ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ އިހްސާން ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަޒްމީ އަހްމަދު)

މާފުށި ޖަލު

ޖަލުގައި މަސައްކަތް ކުރާ ކޮންމެ ދުވަހެއް ހުކުމުން އުނިކުރަނީ

އިހުސާން ވިދާޅުވި ގޮތުގައި ސަރުކާރުގެ މަގުސަދަކީ މަސައްކަތްތެރި ބައެއްގެ ގޮތުގައި ގައިދީން އަނބުރާ މުޖުތަމައަށް ނެރުން

ޖަލުގައި ގައިދީން މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް، އޭނާގެ ހުކުމުން ދުވަހެއް އުނިކުރާ ގޮތަށް ނިންމާފައިވާ ކަމަށް ހޯމް ލޭންޑް މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟- ސަގާފީ މަސައްކަތްތަކާއި ހުނަރުތައް ދައްކާލުމަށް، މާފުށީ ޖަލުގައި އަޅާފައިވާ 'ސަގާފީ އަވަށް' މިއަދު ވަނީ ހުޅުވާފަ އެވެ. އެއީ ކަރެކްޝަންސް އޮފިސަރުންނާއި ޖަލުގެ ގައިދީން ހަދާފައިވާ ސަގާފީ މަސައްކަތްތައް ދާއިމީ ގޮތެއްގައި ކުރާ ތަނެކެވެ.

އެ އަވަށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ކުރިއަށް އޮތްތަނުގައި، ގައިދީންގެ ރިހިބިލިޓޭޝަނާއި ހަރުދަނާ ބަޔަކަށް އެމީހުން ހެދުމަށް ސަރުކާރުން ކުރަން ވިސްނާ ބައެއް ކަންކަން އިއުލާންކުރައްވާފަ އެވެ.

އެގޮތުން އެންމެ ބޮޑުކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، 'ސަގާފީ އަވަށާއި' ޖަލުގެ އެހެން ތަންތަނުގައި ވެސް މަސައްކަތް ކުރާ ގައިދީން، އެ މީހުން މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް، ޖަލު ހުކުމުން ދުވަހެއް އުނި ކުރުމަށް ނިންމުމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި:

  • އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމެއް

  • ޖަލުގައި، އިލެކްޓްރޯނިކް މަސައްކަތް ވިޔަސް، ރޭނުމުގެ މަސައްކަތް ވިޔަސް، އަދި ސަގާފީ މަސައްކަތެއް ވިޔަސް ކުރާ ކޮންމެ ދުވަހަކަށް ލުޔެއް ލިބޭނެ

"އެ ފަދަ ގޮތަކަށް، ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން، މިކަން ހަރުދަނާ ގޮތަކަށް ކުރިއަށް ދެވޭނެ އުސޫލެއް ކަނޑައެޅުމަށް ފަހު ވަރަށް އަވަހަށް ގައިދީންނަށް އިއުލާން ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ އިރުޝާދަކީ، ޖަލުގައި ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް، ފަންނުވެރި މަސައްކަތެއް ދަސްކޮށްގެން، އާމްދަނީ ލިބޭނެ ގޮތެއް ހޯދައިގެން ގައިދީން ވީ އެންމެ އަވަހަކަށް ޖަލުން ނުކުމެވޭނެ ގޮތެއް ބެލުމެވެ.

އިހުސާން ވިދާޅުވީ:

  • ޖަލުގެ ތޭރިތަކުގެ ތެރޭގައި ގިނަ ދުވަހު ބެހެއްޓުމަކީ ބޭނުންވާ ގޮތް ނޫން ކަމަށް

  • ޖަލަށް ވަނުމާއެކު ގައިދީގެ އިސްލާހީ މަސައްކަތް އެ ފެށުނީ ކަމަށާއި ދެން ކުރަން ޖެހޭނީ ބޭނުންތެރި ދިވެއްސެއްގެ ގޮތުގައި އަނބުރާ މުޖުތަމައުގެ ގޮތުގައި ނުކުމެ، ގައުމު ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވި

  • ކުރިއަށް އޮތްތަނުގައި ކަރެކްޝަންސް އިން ޕްރޮޓޮކޯލް ތަކާއި ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ބައްޓަން ކުރާނީ އެކަމަށް މަގުފަހިވާ ގޮތަށް ކަމަށް ވިދާޅުވި

އިހުސާން ވިދާޅުވީ ސަގާފީ އަވަށުގައި ގައިދީން ތައްޔާރުކުރާ ތަކެތި މާފުއްޓާއި އެއާޕޯޓުގައި ވެސް ޓޫރިސްޓުންނަށް ވިއްކައި އެއިން ބައެއް އާމްދަނީގެ ގޮތުގައި ގައިދީންނަށް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ޖަލުތައް ފެންނާނީ، ވަރަށް ހަރަކާތްތެރި، އުފެއްދުންތެރި ތަންތަނުގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އާ ޖަލެއް ހެދުމުން ހަރަދުތައް ކުޑަވާނެ

ކޮންމެ އަހަރަކު ވެސް އެތައް ހާސް މީހުން ޖަލަށް ވައްދާއިރު އެއީ ވަރަށް ބޮޑު ހަރަދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން މަހެއްގެ މައްޗަށް ކޮންމެ ގައިދީއަކަށް 27،000ރ. ހަރަދުވާ ކަމަށް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި:

  • މި ކަމަށް ހައްލެއް ގެނައުމަށް ރައީސް ނިންމާފައިވަނީ، މާލެ ސަރަހައްދުގައި އާ ޖަލެއް ގާއިމުކުރުމަށް 

  • ޖަލު އަޅާނީ މާލެ ސަރަހައްދުގައި ހިއްކާ ބިމެއްގައި ބްރިޖުން ދަތުރުކޮށްފައި ދެވޭ ހިސާބެއްގައި

  • އުއްމީދަކީ ތިން އަހަރުގެ ތެރޭގައި އެތަން ނިންމައި ބޭނުން ކުރެވޭ ވަރުވުން

"އޭރުން ގައިދީންނަށް ކުރާ ހަރަދު ކުޑަވެ، ބޮލަކަށް ޖެހޭވަރު 17،000ރ. އަށް މަދުކުރެވޭނެ،" އިހުސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ޖަލުތަކަށް ކުރެވޭ ހަރަދު ކުޑަވެ، ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ވަރުގަދަކޮށް، އެތަނުން ވީހާވެސް އަވަހަކަށް މީހުން ނެރެވޭ ގޮތްވުން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް