ފެނަކަ އޮފީސް ހުންނަ އިމާރާތް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފެނަކައިގެ ނަރުދަމާ މަޝްރޫއުތައް ބާތިލްކުރިއިރު 384 މިލިއަން ރުފިޔާ ދައްކަން ޖެހިފައި

ފެނަކައާ ހިންގަން ހަވާލުކުރި ނަރުދަމާގެ ގިނަ މަޝްރޫއުތައް އެ ކުންފުނިން ހުރީ ވަރަށް ބޮޑެތި އަގުތަކުގަިއ ސަބްކޮންޓްރެކްޓްކޮށް އެހެން ކުންުފުނިތަކާ ހަވާލުކޮށްފައި
24 ސެޕްޓެމްބަރު 2024

ފެނަކަ އަށް ގެއްލުންވާތީ ކުރީ ސަރުކާރުގައި އެ ކުންފުންޏާ ހަވާލުކުރި 16 ރަށެއްގެ ނަރުދަމާގެ މަޝްރޫއުގެ އެއްބަސްވުންތައް ބާތިލްކުރިއިރު 384 މިލިއަން ރުފިޔާ އެ މަޝްރޫއުތަކާ ގުޅިގެން އެކި ފަރާތްތަކަށް ދައްކަން ޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. 

ވީ ކިހިނެއް ؟ - ފެނަކަ އިން ބުނީ އެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ އެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލް ކުރީ އެކަށީގެންވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ ކަމަށެވެ.

ތަފްސީލް - އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޑިރެކްޓަރު އަބްދުލް ވާހިދު މުހައްމަދު ވިދާޅުވީ އެފަދަ މަޝްރޫއުތަކާއެކު ކުންފުންޏަށް ލިބޭ ގެއްލުން ވެސް ބޮޑު ކަމަށެވެ.

"ސަރުކާރުން ފެނަކައާ 2022 ވަނަ އަހަރު ހަވާލުކޮށްފައިވާ 16 ރަށެއްގެ ފެނާއި ނަރުދަމާ ޕްރޮޖެކްޓުތައް މިހާރު ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ޓާމިނޭޓުކޮށްފައި،" ވާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ކުރިއަށްދަނީ އެކަމާ ގުޅުންހުރި ހިސާބުތައް ހެދުމުގެ މަސައްކަތް ކަމަށެވެ.

"މި ޕްރޮޖެކްތުތައް ފުރަތަމަ ކޮންޓްރެކްޓު ކުރެވުނު އިރު ގާތްގަނޑަކަށް 92 މިލިއަން ރުފިޔާ އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފެނަކައަށް ލިބިފައިވޭ. އެހެން ނަމަވެސް މި ފައިސާތައް ބޭނުންކޮށްފައި ވަނީ އެންމެ ރަނގަޅަކަށް ނޫން،" ވާހިދު ވިދާޅުވި އެވެ.

އެ ފައިސާ ހޭދަކުރީ ސީދާ އެ ޕްރޮޖެކްޓުތަކަށް ކަންވެސް ޔަގީންކަމާއެކު ބުނަން ނޭނގޭ ކަމަށާއި އެކަމާ ގުޅުން ހުރި ލިޔުންތައް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެފަދަ މަޝްރޫއެއް ފަށަައިގެން ކުރިއަށް ގެންދަން ބޭނުންވާ ސާމާނު ވެސް ފެނަކައިގައި ނުހުންނަ ކަމަށާއި ކުއްޔަށް ނަގައިގެން މަސައްކަތް ކުރަން ޖެހުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއްކަން ވާހިދު ފާހަގަ ކުރެއްވި އެވެ. ހާއްސަކޮށް މަސައްކަތް ކުރިއަށް ނުދާ ދުވަސްތަކުގައި ވެސް އެ ކުލި ދައްކަން ޖެހުމަކީ އިތުރު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްކަމަކީ މަސައްކަތްތަކަށް ކުންފުނީގެ ފަރާތުން ފޮނުވާފައި ތިބި އެކި ބްރާންޗުތަކުގެ މުވައްޒަފުން. އެ މުވައްޒަފުންގެ އެލަވެންސްތަކާ އެކު އެންމެ އާދައިގެ މަސައްކަތު މީހެއްގެ މުސާރައަށް އެބަހުރި ކުންފުނިން 45،000ރ. ހަރަދުކޮށްފައި [މަހެއްގެ މައްޗަށް]،" ވާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް މަސައްކަތް ކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.

ކޮންޓްރެކްޓު ބާތިލް ކުރި މަސައްކަތްތައް ސަބްކޮންޓްރެކްޓު ކޮށްފައި ހުރީވެސް އަސްލު ކޮންޓްރެކްޓުގެ އަގަށްވުރެ ބޮޑުކޮށް ކަމަށް ވާހިދު ވިދާޅުވި އެވެ.

"މިސާލަކަށް އީއައިއޭ ހަދަން ހަރަދު ކުރަން ނިންމާފައި އޮންނަނީ 550،000ރ މިސާލަކަށް. އެހެން ނަމަވެސް ސަބްކޮންޓްރެކްޓުކޮށް އެވޯޑު ކުރި އިރު މި އޮންނަނީ އެއަށް ވުރެ މާ ބޮޑު އަގެއްގައި. ފުރަތަމަ ފެށޭތަނުން ވެސް މި ވަނީ ގެއްލުން،" އޭނާ ވިދާޅުވި އެވެ.

ވާހިދު ވިދާޅުވީ އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފިނަމަ އެ ކުންފުންޏަށް ގާތްގަނޑަކަށް 170 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށެވެ.

އޭނާ ވިިދާޅުވީ:

  • އޭރު ފެނަކައާ ހަވާލުކުރީ 618 މިލިއަން ރުފިޔާގެ މަސައްކަތް ކަމަށާއި އޭގެ ތެރެއިން 439 މިލިއަން ރުފިޔާގެ މަސައްކަތް ނުވަތަ ޖުމްލަ މަސައްކަތުގެ %71 ސަބް ކޮންޓްރެކްޓުކޮށްފައިވާ ކަމަށް

  • އެ ޕްރޮޖެކްޓުތަކުން މިހާތަނަށް 55 މިލިއަން ރުފިޔާ ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ދޫކޮށްފައިވޭ

  • އިތުރަށް ދައްކަންޖެހޭ 439 މިލިއަން ރުފިޔާ އެބައޮތް. އޭގެ ތެރޭ ހިދުމަތް ނުލިބޭ ފައިސާ ވެސް އެބަހުރި ކަމަށާއި އެ އަދަދު ބަދަލުވެދާނެ ކަމަށް؛ ފެނަކައިން ޒިންމާ ވާން ޖެހޭ 384 މިލިއަން ރުފިޔާ އެބައޮޮތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް