އެމްޑީޕީގެ ޓިކެޓްގައި ހެނބަދޫ ކައުންސިލްގެ ރައީސް ކަމަށް 2021ގައި ވާދަ ކުރެއްވި ހުސައިން އަބޫބަރު ކެމްޕެއިން ޕޯސްޓަރު (ކ) އަދި މިފަހުން އޭނާ އެމްޑީއޭއަށް ސޮއިކޮށް މެމްބާޝިޕް ފޯމު ހަވާލު ކުރައްވަނީ
އެމްޑީޕީ ޓިކެޓްގައި ހޮވުނު އެމްޑީއޭ ކައުންސިލަރުގެ ގޮނޑި ގެއްލޭނެ ހާލަތެއް ނެތް: އީސީ
އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށްގެން ނ. ހެނބަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ހުސައިން އަބޫބަކުރުގެ ގޮނޑި ގެއްލޭނެ ހާލަތެއް ނެތް ކަމަށާއި އޭނާއަކީ 2019 އިން ފެށިގެން ވެސް އެމްޑީއޭގެ މެންބަރެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ހުސައިން އަބޫބަކުރުގެ ގޮނޑިއާ މެދު ސުވާލު އުފެދުނީ، އޭނާ "އެމްޑީޕީން ވަކިވެ، އެމްޑީއޭއަށް ސޮއި ކުރެއްވި" ކަމަށް ވިދާޅުވެ، އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އައްބާސް މިދިޔަ މަހުގެ 31ގައި އެކްސްގައި ކުރެއްވި ޕޯސްޓަށް ފަހު އެވެ. އަދި އެ ޕޯސްޓުގައި އޭނާ އެމްޑީއޭއަށް ސޮއިކުރައްވައި ފޯމު ހަވާލު ކުރައްވާ ފޮޓޯތައް ވެސް ހިމަނުއްވާފައިވެ އެވެ.
އެހެންވެ، އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން ކައުންސިލްގެ ރައީސްގެ ގޮނޑި ހުސްވެއްޖެ ކަމަށް ބުނެ، އަމިއްލަ ފަރާތަކުން އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި އެވެ.
ނ.ހެނބަދޫ ކައުންސިލްގެ ރައީސް ހުސެއިން އަބޫބަކުރު އެމްޑީޕީން ވަކިވެ އެމްޑީއޭ އަށް ސޮއިކުރައްވާފި!މީގެ އިތުރުން ނ.ހެނބަދޫގެ ގިނަ ރައްޔިތުން ތަކެއް އެމްޑީއޭ އާ ގުޅިވަޑައިގެންނެވި! pic.twitter.com/m3csEr1n48
— Mohamed Abbas (@Abbasvelidhoo) August 31, 2024
ތަފްސީލު - މިދިޔަ އޭޕްރީލް މަހުގެ 16ގައި އަމަލު ކުރަން ފެށި އެންޓި ޑިފެކްޝަން ގާނޫނު ބުނާ ގޮތުން ޕާޓީ ބަދަލުކުރުމުން ކައުންސިލަރުންގެ ވެސް ގޮނޑި ގެއްލޭނެ އެވެ. އެގޮތުން، ކައުންސިލަރުންގެ ގޮނޑި ގެއްލޭނެ ތިން ހާލަތްތަކުގެ ތެރޭގައި ހިމެނެނީ:
-
ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި އެކަން އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުން
-
ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވުން
-
އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވުން
ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައި އޮތުމުން އަމިއްލަ ފަރާތުން ފޮނުވި ސިޓީގައި އެދިފައި ވަނީ، ހުސައިން އަބޫބަކުރުގެ ޕާޓީ ބަދަލުވިކަން އީސީގައި ދަފްތަރުވުމާ އެކު އެކަން ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް އެންގުމަށެވެ. އަދި ހުސައިން އަބޫބަކުރުގެ މެމްބާޝިޕް ފޯމު އީސީއަށް ހުށަހަޅާފައި ނުވާ ނަމަ، އެއީ ގާނޫނުގެ ބާރު ކަނޑުވާލުމުގެ އަމަލެއް ކަމަށް ބުނެ، އެކަން ހިނގާފައިވާ ގޮތް ބެލުމަށް އެދިފައިވެ އެވެ.
އީސީގެ ބަސް - މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ މިއަދު 'ދައުރު'އަށް ވިދާޅުވީ، އެ ސިޓީއާ ގުޅިގެން ކޮމިޝަނުން ކަންކަން ބެލިއިރު، އޭނާއަކީ 2019 އިން ފެށިގެން އެމްޑީއޭގެ މެންބަރެއް ކަމަށެވެ.
ހަސަން ވިދާޅުވީ، ގާނޫނުގައިވާ ގޮތުން ގޮނޑި ގެއްލޭނީ އެހެން ޕާޓީއެއްގެ ދަފްތަރުގައިވާ ހިސާބުން ކަމަށެވެ. އެހެންކަމުން، މިފަހަރު މި ދިމާވީ، "ގާނޫނު ތަސަައްވަރު ނުކުރާ ހާލަތެއް" ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
ކޮމެންޓް (1)
މީރު