ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ދިވެހިންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތޮލުން، ދިވެހިންގެ ތޮބިއްޔަތަކީ ވެސް އެއީ: ރައީސް

މިއަދު ރާއްޖޭގައި ބޭރުގެ ސިފައިން ނެތުމާއި ރާއްޖެ ބަލަހައްޓަން އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު އުޅަނދުތައް އުދުހެމުން ދަނީ މިނިވަންކަމުގެ މަތީ ދެމިތިބުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކަމަށް ވިދާޅުވި

ދިވެހިންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތޮލުން ކަމަށާއި ދިވެހިންގެ ތޮބިއްޔަތަކީ އަބަދުވެސް މިނިވަންކަމާ އެކު ދެމިތިބުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ މުޅި ސިޔާސަތު ބިނާ ކުރައްވަނީ މިނިވަންކަމުގެ މަތީ ދެމިތިބުމުގެ މައްޗަށް ކަމަށެވެ.

ބުނީ ކީކޭ؟ - "މިއަދު ރާއްޖޭގައި ބޭރުގެ ސިފައިން ނެތީ އެހެންވެ. މިއަދު ރާއްޖެ ބަލަހައްޓަން އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު އުޅަނދުތައް އުދުހެމުން އެދަނީ އެހެންވެގެން. އަދި މިއަދު ދިވެހި ގައުމިއްޔަތުގެ ހާއްސަ ނިޒާމެއް ތައާރަފުކުރެވި އެ ދާއިރާގެ ތައުލީމާއި ހޭލުންތެރިކަން އާންމު ކުރަމުން މިދަނީ މި މުހިއްމު ބޭނުމުގައި،" ރައީސް ވިދާޅުވި އެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވިދާޅުވީ މާކަނޑެއްގެ މެދުގައި ގައުމު ދިފާއުކޮށްގެން ދިވެހިންނަށް މިހާ ދުވަހު ތިބެވުނު ސަބަބުތަކާ މެދު ވިސްނަން ޖެހޭ ކަމަށާއި ރާއްޖެ އަށާއި ރާއްޖޭގެ ފަސްގަނޑަށް ބޭރުގެ ނުފޫޒު ނުފޯރުވާ އިރެއް ނާންނަ ކަމަށެވެ. އަދި އެ ނުފޫޒު ފޯރުވާ ބަޔެއްގެ 'ވަރަ ބިންދާލުމުގެ ތޫނުކަމާއި އެ ހިތްވަރު' ކާބަފައިންގެ ލިބިގަތް ގޮތަށް ވިސްނުމަށް ރައީސް ގޮވާލެއްވި އެވެ.

"ތާރީހު އަބަދުވެސް ދައްކާދީފައި އޮތީ ރާއްޖެ އަށް ފާރަލާ ބޭރުގެ ލޯތަކެއް ވާކަން. ދިވެހިންނަށް ގޯނާކުރާ ބޭރުގެ އަތްތައް [ވާކަން]،"

ރާއްޖެ އަކީ އަބަދުވެސް ދުނިޔޭގެ ބާރުތަކުގެ ވާދަވެރިކަމުގައި ހަމަލާތައް ރައްދުވާ އަދި އެ ހަމަލާތައް ރޫޅާލާ، ސަލާމަތްވެގަންނަ ބަޔަކު އުޅޭ ރާއްޖެއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ގައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް އަދި ގައުމުގެ މައްސަލަތަކާއި އޭގެ ހައްލަށް ފަރުވާތެރިކަމާ އެކު ބެލުމަށް ވެސް ރައީސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވަނީ ގައުމިއްޔަތާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ވިދާޅުވީ ދިވެހި ގައުމިއްޔަތަކީ ދިވެހިންގެ ވިސްނުމުގައި އޮންނަ އެއްބަޔެއް ވަންތަކަމާއި ދިވެހިންގެ ދެމިތިބުމުގެ ފިކުރު ކަމަށެވެ.

"ދައްޗާއި ފަށޭހާގައި ބިރުވެރިކަމާއި އަމާންކަމުގައި ހައިހޫނުކަމާއި ތިޔާގި ކަމުގައި ވެސް އެއްބަޔެއްގެ ގޮތުގައި ދެމިތިބުމަކީ ގައުމެއްގެ ތޮބިއްޔަތް،" ރައީސް ވިދާޅުވި އެވެ.

ދިވެހިންގެ ކާބަފައިންނާއި ދިވެހި ބަސް އަދި އިސްލާމްދީނާއި ދިވެހިންގެ އާދަކާދަ އާއި ތާރީހުގެ އިތުރުން ސަގާފަތަކީ ދިވެހިން އެއްބައިވަންތަ ކުރުވާ ކަންތައް ކަމަށް އެމަނިކުފާނު  ވިދާޅުވި އެވެ.

ގައުމީ ބަދަހިކަމާ އެކު ދެމިތިބެވި މާދަމާގެ ސަލާމަތް ކަށަވަރު ކުރެވޭނީ އެބަޔެއްގެ ގައުމުގެ އެބަޔެއްގެ މިލްކުގެ ގޮތުގައި ބާއްވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"ގައުމެއް ސަލާމަތުން އޮންނާނީ އެބަޔެއްގެ ބިން ސަލާމަތުން ބޭއްވުނީމާ. ބިން ސަލާމަތުން އޮންނަނީ ދައުލަތް ސަލާމަތުން ބާއްވައިގެން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަމިއްލަ ވަންތަކަމަށް ލޯބި ނުކުރާ ނަމަ، މިނިވަންކަމަށް ލޯބި ނުކުރެވޭނެ ކަމަށާއި ގައުމު ދިފާއުކުރާ އިރު ގައުމުގެ އަމިއްލަވަންތަކަން ދިފާއު ކުރަން ޖެހޭ ކަމަށެވެ.

"މިކަމަށްޓަކާ މިޒަމާނުގެ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރާ ގޮތަކީ އެ ގައުމެއްގެ އަހުލުވެރިންގެ ސިކުޑިތަކުގައި އެ ގައުމެއްގެ އަމިއްލަވަންތަކަން އިލްމީ ގޮތެއްގައި ސާފުކޮށްދިނުން. އެގައުމަކާ އެއްކޮޅަށް ހުންނަކަންތަކާ ދެކޮޅަށް ހުންނަ ކަންތައް ކޮންމެ ރައްޔިތަކަށް އިލްމާއި ބުއްދީގެ ހަމަތަކުން އޮޅުން ފިލުވައިދެނީ،" މިއީ ރާއްޖެ އަށް ވެސް މިވަގުތަށް މުހިއްމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (4)

ހިމާރުލްގައުމު

5 ސެޕްޓެމްބަރު 2024
"ގައުމު ތިމާއަށް ކޮށްދެނީ ކޮން ކަމެއްތޯ ނުބަލާ ތިމާ ގައުމަށް ކޮށްދެނީ ކޮން ކަމެއްތޯ ބަލަށޭ" ކިޔައިގެން ރައްޔިތުންގެ ސިކުނޑި ދޮވެލާފަ ބޮޑުން ތިޖޫރި ދޮވެލުން އެއީ ގައުމިއްޔަތަކީ.
1 0

ކިލަމަންޑާ

5 ސެޕްޓެމްބަރު 2024
ގައުމިއްޔަތު ކުރިޔަށް ނެރުމާ ގުޅޭ ގޮތުން ރާއްޖޭގެ ތިބި ދީނީ ޢިލްވެރިއެއްގެ ބަހެއް ހޯދާލަބަލަ. ޚާއްސަކޮށް ސަލަފު ޖަމިއްޔާގެ ޝެއިޚެއްގެ
0 0

ނައިބު ތުއްތު

4 ސެޕްޓެމްބަރު 2024
ދިވެހިންނަކީ އަމިއްލައަށް ޚުޝާމަދުކުރާ، އަމިއްލަ ފެންވަރަށްވުރެ އަނގައިން މަތިވެގެން އުޅޭ ރައްޔިތެއް. މި ފަދަ ސިފަތައް ބޮޑުކުރުމަކީ ގޯހެއް. މަސައްކަތްތެރި، ހީވާގި، ބަސްމަދު، ޢަމަލު ގިނަ، ޚުލްޤު ހެޔޮ ކަން ބޮޑުކުރަން މަސައްކަތް ކުރިއްޔާ މާ ރަނގަޅުވާނެ.
2 0

ދިވެހި ދަރިއެއް

4 ސެޕްޓެމްބަރު 2024
މޮޅު ވާހަކަ ނުދައްކާ. މިތާ އިންޑިއާ ސިފައިން އެބަތިބި. އަހަރެންނަށް އޮޅުވާނުލެވޭނެ.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް