ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން(ފޮޓޯ/މަޖިލިސް)
ކުންފުނި ގާނޫނުގެ އިސްލާހުތައް މަޖިލީހުން ފާސްކޮށްފި
ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް މިހާރު އޮންނަ މުއްދަތު ކުރުކުރަން ސަރުކާރުގެ ފަރާތުން ކުންފުންޏާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ކުންފުނީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާފައި ވަނީ ފޭދޫ ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު އެވެ. އެ އިސްލާހު ހުށަހެޅީ ކުންފުނިތަކުގެ އާންމު ޖަލްސާތައް ބޭއްވުމަށް ނޯޓިސް ދޭން ޖެހޭ މުއްދަތު ކުރުކުރުމަށާއި ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް މިހާރު އޮންނަ މުއްދަތު ކުރުކުރުމަށެވެ. އެގޮތުން:
-
ގާނޫނު މިހާރު އޮންނަ ގޮތުން ހިއްސާދާރުންގެ ހާއްސަ އާންމު ޖަލްސާއަކަށް ނޯޓިސް ފޮނުވަން ޖެހެނީ އެކަމަށް އެދި ހުށަހަޅާތާ 21 ދުވަސް ތެރޭގައި؛ އާ އިސްލާހުގައި ވަނީ އެ މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށް
-
މިހާރު އޮންނަ ގޮތުން ހާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް ފޮނުވަން ޖެހެނީ 14 ދުވަސް ކުރިން؛ ސަރުކާރުން ހުށަހަޅާފައިވާ އާ އިސްލާހުގައި ވަނީ އެ މުއްދަތު ވެސް ހަތް ދުވަހަށް ކުރު ކުރުމަށް
-
ދެން އިސްލާހު ހުށަހަޅާފައި ވަނީ ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމަށް 30 ދުވަސް ތެރޭގައި މީހުން އައްޔަން ކުރަން އެންގުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ދީފައިވާ ބާރު 10 ދުވަހަށް ކުރުކުރުމަށް
ތަފްސީލް - އެ ބިލު ދިރާސާ ކުރި އިގްތިސާދީ ކޮމިޓީން އެ އިސްލާހުތައް ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ އިއްޔެ އެވެ.
މިއަދު ހެނދުނު 9 ޖެހިއިރު ބޭއްވި ދައުރުން ބޭރު ހާއްސަ ޖަލްސާގައި ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރަން އެއްގަޑިއިރުގެ ފުރުސަތެއް ހުޅުވާލި އެވެ. ނަމަވެސް މި ރިޕޯޓަށް އެއްވެސް މެމްބަރަކު ވާހަކަދައްކަވަން އެދިވަޑައިގެންފައި ނުވާތީ ބަހުސްގެ މަރުހަލާ ވަނީ ނިންމާލާފަ އެވެ. އަދި އެޔަށްފަހު ބިލަށް ވޯޓަށް އަހާފައި ވެއެވެ.
އިގްތިސާދީ ކޮމިޓީން ފޮނުވާފައިވާ ގޮތަށް މި ބިލު ފާސްކުރަން މިއަދުގެ މަޖިލީހުން ނިންމީ ވޯޓުގައި ބައިވެރިވި 85 މެމްބަރުންގެ އިއްތިފާގުންނެވެ.