ހޯމް މިނިސްޓްރީން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން: ކޮމިއުނިކޭޝަންސް އޮތޯރިޓީ ވަނީ އެ މިނިސްޓްރީއަށް ބަދަލުކޮށްފައި (ދައުރު ފޮޓޯ/އަޒްމީ އަހްމަދު)

ކޮމިއުނިކޭޝަންސް އޮތޯރިޓީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

މި ސަރުކާރުން ވަނީ ކުރިން އެހެން މިނިސްޓްރީތަކުން ހިންގި ގިނަ އިދާރާތަކެއް ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ހަމަޖައްސާފައި
10 ސެޕްޓެމްބަރު 2024
1

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އަލަށް އުފެއްދެވި ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދިޔަ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

ވީކިހިނެއް؟ - ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު ސޮއި ކުރައްވައި މިއަދު ނެރުއްވި ދެންނެވުމެއްގައި އެކަން ވަނީ އިއުލާންކޮށްފަ އެވެ.

ތަފްސީލް - ރައީސް އޮފީހުގެ ދެންނެވުމުގައި ބުނިގޮތުގައި ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ރައީސަށް ލިބިދޭ އިހުތިޔާރުގެ ދަށުން އެ ބަދަލު މިހާރު ވަނީ ގެނެސްފަ އެވެ.

އެ މާއްދާގައި ބުނަނީ ސަރުކާރުން އުފައްދަން ބޭނުންވާ މިނިސްޓްރީތަކާއި މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމުގެ އިހުތިޔާރު ރައީސަށް ލިބިގެންވާ ކަމަށެވެ.

އެނގުން މުހިންމު - މިއީ މިފަހުން އެހެން މިނިސްޓްރީއަކުން ހިންގަމުން ދިޔަ އިދާރާއެއް ހޯމް މިނިސްޓްރީއަށް ބަދަލު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން:

  • ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހިންގަމުން ދިޔަ ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) މިދިޔަ ޖުލައި 28ގައި ހޯމް މިނިސްޓްރީއަށް ބަދަލުކުރި.

  • މިދިޔަ ސަރުކާރުގައި އެލްއާރުއޭ ހިންގީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން.

މި ސަރުކާރުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ނަމުގައި ހިންގާ ހޯމް މިނިސްޓްރީ ފުރަތަމަ އެކުލަވާލިި އިރު ވެސް، ކުރީގެ ސަރުކާރުތަކުގައި އެހެން މިނިސްޓްރީތަކުގެ ދަށުން ހިންގި ބައެއް އިދާރާތައް ހޯމް މިނިސްޓްރީން ހިންގާ ގޮތަށް ބަދަލު ކުރި އެވެ. އެގޮތުން މި ސަރުކާރުގެ ފުރަތަމަ ދުވަހު:

  • ކުރީގެ ސަރުކާރުތަކުގައި ޖެންޑާ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ހިންގާފައިވާ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ހޯމް މިނިސްޓްރީގެ ދަށަށް ގެންދިޔަ.

  • ކުރީގެ ސަރުކާރުން ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގި އިމިގްރޭޝަން ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރި.

  • ކުރިން އެކި ސަރުކާރުތަކުގައި އެކި މިނިސްޓްރީން ބަލަހައްޓާފައިވާ ނެޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ވެސް ހޯމް މިނިސްޓްރީގެ ދާއިރާގެ ތެރޭގައި ކަނޑައެޅި.

ކޮމެންޓް (1)

profile-image-placeholder

ހަސަންފުޅުގެ ހުސެންފުޅުގެ ބާގިރުގެ އަބްދުﷲ ޖާބިރު

11 ސެޕްޓެމްބަރު 2024
މިއީތަ މި ވެރިކަމުގެ ބްރޯ

އިތުރު އާޓިކަލް

އިތުރު އާޓިކަލް