ސްޓެލްކޯގެ އިމާރާތް: އެތަނުން ހިދުމަތް ދޭ ގޮތާމެދު ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ޔާމީނަކަށް ސްޓެލްކޯ ކަމަކު ނުދިޔަ؛ ކުންފުނިން އެދުނީ ދޮގު ވާހަކަ ނުފެތުރުމަށް
ސްޓެލްކޯއިން ރީޑިން ނަގާ ގޮތާއި ގޭގެއަށް ބިލް ކުރާ ގޮތާ މެދު ހިތްހަމަނުޖެހި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކައަށް އެ ކުންފުނިން އިއްޔެ ރައްދު ދީފި އެވެ.
ވީ ކިހިނެއް؟ - ޔާމީންގެ ޕާޓީ، ޕީއެންއެފް އިން އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ވަނީ ސްޓެލްކޯއާ މެދު ހިތްހަމަޖެހިވަޑައި ނުގަތް، ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
-
ސްޓެލްކޯއިން ރީޑިން ނަގާކަށް މިހާރު ގޭގެއަކަށް ނުދޭ
-
މާލޭގައި ކަރަންޓު ބޭނުންކުރާ ނިސްބަތަށް ކޮންމެ އަހަރަކު އިތުރުވާ އިތުރުވުން ނުވަތަ 'ޕަވާ ގުރޯތު' ބަހާލަނީ، އާއްމު ގެތަކުގެ ބިލްތަކަށް
-
އެކަމަކު އެ ގުރޯތަކީ އާއްމު މީހާ ބޭނުން ކުރާ އެއްޗެއް ނޫން ކަމާއި މާލޭގައި އާ އިމާރާތްތައް އެޅުމާއި ކަރަންޓު ބޭނުންކުރާ ބޮޑެތި މަސައްކަތުގެ ސަބަބުން އަރާ އެއްޗަކަށް ވެސް ވެދާނެ ކަމަށް ވިދާޅުވި
"ކޮންމެވެސް މީހަކު އެބަ ޖެހޭ މި މައްސަލަ މިހާރު ކޯޓަށް ވައްދަން... ރީޑިން ނަގަން ނުގޮސް، އާއްމު މީހާގެ އަތުން މި ޓެކްސް ނަގަނީ،" ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނުގެ މި ވާހަކަ އާއްމުވެފައި ވަނިކޮށް ސްޓެލްކޯއިން ރޭ ވަނީ ކުންފުންޏާ ގުޅޭ ގޮތުން "ޒިންމާދާރުކަން ކުޑަ ވާހަކަ" ނުދެއްކުމަށް އެދި ބަޔާނެއް ނެރެފަ އެވެ.
ޔާމީންގެ ނަން ނުގެނެސް ނެރުނު އެ ބަޔާނުގައި ސްޓެލްކޯއިން ބުނީ:
-
ރީޑިން ނެގުމަކާ ނުލާ އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުފޮނުވާނެ
-
ކޮންމެ މަހަކު ވެސްްްްް ސްޓެލްކޯއިން ގޭގެއަށް ގޮސް މީޓަރުން ރީޑިން ނަގައި ބިލް ތައްޔާރުކޮށް އެ ފޮނުވަނީ އިހްލާސްތެރިކަމާ އެކު
-
އެއީ ހެދިފައިވާ ހަރުދަނާ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތެއް
-
ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް އެހެން ކަސްޓަމަރުންނާ އެއް އުސޫލަކުން ރީޑިން ނަގައި އެ ރީޑިންއަށް ބިލް ކުރެވޭ ބައެއް
"މި އުސޫލުތަކާ ހިލާފަށް މި ކުންފުނިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު ރައްޔިތުންނަށް އަރުވަން. އަދި މިއާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑު ފެތުރުމަކީ ހިތާމަ ހުރި ކަމެއް،" ސްޓެލްކޯގެ ބަޔާނުގައި ބުންޏެވެ.
"އަދި ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަސައްވުރު ނައްސިވާ ގޮތަށް މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން މި ކުންފުނިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން."
އެ ކުންފުނިން ބުނީ އެ އުސޫލާ ހިލާފަށް ބިލް ކުރަމުންދޭތޯ ބެލުމަށް ކަމާ ގުޅުން ހުރި މުއައްސަަސާތަކާއި އެހެން ފަރާތްތަކަށް ދައުވަތު ދޭ ކަމަށެވެ.
ކޮމެންޓް (2)
ޠޫފާން
ދޯދާރި