ގައުމީ ޝަރަފުވެރި އިނާމްގެ ގޮތުގައި ރައީސް ދެއްވަނީ ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖާއި ހަނދާނީ ލިއުން(ފޮޓޯ/ރައީސް އޮފީސް)

ގައުމީ އިނާމު

ޝަރަފުވެރިކަމުގެ ގައުމީ އިނާމު 7 ބޭފުޅަކަށް އަރުވައިފި

ގައުމީ ޝަރަފުގެ އިނާމް މިއަދު ލިބިލެއްވި ހަތް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ޝަރުފުވެރިވަނީ އެބޭފުޅާގެ ހަނދާނަށް؛ އެއީ ރަސޫލާގެ ސިޔަރަތު ވިދާޅުވެދެއްވާފައިވާ އަލްމަރުހޫމް މުހައްމަދު ތައުފީގަށް
4 ސެޕްޓެމްބަރު 2024

ސަރުކާރުން ދެއްވާ މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމް ހަތް ބޭފުޅަކަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އަރުވައިފި އެވެ.

ވީ ކިހިނެއް؟ - މި ހަތް ބޭފުޅުންނަށް ޝަރަފުވެރިކަމުގެ އިނާމް އަރުވާފައިވަނީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގަ އެވެ. ގައުމީ ޝަރަފުގެ އިނާމް މިއަދު ލިބިލެއްވި ހަތް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ޝަރުފުވެރިވަނީ އެބޭފުޅާގެ ހަނދާނަށެވެ. އެއީ ދެމެހެއްޓެނި ހިދުމަތެއް ކުރުމުގެ ދާއިރާއިން މި ޝަރުފު ހޯއްދެވި އަލްމަރުހޫމް މުހައްމަދު ތައުފީގެވެ.

މުހައްމަދު ތައުފީ؛ ދެމެހެއްޓެނި ހިދުމަތެއް ކުރުމުގެ ދާއިރާއިން

މީގެ 29 އަަހަރު ކުރިން، 23 އެޕްރީލް 1995 ވަަނަ އަހަރު އަވާހާރަވި މުހައްމަދު ތައުފީގުގެ ހަނދާނަށް ގައުމީ ޝަރަފު މިއަދު އަރުވާފައިވަނީ ރަސޫލާގެ ސިޔަރަތު ގެނެސްދެއްވާފައިވާލެއް ފުރިހަމަކަމާއި ލަފްޒްތައް ވިދާޅުވެފައިވާލެއް ފަސޭހަކާމާއި އާދަޔާ ހިލާފު އަޑުފުޅުގެ އޮމާންކަމާއި ހިތްގައުމު ކަމުގެ ސަބަބުންނެވެ. އެ ބޭފުޅާއަކީ:

  • 33 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ވެސް ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް

  • އެންމެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވީ ބަންޑާރަ ނައިބު އޮފީހުގައި ދައުލަތުގެ ވަކީލެއްގެ ހައިސިއްޔަތުން

  • ވަރަށް ރީތިކޮށް މަދަހަ އަދި ލަވަވެސް ވިދާޅުވާ ބޭފުޅެއް

މި ބޭފުޅާގެ ހިދުމަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ރައީސް ދެއްވާ ޝަރަފުގެ އައްޑަނަ އާއި ޝަރަފުގެ ބެޖާއި ހަނދާނީ ލިއުމާ ހަވާލުވެވަޑައިގަތީ މުހައްމަދު ތައުފީގުގެ  ފަސް ބޭފުޅުންނާއި އަނބިކަނބަލުންނެވެ. 

މިއަދު ގައުމީ ޝަރަފުވެރިކަމުގެ އިނާމް ލިބިވަޑައިގެންނެވި މުހައްމަދު ތައުފީގް (ފޮޓޯ/ރައީސް އޮފީސް)

ޑރ. އަބްދުލް އަޒީޒް ޔޫސުފް؛ ސިއްހީ ދާއިރާއިން

ހައްދުންމަތި ގަމަށް އުފަން ޑރ.އަބްދުލްއަޒީޒަކީ ސިއްހީ ދާއިރާއަށް ދިގު މުއްދަތެއްގައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މިހާރު ވެސް ހިދުމަތުގައި ދެމިހުންނެވި އަޒީޒް ވަނީ ސިއްހީ ދާއިރާގެ ތަފާތު ގިނަ މަގާމުތަކެއް ފުރުއްވާފަ އެވެ. އަޒީޒަކީ:

  • ސިއްހީ ދާއިރާގައި މީހުން ބިނާކުރެއްވުމުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް

  • ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ އެކްޒެކްޓިވް ބޯޑުގެ މެމްބަރު ކަން ވެސް ކުރައްވާފައިވާ ބޭފުޅެއް

  • މިހާރު ހުންނެވީ މާލޭ ގްރޫޕްސް އޮފް ހޮސްޕިޓަލްސް ބޯޑުގެ ޗެއާޕާސަންގެ މަގާމުގައި

  • އެތެރެހަށީގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި މިހާރުވެސް މާލޭގެ އެކިއެކި ކްލިނިކްތަކުގައި ބަލިމީހުން ބައްލަވާ ފަރުވާދެއްވާ

ސިއްހީ ދާއިރާއިން ގައުމީ ޝަރަފުގެ އިނާމް ލިބިލެއްވި ޑރ.އަބްދުލް އަޒީޒް (ފޮޓޯ/ރައީސް އޮފީސް)

މުހައްމަދު މާޖިދު؛ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން

މުހައްމަދު މާޖިދު ވަޒީފާގެ މައިދާނަށް ނިކުންނެވީ އުމުރުފުޅުން އެންމެ 15 އަހަރުގަ އެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ ހަލާކުވެފައި ހުންނަ ލޯންޗުތަކުގެ ކަވަރުތަކާއި ސީޓުތައް މަރާމާތުކުރެއްވުމުގެ މަސައްކަތެވެ. ފެހުމުގެ މަސައްކަތް ފުރަތަމަ ކުރެއްވީ ކޮޓަރީގައި ފަހާފޮށި ބަހައްޓައިގެންނެވެ. މިއަދު މާޖިދުގެ ހިދުމަތް ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. މާޖިދަކީ:

  • ގިނަ އަދަދެއްގެ ބަޔަކަށް ފެހުމުގެ މަސައްކަތް ދަސްކޮށްދެއްވާ ބޭފުޅެއް؛ އޭނާގެ ކިބައިން ދަރިވަރުވެގެން އަމިއްލަ ވިޔަފާރީ ބައެއް މީހުން ފަށްޓާފައިވޭ

  • ހިލޭ ސާބަހަށް ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް؛ އެެންމެ ގިނައިން ކުރައްވަނީ މިސްކިތްތަކުގެ އެކިއެކި މަސައްކަތްތަކާއި ސްކޫލް ކުދިންގެ ދަަބަސް ހައްދަވައިދެއްވުމުގެ މަސައްކަތް

  • ކުދި އަދި މެދު ފަންތީގެ ދާއިރާއިން 2012ވަނަ އަހަރު ގައުމީ އިނާމް ލިބިވަޑައިގެންފައިވޭ

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއިން މިއަދު ގައުމީ އިނާމް ލިބިވަޑައިގެން މުހައްމަދު މާޖިދު(ފޮޓޯ/ރައީސް އޮފީސް)

މޫސާ ލަތީފް؛ ހަބަރާ މައުލޫމާތު ފެތުރުމުގެ ދާއިރާ

ހއ. ދިއްދުއަށް އުފަން މޫސާ ލަތީފް ކިޔަވާ ވިދާޅުވުމަށް 1980ވަނަ އަހަރު މާލެއަށް ބަދަލުވެވަޑައިގެން ހިސާބުން ދިވެހި ބަހާމެދު ހިތްޕުޅުގައި އޮތް ލޯތްބެއްގެ ސަބަބުން ނޫސްވެރިކަމުގެ ތެރެއަށް ވަދެވަޑައިގެންނެވުނެވެ.

ނޫސްވެރިކަމުގެ ތެރެއަށް، ވަޒީފާއެއްގެ ގޮތުގައި ވެންނެވީ 1989 ގައި، އޭރުގެ 'ހަވީރު' ނޫހަށެވެ. މޫސާ ލަތީފް ވަނީ:

  • 'ހަވީރު'ގެ ރިޕޯޓަރުގެ މަގާމުން ފެށިގެން އެ ނޫސް ބަންދުކުރަން ދެން އެޑިޓަރުގެ ޒިންމާ ވެސް އުފުއްލަވައިފައި 

  • އެއަށް ފަހު އުފެއްދި 'މިހާރު' ނޫހުގެ އެޑިޓަރުކަން ވެސް ކުރެއްވި

  • ނޫސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު 2001ގައި ލިބިވަޑައިގެންނެވި

  • ނޫސްވެރިކަމުގެ ރަން ޔޫބީލް އަހަރުގެ 'ރިހި' ގަލަމާއި، ނޫސްވެރިކަމުގެ 'އަލިމަސް ޔޫބީލް'ގެ އެވޯޑް ވެސް ވަނީ ލިބިވަޑައިގެންފައި 

'ދައުރު' ނޫހުގެ އެޑިޓަރުގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ މޫސާ ލަތީފް ގެންދަވަނީ ތަފާތު އެކި މައުލޫއުތަކަށް ލިއުއްވުމުގެ އިތުރުން، ފޮތާއި ވާހަކަ ވެސް ނެރުއްވަމުންނެވެ. އަދި އިޖުތިމާއީ އެކި މައުލޫތަކަށް ޕޮޑްކާސްޓެއް ވެސް އަންނަނީ ގެނެސްދެއްވަމުންނެވެ. 

މުހައްމަދު ނާސިރު؛ކުޅިވަރުގެ ދާއިރާ

މުހައްމަދު ނާސިރަކީ ރާއްޖޭގައި ރަސްމީ ސިފައެއްގައި ކުޅުނު ވަރަށް ގިނަ ކުޅިވަރުތަކެއްގައި ކުޅުންތެރިއެއްގެ ގޮތުން ވަރަށް މަޝްހޫރުކަން ހޯއްދެވި ބޭފުޅެކެވެ. އޭގެތެރޭގައި ފުޓުބޯޅަ، ޓީޓީ، ހޮކީ، ބެޑްމިންޓަން، އެތްލެޓިކްސް، ޓެނިސް، ބާސްކެޓްބޯލް، ވޮލީބޯލް އަދި ބައިސިކަލް ރޭސްތަކުން މުހައްމަދު ނާސިރު ވަނީ ގިނަ ކާމިޔާބީތަކެއް ހޯއްދަވާފަ އެވެ. މީގެ އިތުރުން މަންޑިފަދަ ސަގާފީ ކުޅިވަރުތަކުން ވެސް އޭނާ ވަނީ ރަންވަނަތަކެއް ހޯއްދަވާފަ އެވެ. 

މުހައްމަދު ނާސިރަކީ:

  • 1979ވަނަ އަަހަރު ރީޔޫނިއަންއަށް ދިޔަ ރާއްޖޭގެ ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަން

  • ފުޓްބޯޅައިގެ ރެފްރީކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ބޭފުޅެއް

  • ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮގުން 2006ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގެންފައިވޭ

މިއަދު ގައުމީ ޝަރަފުވެރިކަމުގެ އިނާމް ލިބިވަޑައިގެންނެވި މޫސާ ލަތީފް އަދި މުހައްމަދު ނާސިރު (ފޮޓޯ/ރައީސް އޮފީސް)

އަހްމަދު މުހައްމަދު؛ ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާ

ކުޅިވަރުގެ ދަނޑުގައި މަޝްހޫރު ނަމުންނަމަ ދޮނާ އަކީ ވޭތުވެދިޔަ ބައިގަރުނެއްހާ ދުވަހު ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވެފައިވާ އަދި މިހާރުވެސް އެ ދާއިރާއަށް ހިދުމަތް ކުރައްވާ ބޭފުޅެކެވެ. އެގޮތުން މަޝްހޫރު ކުޅިވަރު ކްލަބް ވެލެންސިޔާ އުފެއްދެވުމުގައި އަހްމަދު މުހައްމަދު އަދާކުރައްވާފައިވާ ދައުރު ފާހަގަކޮށްލެވެއެވެ.

އަހްމަދު މުހައްމަދަކީ:

  • ކްލަބް ވެލެންސިޔާގެ ސެކެރެޓަރީ ޖެނެރަލްގެ ގޮތުގައި 30 އަހަރު ހިދުމަތްކޮށްފައިވާ ބޭފުޅެއް

  • ކުޅިވަރަށް ހިދުމަތް ކުރެއްވުމުގެ ރޮގުން 2004ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގެންފައިވާ ބޭފުޅެއް

ހަސަން މަނިކް؛ ޕާފޯމިން އާޓްސްގެ ދާއިރާ

މަޝްހޫރު އެކިއެކި ފިލްމުތަކުންނާއި ޑްރާމާތަކުން މަޝްހޫރުކަން ހޯއްދަވާފައިވާ ހަސަން މަނިކު މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާން ފެއްޓެވީ 1979ވަނަ އަހަރު އެވެ. މިހާތަނަށް 26އަށްވުރެ ގިނަ ފިލްމުގައި ތަފާތު ރޯލުތައް އަދާކުރައްވާފައި ވެއެވެ. ހަސަން މަނިކަކީ:

  • ޅެން ހެއްދެވުމުގެ ރޮގުން ވެސް ފާހަގަކޮށްލެވޭ ބޭފުޅެއް

  • ޅެން ހެއްދެވުމުގެ ރޮގުން ހިތްވަރު ދިނުމުގެ އިނާމް 2005ވަނަ އަހަރު ލިބިފައިވޭ

އެނގުން މުހިންމު - ޝަރަފުވެރިކަމުގެ ގައުމީ އިނާމް މިއަދު އެރުއްވި ހަތް ބޭފުޅުންގެ ތެރޭގައި ހިމެނޭ ފަސް ބޭފުޅަކަށް މީގެ ކުރިން ވަނީ ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިވަޑައިގެންފަ އެވެ. މިއަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމް އަރުވާފައިވަނީ 10 ބޭފުޅަކަށާއި ކުންފުންޏަކަށެވެ.

ސަރުކާރުން ދެއްވަމުން ގެންދަވާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދެވޭ އިނާމެކެވެ. ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް