12 ޖޫން 2024: ހުޅުމާލެ ފޭސް 2 ގައި ބިދޭސީން މަސައްކަތް ކުރާތަން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ބިދޭސީން

ބިދޭސީންގެ މައްސަލަތައް ހައްކުރަން ލޭބާ ރިލޭޝަންސް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރަނީ

ރައީސް އޮފީހުން ބުނީ، ލޭބާ ރިލޭޝަންސް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމީ ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އެންފޯސްމަންޓް ހަރުދަނާ ކުރުމަށް ކަމަށް
28 ޖުލައި 2024
1

ބިދޭސީންގެ މައްސަލަ ހައްލުކުރަން ލޭބާ ރިލޭޝަންސް އޮތޯރިޓީ، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލު ކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިގޮތަށް ނިންމާފައިވަނީ މިމަހުގެ 21 ވަނަ އަހަރު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ބިދޭސީންގެ ކަންކަން ހަވާލުކޮށްފައިވާ ހޯމްލޭންޑް މިނިސްޓްރީން އެ ބައްދަލުވުމަށް ހުށަހެޅި ކަރުދާހަށް މަޝްވަރާކުރުމަށް ފަހު އެވެ.

ތަފްސީލް - އެ ބައްދަލުވުމުގައި ނިންމި ކަންކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، ލޭބާ ރިލޭޝަންސް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ނިންމީ ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އެންފޯސްމަންޓް ހަރުދަނާ ކުރުމަށް ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ނުވަތަ ލިޔެކިޔުން ނެތް މީހުން ގިނަ ވުމުގެ އެއް ސަބަބަކީ، އެ މީހުން ރާއްޖެ ގެންނަ ފަރާތްތަކުން އިހުމާލުވުމެވެ. އެކަމުގެ ޝަކުވާ އަބަދުވެސް ބިދޭސީން ކުރެ އެވެ. އެކަން ހައްލުކުރުމަށް ޓަކައި ވެސް ނިންމުންތަކަކެއް އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި ނިންމާފައިވެ އެވެ. އެގޮތުން:

  •  ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ފަހު، އެ ފަރާތްތަކާ މެދު އިހުމާލުވާ ވަޒީފާ ދޭ ފަރާތްތަކުގެ ލިސްޓް އެކުލަވާލައި އާންމުކުރުން

  • އެގޮތަށް ވަޒީފާ ދޭ ފަރާތުން އިހުމާލުވާ ނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރުން

  • ތަކުރާރުކޮށް މިފަދަ އަމަލު ހިންގާ، ވަޒީފާދޭ ފަރާތްތައް ޖޫރިމަނާކުރުމުގެ އިތުރުން، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ވަޒީފާދޭ ފަރާތަށްދޭ ހިދުމަތްތައް ކަނޑައަޅާ ވަކި މުއްދަތަކަށް ހުއްޓާލުން

ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ގަވާއިދުތައް އަދި އެކަމާ ގުޅުންހުރި އެހެން ގަވާއިދުތަކާއި އުސޫލުތަކާ ހިލާފުވާ ފަރާތްތަކަށް ކުރާ ޖޫރިމަނާ މުރާޖާކުރަން ވެސް ވަނީ ނިންމާފަ އެވެ.

އޭގެ އިތުރުން:

  • ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެގޮތުން ހިދުމަތްތައް ބްލޮކްކުރުން

  • މުވާސަލާތީ ހިދުމަތްދޭ ފަރާތްތައް މެދުވެރިކޮށް، މޯބައިލްފޯނުގެ ހިދުމަތް ހޯދާ ބިދޭސީންގެ މައުލޫމާތުގެ ވެރިފިކޭޝަން ހެދުމަށްޓަކައި، ހޯމް މިނިސްޓްރީން ގާއިމުކޮށް ބަލަހައްޓާ ވޯކް ޕާމިޓް ހުއްދައިގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މައުލޫމާތު ހިމެނޭ އެކްސްޕެޓް ސިސްޓަމް އާއި މުވާސަލާތީ ހިދުމަތަށް އެދި ހުށަހެޅުމަށް، މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން ބޭނުންކުރަމުންދާ ސިސްޓަމްތަކާ ގުޅާލައި، ވެރިފިކޭޝަން ހެދޭނެ އިންތިޒާމް ގާއިމުކުރުން

  • ގަވާއިދާ އެއްގޮތަށް ބިދޭސީން އުޅުމަށް މަގުފަހިކުރުމަށްޓަކައި، ވޯކްޕާމިޓް ވަޔަލޭޓްކުރާ ބިދޭސީންނަށް ސަރުކާރުގެ އެކިއެކި ހިދުމަތްތައް ބްލޮކް ކުރޭވެނެ ގޮތްތައް ދިރާސާކޮށް ތަންފީޒުކުރުމުގެ ގޮތުން، ފޯނު ނަންބަރުގެ ހިދުމަތް ބްލޮކް ކުރުމާއި، ދަތުރުފަތުރުގެ ހިދުމަތް ބްލޮކް ކުރުން ފަދަ ކަންތައްތައް ކުރުން

  • އަލަށް ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިންނަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށްޓަކައި އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގުން

  • ވަޒީފާދޭ ފަރާތްތައް އަމަލުކުރަންޖެހޭ ގާނޫނުތަކާއި ގަވާއިދުތަކަށް، އެކަމުގައި ޝާމިލުވާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް ބިދޭސީއަކު ގެނައުމަށް ނަގަންޖެހޭ ހުއްދަތަކާއި ހުއްދަތަކަށް ދައްކަންޖެހޭ ފީތަކާއި އަދި ވަޒީފާ ދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތުގެ ޒިންމާއަކީ ކޮބައިކަން އަންގައި ދިނުމަށް އައުޓްރީޗް ޕްރޮގްރާމްތައް ހިންގުން

އޭގެ އިތުރުން މިކަމުގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުސަތުތަކަށް އެޅެމުންދާ ހުރަސްތައް ނައްތާލުމަށްޓަކައި ގަވާއިދާ ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް އޯޑިޓްކޮށް، ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމައިފަ އެވެ.

ކޮމެންޓް (1)

ސިކުނޑި

28 ޖުލައި 2024
އެންމެ ފަހު ކަންތައް އެންމެ ރަނގަޅީ! އަދިވެސް ހޯމްލޭންޑްއިން މިމައްސަލަ އިތުރަށް ދިރާސާ ކުރަންޖެހޭ! ހަގީގަތުގައި ބިދޭސީން ފައިގެންވެސް އުޅޭ! އެއީ ފައިސާ ލިބޭނެ މަގު ތަނަވަސްވެފައި އޮންނާތީ! ވަޒީފާ ދޭ ފަރާތުން އެމީހަކު ގެންނަނީ ޑިޕޮސިޓްއެއް ބަހައްޓައިގެން! ފިލައިފިއްޔާ ޑިޕޮސިޓް އަނބުރާ ނުއެއްނެގޭ! އެހެންވީމާ ކޮންމެ ދުވަހަކުން ބިދޭސީމީހާ ފެނުނަސް ފޮނުވާލެވޭނެ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް