ބީއެމްއެލް އިން ދޫކުރާ މާސްޓަކާޑުތަކެއް. (ފޮޓޯ/ބީއެމްއެލް)
ކާޑުގެ ބަދަލާ އެކު ބީއެމްއެލް ކޯލް ސެންޓަރަށް ބާރުބޮޑުވެއްޖެ
ގައުމީ ބޭންކް، ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް އަދި އާ ކްރެޑިޓް ކާޑްތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތަށް ހަދައި އެކަން މިއަދު އިއުލާނުކުރުމާ އެކު އެ ތަނުގެ ކޯލް ސެންޓަރަށް ބާރުބޮޑުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ޑެބިޓް އަދި އާ ކްރެޑިޓް ކާޑުތަކަށް ރާއްޖެއިން ބޭރުގައި މުއާމަލާތްކުރަން ދިން 250 ޑޮލަރު މީގެ ފަހުން ނުލިބޭނެކަން އިއުލާނުކުރީ މިއަދެވެ.
ތަފްސީލް - ބީއެމްއެލުން ދެންމެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ކޯލް ސެންޓަރަށް ބާރުބޮޑުވެފައިވާތީ ކަސްޓަމަރުންނަށް ކޯލް ސެންޓަރަށް ގުޅުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
އޭގެ އިތުރުން، އެ ބޭންކުން ބުނީ:
-
ސޯޝަލް މީޑިއާ ނުވަތަ އިންޓަނެޓް ބޭންކިން އެޕް މެދުވެރިކޮށް ފަސޭހަކަމާ އެކު ބީއެމްއެލްގެ ކަސްޓަމާ ކެއާ މުވައްޒަފުންނާ ވާހަކަ ދެއްކޭނެ
-
މިއަދު ގެނައި ބަދަލުތަކާ ގުޅޭ ގޮތުން ބޭނުންވާ މައުލޫމާތު ބޭންކުގެ ވެބްސައިޓުން ފެންނަން ހުންނާނެ
-
އެކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މާފަށް އެދޭ
އެނގުން މުހިންމު - ބީއެމްްއެލްއިން މިއަދު ވަނީ، ޑޮލަރު ލިބުން ދަތިވެ ބޭރުގައި ވިޔަފާރިކުރަން ދީފައިވާ ކާޑް ލިމިޓްތަކަށް ގެނައި ބަދަލުތައް މިއަދު އިއުލާންކޮށްފަ އެވެ. އެގޮތުން، އެ ބޭންކުން ގެނައި ބަދަލުތަކަކީ:
-
މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ
-
މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް، ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން
-
އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ