ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ: އޭނާ އަކީ ބަގާވާތުގައި އިސްކޮށް ހުރި ފަރާތެއްކަމަށް ސިފަކޮށް އޭނާ އިސްތިއުފާ ދިނުމަށް ވެރިކަން ކުރާ ޕާޓީން ވަނީ ގޮވާލާފައި (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްއަކީ ބަގާވާތުގެ ބައިވެރިއެއް؛ ސީއީއޯ ވަގުތުން އިސްތިއުފާ ދޭން ޖެހޭ: ޝިޔާމް

ބީއެމްއެލްގެ ބޯޑް މެންބަރުން ވެސް އެ މަގާމުތަކުން ދުރުވުމަށް ޕީއެންސީގެ ޖަލްސާގައި ޝިޔާމް ވަނީ ގޮވާލައްވާފައި
26 އޯގަސްޓު 2024
4

ބީއެމްއެލްގެ ކާޑްތަކުން ބޭރު މުއާމަލާތް ނުކުރެވޭ ގޮތަށް ގެނައި ބަދަލަކީ އެ ބޭންކުގެ ވެރިން ބައިވެރިވެގެން ގެންނަން އުޅުނު ބަގާވާތެއް ކަމަށް ވިދާޅުވެ އެތަނުގެ ސީއީއޯ ކާލް ސްޓުމްކަ ވަގުތުން އިސްތިއުފާ ދެއްވަން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ޕީއެެންސީގެ ހަރުގޭގައި ރައީސް މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަތް ބާއްވަމުން އަންނަ ޖަލްސާގައި ޝިޔާމް ވިދާޅުވީ ބީއެމްއެލްއަކީ ދިވެހި އެތައް ރައްޔިތެއްގެ ހައްގު އޮތް އަދި ހުރިހާ ދިވެހިން ވެސް އެ ބޭންކުގައި ފައިސާ ރައްކާކުރާ ބޭންކަކަށް ވާއިރު ރައްޔިތުންނަށް ގެއްލުންވާނެ ނިންމުމެއް އެ އިދާރާއަށް ނުނިންމޭނެ ކަމަށެވެ.

ބީއެމްއެލްގެ ކާޑުތަކަކީ ކޮންމެ އާންމު ރައްޔިތަކާއި ވިޔަފާރިތަކުން ވެސް ބަރޯސާވާ އެއްޗެއްކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވި ގޮތުގައި ބޭންކުގެ ނިންމުމުގެ ސަބަބުން: 

  • ބޭރުގައި ކިޔަވަން ތިބި ކުދިންނަށް އެ މީހުންގެ ކަންކަން ނުފުއްދޭ ހިސާބަށް ކަންކަން ދިޔަ

  • ކުދި ވިޔަފާރިތަކަށް ޑޮލަރު ލިބެން އޮތް ހަމައެކަނި ކޮޅު ބަންދުވެގެން ދިޔަ 

ފިޝަރީޒް މިނިސްޓަރު ޝިޔާމް މިރޭގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ބޭންކުގެ ބޯޑު މެންބަރުންނަށް ވެސް މިހާރު އެ މަގާމުތަކުގައި ނުތިއްބެވޭނެ ކަމަށް (ފޮޓޯ/ޕީއެންސީ)

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ ނުރުހުމާ އެކީގައި އެފަދަ ޒިންމާދާރުކަން ކުޑަ ފިޔަވަޅެއް ބީއެމްއެލްއަކަށް ނޭޅޭނެ އެވެ. އެކަމުގައި ބައިވެރިވި ބޯޑް މެންބަރުންނާއި ބީއެމްއެލްގެ ހުރިހާ ފަރާތްތަކަކީ ބަގާވާތުގައި އެންމެ އިސްކޮށް ތިބި ބައިވެރިން ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

"ބޭންކް އޮފް މޯލްޑިވްސްއިން މި ޑެސިޝަން ނެގުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަކީ ސީދާ މި މާލީ ބަގާވާތް ގެންނަން މަސައްކަތްކުރެއްވި ބޭފުޅުންނާ އެކީގައި އެންމެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުން. މިއަދު އެ ބޭފުޅުން ބޯޑްތަކުގައި ތިއްބަވާނެ ކަމެއް ނެތް. އަޅުގަނޑު ދެކޭ ގޮތުގައި ބީއެމްއެލްގެ ސީއީއޯ ޖެހޭނީ އިސްތިއުފާ ދޭން،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވުމުން ހަރުގޭގައި ތިއްބެވި ބޭފުޅުން އަތްޖައްސަވައި ސާބަސް ދެއްވި އެވެ. 

"މިހާ ބޮޑު ދެރައެއް، މިހާ ބޮޑު ގެއްލުމެއް ދިވެހި ރައްޔިތުންނަށް ދޭން ނިންމި ފަރާތަކަށް މިއަދު ބޭންކް އޮފް މޯލްޑިވްސްގެ އެންމެ މަތީ މަގާމުގައި ހުރެވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޝިޔާމް ވިދާޅުވި އެވެ. 

ބޭންކް އޮފް މޯލްޑިވްސްއިން މި ޑެސިޝަން ނެގުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަކީ ސީދާ މި މާލީ ބަގާވާތް ގެންނަން މަސައްކަތްކުރެއްވި ބޭފުޅުންނާ އެކީގައި އެންމެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުން. މިއަދު އެ ބޭފުޅުން ބޯޑްތަކުގައި ތިއްބަވާނެ ކަމެއް ނެތް. އަޅުގަނޑު ދެކޭ ގޮތުގައި ބީއެމްއެލްގެ ސީއީއޯ ޖެހޭނީ އިސްތިއުފާ ދޭން

އަހުމަދު ޝިޔާމް، ފިޝަރީޒް މިނިސްޓަރު  

ބީއެމްއެލްގެ ނިންމުމަކީ ރައްޔިތުންގެ ކަރުގައި އެ ބޭންކުން ހިފުންކަން ސިފަކުރައްވަމުން  އޭނާ ވިދާޅުވީ އިކޮނޮމިކް ކައުންސިލުން ދިޔައީ އެކަން ނުކުރަން ބޭންކަށް ސާފު ބަހުން އަންގަމުން ކަމަށެވެ. ރައްޔިތުންގެ ހައްގުތައް ނިގުޅައި ނުގަނެ އެފަދަ ބޮޑު ބޭންކަކުން އެހެން ގޮތްތައް ހޯދުމަށް ސަރުކާރުން ބީއެމްއެލްގައި އާދޭސް ދަންނަވަމުން ދިޔަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ ބީއެމްއެލްއިން އެ އެންގުންތަކަށް ދިނީ ބީރުކަންފަތެއް  ކަމަށެވެ. 

"ރައީސް ވެސް އެތައް މަސައްކަތްތަކެއް އޭގެ ކުރީގައި ކުރައްވަމުން ގެންދެވި. އޭގެ ކުރިން ވާހަކަ ދައްކައިގެން ކަންކަން ކުރެވޭތޯ ބެލީ. ހުރިހާ ދިވެހި ރައްޔިތުންގެ ހައްގުގައި ގައުމުގެ އިސް ވެރިޔާގެ ހައިސިއްޔަތުން ޑެސިޝަންނަގައި އިރުޝާދުތައް ދެއްވަމުން ރައީސް ގެންދެވީ. އެތަން އަޅުގަނޑު ދުށިން. އެހެންވެ އެތަނުގެ [ޑެޕިއުޓީ] ސީއީއޯ ރައީސްގެ އިރުޝާދަށް ބަދަލުކުރެއްވީ،" ފޯރީގައި ޝިޔާމް ވިދާޅުވި އެވެ.

"އެއަށް ވުރެ ގާބިލް ބޭފުޅުން ތިއްބަވަން ޖެހޭނީ [ބޯޑުގައި]. ރައީސް ކޮންމެ ފަހަރަކު ކިޔައިދެއްވާކަށް ނުޖެހޭނެ މިކަންކަން ކުރައްވާނެ ގޮތް. އެ ބޭފުޅުން ގޮތް ހޯއްދަވަން ޖެހޭނެ. އެހެންވެ، [ބީއެމްއެލްގެ] އެންމެ އިސް ފަރާތަށް ވެސް [މަގާމުގައި] ހުރެވިގެން ނުވާނެ. އޭނާ މިހާރުން މިހާރަށް އިސްތިއުފާ ދޭން އަޅުގަނޑު ގޮވާލަން." 

ޝިޔާމްގެ ތުހުމަތުތައް ބޭންކަށް އަމާޒުކުރައްވަމުން ވިދާޅުވީ އެއް ދުވަހު ހެނދުނު ހޭލައިގެން އައިސް ބޭންކުގެ ވެރިން ކާޑުތަކުން ބޭރުގައި މުއާމަލާތް ނުކުރެވޭގޮތް ހެދިއިރު އެމްޑީޕީގެ ވެރިން ތިއްބެވީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިގެން ކަމަށެވެ. އަދި އެއީ އިއްތިފާގެއް ނޫން ކަމަށާއި އެއީ ބަޔަކު އަޑީގައި ތިބެގެން ސީދާ ރާވައިގެން ބީއެމްއެލްއިން ކުރިކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ނަމަވެސް އޭނާގެ ވާހަކައިގެ ކުރީކޮޅުގައި ވިދާޅުވަމުން ގެންދެވީ ބީއެމްއެލްއަށް ޑޮލަރުގެ ތާށިކަން ކުރިމަތިވެފައި ވަނީ ކުރީގެ ސަރުކާރުގެ ދޯހަޅި މާލީ ސިޔާސަތުތަކުން ކަމަށެވެ. ހާއްސަ ގޮތެއްގައި ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެކަމުގެ ޒިންމާ ނަގަން ޖެހޭ ކަމަށް ޝިޔާމް ތަކުރާރުކޮށް ވިދާޅުވި އެވެ. 

ކޮމެންޓް (4)

ރުނީމް

27 އޯގަސްޓު 2024
ބަގާވާތެއްވިއްޔާ އެކަން ކުރަން އުޅުނީ ރައްޔިތުން. ރައްޔިތުން ނުރުހޭ ވެރިކަމެއް އެއްވެސް ގައުމެއްގައި ނުދެމެހެއްޓޭނެ.
3 0

ރަނީމާޒަ

27 އޯގަސްޓު 2024
މިކަން ވ ސާފު. ބޭކުން ބުނީ ބޭންކަށް ކާޑުތަކުން މިހާރު ވިޔަފާރިކުރާ މިންވަރަށް ޑޮލަރެއް ނުލިބެޔޭ އެހެންވެ ލިމިޓް ދަށްކުރިކަމަށް. އިބޫ ވެރިކަމުގަވެސް 600 އިން 250 އަށް ބަގާވާތްކުރި ބީއެމްއެލްއިން މިހާރު ރައީސް ބުނާގޮތުން. ބޭންކުން އަލުން ދޭނަމޭ ބުނީ ސަރުކާރުން ހަމަޖައްސަދޭން ބުނީމަ. އެމީހުން ޑޮލަރު ނެތަސް އެހެންއެބުނީ ވެރިކަން ވައްޓާލަން ރައްޔިތުން ނިކުންނަން ތައްޔާރުވީމަ.ފުލުހުންނަކަށް މިކަހަލަ ރައްޔިތުން އުތުރިއެރުމެއް ނުހުއްޓުވޭނެ
2 0

ސިކުނޑި

27 އޯގަސްޓު 2024
ޝިޔާމުތީ ކަނޑުކޮހެއްތަ؟ ކޯއްޗެކޭ ޗަކިޔަނީ؟ ބޭންކަކީ ސަރުކާރުތަނެއް ނޫނޭ! ޕަބްލިކް ބޭންކެއް! ކޮންތާކުން ޑޮލަރު ހޯދައިގެންތަދޭނީ؟ ކަލޭމެން ސަރުކާރުން އުނދުޅި ބާނައިގެން ބޭންކު ހިންގާ ކަމަށްވެއްޖިއްޔާ ސަރުކާރު މުވައްޒަފުންގެ މުސާރަ އެކަނި އަޅައިގެން ބޭންކު ހިނގާ! އަހަރުން މި ބަދަލުވަނީ އެހެން ބޭންކަކަށް! ވެރިކަން ކުރަން ނޭނގުނީމާ މިކަހަލަ ހަޑި ހޭވޭނީ!
3 0

މޮޑަފް

26 އޯގަސްޓު 2024
މިހާރު މިދަނީ ހަމަ އެއްކަލަ ޔާމީނުގެ ފަސް އަހަރުގަ ޖެހި ސޔާސީ ސަކަރާތަށް. އޭނަ ވެއްޖެއްޔަާ ބްރިޖެއްވެސް އެޅި އެސަކަރާތުގެ ތެރެއިންވެސް މިމީހުންނަށް އެއްކަމެއްވެސް ކުރެވެނީއެއް ނޫން. ދެން ބަލާބަލަ މިދިޔަ ފަސްއަހަރަށް. ޕާޓީތެރެއިން ބަޔަކު ނިކުމެ ބައިބައިވިއިރުވެސް މިކަހަލަ ސިޔާސީ ސަކަރާތަކަށް ދިޔަތަ؟
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް