20 ފެބްރުއަރީ 2024: ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ފޮޓޯ/މަޖިލިސް)
ލިބެން އޮތް ފައިދާއަށް ވުރެ ރައީސް އިސްކުރެއްވީ މަސްވެރިންގެ އަޑު: ޝިޔާމް
ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމެވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ އަޑު އެއްސެވުމަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ލޭނު މަސްވެރިކަމަށް ހުޅުވާލަން 13 ޖޫންގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމަށް އަމަލު ނުކުރައްވަން ރައީސް މިއަދު ވަނީ ނިންމަވައިފަ އެވެ.
ތަފްސީލް - އެ ނިންމެވުމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު ޝިޔާމް މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ ރައީސް އިސްކުރެއްވީ ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށް ވުރެ ބޮޑަށް، އެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހުރި ދަތިތަކާއި ކަންބޮޑުވުންތައް ކަމަށެވެ.
"ސަރުކާރުން މަސްވެރިންގެ އަޑުއަހާ މަސްވެރިންނަށް ފައިދާހުރި ގޮތަކަށް މި ސިނާއަތް ބައްޓަންކުރުމަށް އަބަދު ވެސް މަސައްކަތް ކުރާނެ،" ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް އިތުރު ހަރުފަތަކަށް ގެންގޮސް ރައްޔިތުންނަށް، ހާއްސަކޮށް މަސްވެރި އާއިލާތަކަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެވޭނެ ކަމަށެވެ.
ގުޅުން ހުރި - ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ސަރުކާރުން އަބަދު ވެސް މަސައްކަތްކުރަމުން ދާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ހައްލު ހޯދައިދެވޭނެގޮތަށް ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމަށް ކަމަށެވެ.
އެނގުން މުހިންމު - ސަރުކާރުން މީގެ ކުރިން ބުނި ގޮތުގައި ލޭނު މަސްވެރިކަންކުރަން ހުޅުވާލަން ނިންމީ ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްގީކުރުމުގެ މަގުސަދުގަ އެވެ. އަދި ރާއްޖެއަށް ލިބިފައިވާ މަސްވެރިކަން ކުރުމަށް ލިބިފައިވާ ކޯޓާ ރަނގަޅު ގޮތުގައި ބޭނުންކުރުމުގެ މަގުސަދުގަ އެވެ.
ލޭނު މަސްވެރިކަން ރާއްޖޭގައި ކުރުމާ ގުޅޭ ގޮތުން ހިޔާލު ހޯދަން ފިޝަރީޒް މިނިސްޓްރީން އެކަމާ ގުޅޭ ގަވައިދު ވެސް އާންމުންގެ ހިޔާކަށް ހުޅުވާލި އެވެ. އެކަމާ ގުޅިގެން މަސްވެރިންނާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. އެ ފަރާތްތަކުގެ އެންމެބޮޑު ކަންބޮޑުވުމަކަށްވީ ރާއްޖެއަކީ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރާ ގައުމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެ ރާއްޖެއަށް އެކަމުން ލިބޭ ފައިދާތައް ގެއްލިދާނެތީ އެވެ.
ކޮމެންޓް (1)
ޙަމްދޫން