މިދިޔަ މަހު ބޭއްވި ކެބިނެޓު ބައްދަލުވުމެއްގެ ތެެރެއިން (ފޮޓޯ/ރައީސް އޮފީސް)
ރާއްޖެ އެތެރެކުރާ ބޭސް ބޮޑު އަގުގައި ވިއްކުން ހުއްޓުވަން ފިޔަވަޅު އަޅަން ރައީސް އަންގަވައިފި
ރާއްޖެ އެތެރެކުރާ ޑޮކްޓަރީ ބޭސް ވިއްކާ އަގުތައް ހުރީ %200އިން ފެށިގެން %2000އަށް ބޮޑު ކަމަށް ފާހަގަކޮށް، އެކަން ހުއްޓުވަން ފިޔަވަޅުތައް އަޅަން ރައީސް މުހައްމަދު މުއިއްޒު ސަރުކާރުގެ އިދާރާތަކަށް މިއަދު އަންގަވައިފި އެވެ.
ވީ ކިހިނެއް؟ - އެގޮތަށް އެންގެވިކަން ރައިީސް މުއިއްޒު ވަނީ އެކްސްގައި ވެސް ހާމަކުރައްވައިފަ އެވެ.
ބުނީ ކީކޭ؟ - "ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000އާ ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި،" އެކްސްގައި ރައީސް ލިއުއްވި އެވެ.
"ބޭސް ވިއްކުމުގައި މި ވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުން ހުރި އެންމެހައި މުއައްސަސާތަކަށް މިހާރު ވާނީ އަންގާފައި."
ތަފްސީލު - ރައީސްގެ ޕޯސްޓުގައި ވިދާޅުވި ގޮތުގައި މި އަޅާ ފިޔަވަޅުތަކާ އެކު ބޭހުގެ ބާޒާރުގެ އަގާއި އާސަންދައިން ދައްކަން ޖެހޭ އަގު ވެސް ދަށްކުރެވޭނެ އެވެ. މި ބަދަލު ގެންނަން ހަމަޖެހިފައިވާ ތާވަލާއި އިތުރު ތަފްސީލުތައް ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ (އެތައް ސަތޭކަ މިލިއަން ރުފިޔާ) ސަލާމަތްކުރެވި، ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި. ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި…
— Dr Mohamed Muizzu (@MMuizzu) September 11, 2024