަލް މުވައްޒަފުންގެ ހާޒިރުގައި އެކަން ކުރަން އެ ކުންފުނިން އެދެފި އެވެ.
ވީ ކިހިނެއް؟ - މަގު ކޮނުމާއި މަގުހެދުމުގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު ކަރަންޓު ކޭބަލަށް ގެއްލުންވެ ހިދުމަތް މެދުކެނޑޭ މައްސަލަ ދިމާވެ އެވެ. އައްޑޫ މަގުހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެ މައްސަލަ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެ އެވެ.
ތަފްސީލް - ފެނަކައިން މިއަދު ވަނީ މަގު ކޮންނައިރު ކަރަންޓު ކޭބަލަށް ގެއްލުންވާ މައްސަލަތައް އިތުރުވާތީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ މަގުތަކާއި އާންމު ސަރަހައްދުތައް ކޮނުމުގެ ތެރޭގައި ނެޓްވޯކުތަކަށާއި ކޭބަލްތަކަށް އަދި ހޮޅިތަކަށް ގެއްލުންވާ ކަމަށާއި އެ މައްސަލަތައް އިތުރުވާ ކަމަށެވެ.
ރައްޔިތުންނަށް ލިބިލިބި ހުންނަ ހިދުމަތްތައް ކުރިން އެނގުމަކާ ނުލައި ހުއްޓުމަކަށް އަންނައިރު އެއީ ރައްޔިތުންނަށް ތަކުލީފެއް ކަމަށް ވެސް ފެނަކައިން ބުންޏެވެ.
"ކުންފުނީގެ ބައިވެރިވުންނެތި މިގޮތަށް ހިނގާ ހާދިސާތަކުގައި މައްސަލައެއް ދިމާވިކަން އެނގެނީ ހިދުމަތް ހުއްޓި ރައްޔިތުންގެ ޝަކުވާ ލިބޭ ހިސާބުންނެވެ. އަދި ކުންފުނީގެ ބައިވެރިވުމެއް ނެތި ދިމާވާ މިފަދަ ހާދިސާތަކުގައި މައްސަލަ ދިމާވި ސީދާ ތަނެއް ނުވަތަ ހިސާބެއް ދެނެގަތުމަށް ކުރަން ޖެހޭ މަސައްކަތް ދިގުލައިގެން ދިޔުމުން ހިދުމަތް މެދުކެނޑިފައި އެތައް ވަގުތެއް އެބަ ހޭދަވެ އެވެ،" ފެނަކައިގެ ބަޔާނުގައި ބުންޏެވެ.
އެ ކުންފުނިން ބުނީ:
-
މިއީ ރައްޔިތުންނަށާއި ކުންފުންޏަށް ވެސް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް
-
މަގު ކޮނުމާއި ތޮރުފުމުގެ މަސައްކަތެއްގެ ތެރެއިން ވިޔަސް ކޭބަލަށް ގެއްލުން ލިބުމުގެ ފުރުސަތު އޮވޭ
-
އެފަދަ ކަންތައް މަދުކުރަން ފެނަކައިން ސަލާމަތީ ފިޔަވަޅުތަކެއް ތައާރަފުކޮށްފައިވާނެ
ފެނަކައިން ބުނީ ސަރުކާރު ކުންފުނިތަކުންނާއި ކޮންޓްރެކްޓަރުން ނުވަތަ އާންމު ފަރުދަކު ނަމަވެސް އެއްވެސް ބޭނުމަކަށް މަގު ކޮނުމާއި ތޮރުފުން ފަދަ މަސައްކަތެއް ކުރާ ނަމަ ކުރަންވާނީ އެ ރަށެއްގައި ހުންނަ ފެނަކައިގެ އޮފީހުގެ ޓެކްނިކަލް މުވައްޒަފުންގެ ހާޒިރުގައި ކަމަށެވެ. މަގުތަކާއި އާންމު ތަންތަނަކީ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނަށް ވާއިރު ކައުންސިލްތަކުގެ އެއްބާރުލުން ވެެސް އެކަމަށް ބޭނުންވާ ކަމަށް ފެނަކަ އިން ބުންޏެވެ.
ފެނަކައިގެ ބަޔާނުގައި ދެން ބުނީ އެ ކުންފުނިން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތުގެ ޔަގީންކަން ދެމެހެއްޓުމަށް، ކުންފުނިން ގާއިމްކޮށްފައިވާ އުސޫލުން ބޭރުން ކުރާ މަސައްކަތެއްގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރާނެ ކަމަށެވެ.