ޅެންވެރިޔާ ރިފާއުގެ މަންމަ އާބިދާ. އޭނާގެ ޖަނާޒާ އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހުގައި
'މަގޭ ލޯބި މަންމާ' އަވަހާރަވެއްޖެ
އަހުމަދު ރިފާއުގެ ޅެންވެރިކަމުގެ އަސްލަކީ އޭނާގެ މަންމަ އެވެ. ދިވެހިންގެ ތެރޭގައި މަޝްހޫރުވެގެން ދިޔަ އޭނާގެ 'މަންމަ' މަދަހަތަކުގެ ތަފްސީރަކީ ވެސް އެއީ އެވެ. އެކަމަކު މިއަދު އުމުރުން 78 އަހަރުގައި އޭނާގެ ލޯބިވާ މަންމަ، އާބިދާ އަބްދުﷲ އަވަހާރަވި އިރު، ރިފާއުގެ ހިތްވަނީ ޝުކުރުން ފުރިފަ އެވެ.
"ވަރަށް ގިނަ ކަންކަން، ވަރަށް ގިނަ ފިލާވަޅުތަކެއް ދެއްވާފައި އެ ދިޔައީ،" އޭނާ ވިދާޅުވި އެވެ.
"އެއީ ދަމު ނަމާދުކޮށް، ގައިގާ ބާރުނެތް އިރުވެސް ރޯދަ ހިފައި، ސަދަގާތް ދީ އުޅުނު ސޯލިހު އަންހެނެއް."
މަންމައާ ގުޅޭގޮތުން ރިފާއު ހެއްދެވި ޅެންތަކަށް ކިޔާފައިވާ މަދަހަތައް ދިވެހިންގެ ތެރޭގައި މަޝްހޫރުވެގެން ދިޔައީ ފަތުއަޑުކިޔާފަ އެވެ. އަލީ ރަމީޒު ކިޔާފައިވާ މަދަހަ، 'ނުވަމަސް ދުވަހުގެ ގަދަ ވޭނުގައި' އާއި މޫސާ ޝިފާއު ކިޔާފައިވާ 'މަގޭ ލޯބި މަންމާ، މަށަށް މާފުދީ'އަކީ އަދިވެސް ގިނަ ބަޔަކަށް އެންމެ ރީތި މަދަހަތަކެވެ.
އެ ދެ މަދަހައިގައި ވެސް ރިފާއު ސިފަކޮށްދެއްވާފައިވަނީ މައެއްގެ ގުރުބާނީ އެވެ. 'މުޅި ދުނިޔެ ނިދާ ފައިތިލަ އޮބޭއިރު ވެސް، ކުޑަކުޑަ ފުރާނަ އުނގަށް ލައިގެން، ނާނާ ކިޔުމަށް' މަންމަ ހޭދަކުރާ ވަގުތެވެ. 'އެކޮޔަށް ގޮތެއް ވެދާނެތީ، ކިތަންމެ ރެއެއްގެ ނިދި ގުރުބާންކުރި ގޮތެވެ.
އޭގެ ފަހުން، ޝަލަބީ އިބްރާހިމް ކިޔާފައިވާ 'މަންމާތީ އަސްލީ ހިތްމަގޭ' އަކީ ވެސް ރިފާއުގެ ހިތް މަންމަގެ ލޯބިން ބަންޑުންކޮށްލާފައިވާ މަދަހަ އެކެވެ.
ރިފާއު ވިދާޅުވި ގޮތުގައި އެއިން ކޮންމެ ޅެމެއް ވެސް ހެއްދެވީ، މަންމަގެ ގުރުބާނީ އާއި ލޯބި ތަޖުރިބާ ކުރެއްވުމަށް ފަހު އެވެ. ރާއްޖޭން ބޭރަށް ކިޔެވުމަށް ވަޑައިގަތުމުގެ ކުރިން މަންމަ ދެއްވި ނަސޭހަތާއި އޯގާތެރި ބަސްތަކެވެ. ދިރިއުޅުމުގެ ކޮންމެ ހަރުފަތެއްގައި ވެސް މަންމަ ދެއްވި ހިތްވަރެވެ. އެ ޅެންތައް ލިޔުއްވީ އޭނާގެ މަންމަގެ ލޯތްބަށް ބިނާކޮށް ނަމަވެސް އެއީ ހުރިހާ މައިންގެ އިހުސާސްތައް ކަމަށް އޭނާ ވިދާޅުވި އެވެެ.
"ގިނަ ބަޔަކަށް އެ ޅެންތައް އެހާ ކަމުދިޔައީ، ކޮންމެ މަޔަކާ ވެސް އެ ޅެންތައް ގުޅޭތީ،" ރިފާއު ވިދާޅުވި އެވެ.
މިއަދު މަންމަ އަވަހާރަވީ، އޭނާ ވިދާޅުވި ގޮތުގައި އެތައް ފިލާވަޅުތަކަކާއި އިބުރަތްތަކެއް ދެއްވާފަ އެވެ. މާމަދަރިންނަށް ދާންދެން، ރިވެތި ނަމޫނާ ދައްކަވާފަ އެވެ. އެހެންވެ، މަންމަ ވަކިވެ ދިޔަ ނަމަވެސް، އަބަދު ވެސް އެ ޒިކުރާތައް ހަނދާން ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ސިފައިންގެ ކޮޕްސް ބޭންޑުގެ ލަވަ ކިޔުންތެރިޔާ، މުހައްމަދު ސުހައިލްގެ ވެސް މަންމަ، އާބިދާގެ ޖަނާޒާ އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.
ކޮމެންޓް (1)
ައައިމިނަތު