ކާބޯތަކެތި ޑެލިވަރީ ކުރުމުގެ މަސައްކަތް ކުުރާ ތަނެއްގައި ބިދޭސީންތަކެއް މަސައްކަތް ކުރަނީ. (ފޮޓޯ/އިމިގްރޭޝަން)

ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު ގާނޫނެއް؛ ޖޫރިމަނާ 1 މިލިޔަން ރުފިޔާއާ ހަމައަށް

މާދަމާ ތަންފީޒު ކުރާ މި ގާނޫނުން އެމްއެފްޑީއޭއަށް ވެސް ބޮޑެތި ބާރުތަކެއް ވަނީ ދީފައި

ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގަވައިދާ ހިލާފަށް ކާބޯތަކެތި ހަދައި ވިއްކާ ތަންތަން 1 މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް އާ ގާނޫނަކަށް މާދަމާ އަމަލުކުރަން ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އާއްމުންނާ ގުޅޭ ކާބޯތަކެތި، ނުތާހިރުކޮށާއި ރައްކާތެރިކަން ކުޑަގޮތަކަށް ހަދައި ވިއްކާ މައްސަލަ މި ފަހުން ބޮޑުވެފައި ވަނިކޮށް، މި ގާނޫނާ ގުޅޭ ގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވަނީ މިއަދު ވާހަކަދައްކަވާފަ އެވެ.

މާދަމާ ތަންފީޒު ކުރާ މި ގާނޫނުން، އާއްމުންނާ ގުޅޭ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އަށް ގިނަ ބާރުތަކެއް ވަނީ ދީފަ އެވެ. އެގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ގަވައިދުތަކާ ހިލާފަށް ކާބޯތަކެތި ހަދާފައިވާ ނަމަ އެތަނެއް ޖޫރިމަނާ ކުރުމުގެ ބާރާއި ބަންދުކުރުމުގެ ބާރު ވެސް އެތަނަށް ވަނީ ދީފަ އެވެ.

ބުނީ ކީކޭ؟ - މިނިސްޓަރު ވިދާޅުވި ގޮތުގައި، ގަވައިދުތަކާ ހިލާފަށް ކާބޯތަކެތި ހަދައި ވިއްކާ ނަމަ، އެއް މިލިޔަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ ފަރާތަކާ މެދު ޖިނާއީ ފިޔަވަޅު ވެސް އެޅޭނެ އެވެ.

މި ގާނޫނުގެ ދަށުން ސާފުތާހިރުކަން ހުންނަންވީ މިންގަނޑުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.

"ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކުގައި ހުންނާނެ، ކަންމަތީ ފިހާރައިގައި ވިއްކަން ހުންނަ ގުޅަޕެކެޓް އުފެއްދީ ކޮންތަަނަކުންކަން އެނގޭގޮތަށް ލޭބަލް ކުރުމަށް އަންގާފައި. އޭރުން އެނގޭނެ އެ ތައްޔާރުކުރީ ކޮންތަނަކުންކަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައްކާތެރި ނޫންކޮށް ކާބޯތަކެތި ހަދައި ވިއްކާ މީހުން ދެނެގަންނަން އެންމެ އުނދަގޫވަނީ، އެ ތައްޔާރުކުރާ ފަރާތް ގިނަ ފަހަރު އެނގެން ނެތުމުންނެވެ. އެހެންވެ، މި ގާނޫނުގެ ދަށުން، ދެން ކާބޯތަކެތި ވިއްކޭނީ އެ އުފެއްދި ތަނުގެ މައުލޫމާތު ހިމަނައިގެން، ޒިންމާދާރު ކުރެވޭނެ ފަރާތް އެނގެން ހުންނާނެ ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

"ގާނޫނުން އޭރުން ލާޒިމުކޮށްދޭނެ އެގޮތަށް ބަހައްޓާ ކާނާ ޓްރެކް ކުރުމަށް. އޭރުން ގޯހެއް އުޅޭ ކަމަށް ވާނަމަ އަޅުގަނޑުމެންނަށް އެ ފަރާތެއް ޖަވާބުދާރީ ކުރެވޭނެ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ކާބޯތަކެތި ހަދައި ވިއްކާ ތަންތަން ބަލާފާސްކޮށް، ފިޔަވަޅު އެޅުމުގެ ބާރެއް މިހާތަނަށް އެމްއެފްޑީއޭއަކަށް ނެތް. އެކަމަކު މާދަމާ، މި ބިލް ތަންފީޒު ވުމާ އެކު އެތަންތަން ބަލާ ފާސްކޮށް، ފިޔަވަޅު އެޅުމުގެ ބާރު ލިބޭނެ

  • އޭރުން ގަވައިދާ ހިލާފުވާ ތަންތަން ބަންދުކޮށް، އެކަންކަން އިސްލާހުކުރުމުން ހުޅުވަން ހުއްދަ ދިނުމުގެ ބާރު ވެސް އެމްއެފްޑީއޭއަށް ލިބޭނެ

ގަވައިދާ ހިލާފަށާއި ނުތާހިރުކޮށް ކާބޯތަކެތި ހަދައި ވިއްކާތަންތަން، އާއްމުން ރިޕޯޓު ކުރާނެ ގޮތް ވެސް މިހާރު ވަނީ ފަސޭހަކޮށްދީފަ އެވެ. އެގޮތުން ކަނޑައަޅާ ވަކި ނަމްބަރަކަށް، އެތަނެއްގެ ފޮޓޯ، ވައިބާކޮށްލުމުން އެކަން ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ނަމްބަރު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެނގުން މުހިންމު - އާއްމު ސިއްހަތާ ބެހޭ ގާނޫނުގެ ދަށުން، ރަޖިސްޓްރީކޮށްގެން ހިންގާ، ކެއިންބުއިމާއި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަލާ ފާސްކުރުމުގެ ޕްރޮގްރާމެއް މި ޖެނުއަރީ މަހުން ފެށިގެން އަންނަނީ ކުރިއަށް ގެންދަމުންނެވެ. ހަލީލް ވިދާޅުވީ މިހާތަނަށް 1،579 ތަނެއް ބަލާ ފާސްކޮށްފައިވާއިރު ސާފުތާހިރުކަން ކުޑަވެގެން 14 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. އެކަމަކު މިންގަނޑުތަކަށް ފެއްތުމުން، އެންމެ ތަނެއް ފިޔަވައި އެހެން ހުރިހާ ތަނެއް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށް ވިދާޅުވި އެވެ.

އިމިގްރޭޝަނުން ވެސް އަންނަނީ، ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ގިނަ ވިޔަފާރިތަކެއް ވެސް ހުއްޓުވައި މީހުންނާ މެދު ފިޔަވަޅު އަޅަމުންނެވެ. މިއިން އެއްވެސް ތަނަކީ ރަޖިސްޓްރީކޮށްގެން ހިންގާ ތަންތަނެއް ނޫނެވެ.

ކޮމެންޓް (2)

އާދަނުގޯތީ ކަމަނަ

22 އޯގަސްޓު 2024
އަރަފާތު ސޭންޑްވިޗު ތައްޔާރުކޮށްފައި ފިހާރައަށް ލާފައި ހުރީވެސް ފުރަތަމަ ލޭބަލްކޮށްފަ. ލޭބަލެއް ހުއްޓަސް ތަނެއްދޮރެއް ނޭގޭނެ. ދިވެހިންނާއި ގުޅިގެން މިކަންކަން ކުރަނީ. ކޮންމެވެސް ދިވެއްސެއްގެ ނަމުގައި ބަދިގެ ރަޖިސްޓަރީކޮށްފައި ހުރެދާނެ.
1 0

ހަސަންއިދުރީސް

22 އޯގަސްޓު 2024
ކާބޯތަކެތި އިންސްޕެކްޓް ކުރާ މީހުން އެމީހުންގެ ބެޖެއް އޮންނަން ޖެހޭނެ ، އަދި ކޮންމެ ވަގުތަކުވެސް ކައްކާ ތަނެއްގެ ބަދިގެއަށް އެމީހަކަށް ވަދެވޭނެ ! އެމެރިކާ އަދި ޔޫރަޕުގައި ކައްކާ ތަންތަން ބަލާ ފާސްކުރުމަށް ވަރަށް ހަރުކަށި ފިޔަވަޅު އަޅާ .. ކަންމަތީ ފިހާރަތަކުން ކާބޯތަކެތި ބަހައްޓަންޔާ އެ ބަހައްޓާ މީހުންގެ މައުލޫމާތު ލިބެން ޖެހޭނެ އަދި އެމީހަކު ކައްކާ ތަން ބެލެންވެސް ޖެހޭ !
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް