ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

މަތީ ތައުލީމު

މަަތީ ތައުލީމުގެ ލޯނުގެ ގޮތުގައި މި އަހަރު 473 މިލިއަން ރުފިޔާ ދޫކޮށްފި

މި އަހަރުގެ ސެޕްޓެމްބަރު މަހު ކިޔެވުން ފަށާ ކުދިންނަށް ލޯނު ފައިސާ ލިބުން ލަސްވުމުގެ ކަންބޮޑުވުންތައް ހުރުމުން އެ ކުދިންނަށް އިސްކަން ދީގެން ފައިސާ ދޫކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި
19 ސެޕްޓެމްބަރު 2024

ސަރުކާރުގެ ލޯނު އެހީގައި މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް މި އަހަރުގެ މިހާތަނަށް 473 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމުގެ ލޯނު އެހީގައި ތައުލީމު ހާސިލް ކުރާ ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމަށެވެ.

ތަފްސީލް - ލޯނު އެހީގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ޖަމާނުވާ މައްސަލައިގެ ކަންބޮޑުވުންތައް އިތުރުވެފައިވަނިކޮށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ލޯނު ލިބުނު ދަރިވަރުންނާއި މި އަހަރު ލޯނު ލިބުނު ދަރިވަރުން އަދި މީގެ ކުރިން ލޯނު އެހީގައި ކިޔަވަމުންދާ ދަރިވަރުންނަށް މި އަހަރުގެ މިހާތަނަށް 473 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިިވާ ކަމަށެވެ.

ފައިސާ ދޫކުރަނީ ކޮންމެ ހަ މަހަކުން ކަން ފާހަގަ ކުރައްވައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ފައިސާ ދޫކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ލޯނުގެ ފުރުސަތު ހުޅުވާލަނީ ވަކި ގައުމުތަކެއްގައި ކިޔެވޭގޮތަށް ކަމަށް ވިޔަސް ދަރިވަރުން ބޭނުންވާ ނަމަ އެ ނޫން ގައުމެއްގައި ކިޔަވަން ވެސް އެ ފުރުސަތު ހުޅުވާލާ ގައުމުތަކުގައި ހިނގާ ހަރަދާ އެއްވަރު ނަމަ ލޯނު ފައިސާ ދޭ ކަމަށެވެ.

ލޯނު ދޫކުރުމުގެ ކުރިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރެވޭނެ ވަގުތު އޮއްވާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅަން ދަރިވަރުންނަށް އަބަދުވެސް އިރުޝާދުދޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ނަމަވެސް ލޯނުގެ އަދަދު ހަމަޖެއްސޭނެ ގޮތަށް ލިޔެކިޔުން ހުށަހެޅުމަކާ ނުލާ ލޯނަށް ހުށަހަޅާފައި ހުރޭ. އެހެންވީމާ ލިޔެކިޔުމުގެ މަސައްކަތް ނިންމަން އިތުރު ދަތިިތަކާ ލަސްތައް ކުރިމަތިވޭ. އެކަންތައް ހައްލު ކުރުމަށް އަބަދުވެސް ދަނީ މަސައްކަތް ކުރަމުން،" މާރިޔާ ވިދާޅުވި އެވެ.

މިހާރު ލިޔެކިޔުމުން ކުރަންޖެހޭ މަސައްކަތްތައް ހަލުވިކޮށް ލޯނަށް އެދުން ޑިޖިޓަލައިޒް ކުރުމަށް މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ކިޔެވުން ފަށާ ކުދިންނަށް ލޯނު ފައިސާ ލިބުން ލަސްވުމުގެ ކަންބޮޑުވުންތައް ހުރިކަން މާރިޔާ ފާހަގަ ކުރެއްވި އެވެ.

"ދަރިވަރު ކިޔަވަން ފަށާ ދުވަސްވަރު އެނގެނީ ހުށަހަޅާ ލިޔުންތައް ހުށަހެޅުމުން. ކިޔެވުން ފެށުމަށް ތައްޔާރީތައް ވުމަށްް ލޯނު އަދ ސްކޯލާޝިޕް ދަރިވަރުންނަށް ވެސް ހަ މަހާއި 1.5 އަހަރު ދޭ. މި އަހަރު ވެސ ލޯނާއި ސްކޯޕލާޝިޕްގައި ވެސް ސެޕްޓެމްބަރު މަހު ކިޔަވަން ފަށަން ބޭނުން ކުދިން ގިނަ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ދަރިވަރުންނަށް އިސްކަންދީގެން މިހާރު ވެސް އެ ކުދިންގެ ފައިސާގެ ކަންތައް ހަމަޖައްސަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފައިސާ ދޫކުރުން ލަސްވާ ސަބަބުތަކުގެ ތެރޭގައި މިނިސްޓަރު ފާހަގަ ކުރެއްވީ:

  • ލޯނަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިިހަމަ ނުވުން

  • ލިބުން އެދޭ ފައިސާގެ އަދަދު ޖަސްޓިފައި ކުރެވޭނެ ލިޔުން ހުށަހަޅާފައި ނުވުން

  • ލޯނު ދޭ ގައުމުތައް ނޫން އެހެން ގައުމުތަކަށް ދާ ނަމަ ކުރިމަތިވާ އިދާރީ ދަތިތައް

  • ޔުނިވާސިޓީ އިން ލިބެން ޖެހޭ ލިޔުން ނުލިބުން

  • ލިޔެކިޔުން ހަމަޖައްސަން މުއްދަތު ކުރުވުން

މިނިސްޓަރު ވިދާޅުވީ އެއްވެސް ދަރިވަރަކަށް ފައިސާ ލިބުން ލަސްވެ ކިޔެވުމަށް ބުރޫ އަރާ ނަމަ މިނިސްޓްރީގެ ފަރާތުން ފިޔަވަޅު އަޅާ ކަމަށެވެ. އެގޮތުން މިނިސްޓްރީގެ ފަރާތުން އީމެއިލް މެދުވެރިކޮށް ޔުނިވާސިޓީ އާ މުއާމަލާތް ކުރާ ކަމަށާއި ދަރިވަރަށް ފައިސާ ދޭނެ ކަމުގެ ޔަގީންކަންދީ ސްޕޮންސާ ލިޔުން ޔުނިވާސިޓީ އަށް ފޮނުވާ ކަމަށެވެ. އަދި ދަރިވަރުންގެ ކިޔެވުމުގެ ކަންތައް ކުރިއަށް ގެންދިިޔުމުގައި ޔުނިވާސިޓީ އިން އެހީތެރިކަން ދިނުމަށް މިނިސްޓްރީގެ ފަރާތުން އެދޭ ކަމަށާއި ފޯނުން ވެސް ޔުނިވާސިޓީ އާ މުއާމަލާތް ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

ސްކޯލާޝިޕްގައި ދަރިވަރުންނަށް 103 މިލިއަން ރުފިޔާ ދޫކޮށްފި

ސަރުކާރުންދޭ ސްކޯލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް އަހަރުގެ މިހާތަނަށް 103 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސްކޯލާޝިޕްގައި ފޮނުވާ ކުދިންނަށް ހުރާ ހަރަދަކީ އަނބުރާ ދައްކަން ޖެހޭ ފައިސާއެއް ނޫނެވެ.

އެގޮތުން އެމެރިކާ ޑޮލަރުން ނުވަތަ އެ ދަރިވަރަކު ކިޔަވާ ގައުމެއްގައި ބޭނުން ކުރާ ފައިސާ އިން ފަައިސާ ދޫކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

  • ދަރިވަރުން ކިޔަވާ މަރުކަޒަށް ދައްކަން ޖެހޭ ފައިސާ ދައްކަނީ ޓީޓީ ކޮށްގެން ސީދާ އެތަނަށް

  • ދަރިވަރުންގެ އެހެނިހެން ހަރަދުތަކަށް ދޭ ފައިސާ ދެނީ އެ ގައުމެއްގައި ހުޅުވާފައިވާ އޮންނަ އެކައުންޓަކަށް

  • ކިޔަވަން ފުރުމުގެ ކުރިން ޓިކެޓު ފައިސާ އާއި ދެ މަހުގެ ސްޓައިޕެންޑާއި ޕޮކެޓު މަނީ އަދި އެސްޓެބްލިޝްމެންޓު ފައިސާ ދޭ

މިނިސްޓަރު ވިދާޅުވީ ސެޕްޓެމްބަރު މަހަކީ ގިނަ ކުދިންތަކެއް ކިޔަވަން ފުރާ މަހެއް ކަމަށާއި މި މަހުގެ ކޮންމެ ދުވަހަކު ވެސް މަދުވެގެން 170،000 ޑޮލަރު ދަރިިވަރުންނާ ހަވާލުކުރަމުންދާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް