ގަވައިދަށް ފައްތަން އުޅަނދުތައް ވަގުތީގޮތުން ޕާކުކުރާނެ ބިން ހަމަޖެއްސުމުގެ އެއްބަސްވުން ބަދަލުކުރަނީ (ފޮޓޯ/ޓްރާންސްޕޯޓު މިނިސްޓްރީ)
ގަވައިދަށް ފައްތަން ޖެހޭ އުޅަނދުތައް ޕާކުކުރަން ހުޅުމާލޭ ދޭކުން ބިމެއް ދީފި
ގަވައިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ރަނގަޅުކުރުމަށް ދޭ މުއްދަތުގެ ތެރޭގައި، އެ އުޅަނދުތައް ވަގުތީ ގޮތުން ބާއްވަން ހުޅުމާލެ ފޭސް ދޭކުން ބިމެއް ހާއްސަކޮށްފި އެވެ.
ވީ ކިހިނެއް؟ - ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ އެ ބިން ރަސްމީކޮށް ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.
ތަފްސީލް - އެމްއޭސީއެލް ފްލެޓުތައް ކައިރީ އޮންނަ ހުސް ބިމުގައި ވަގުތީ ގޮތުން ޕާކްކުރެވޭނީ ގަވައިދާ ހިލާފަށް ރެޖިސްޓްރީކޮށްފައި ހުންނަ އުޅަނދުތަކާއި އެހެން ޒޯނުތަކަށް ރެޖިސްޓްރީކޮށްގެން މާލޭގައި ގެންގުޅޭ އުޅަނދުތަކުގެ ރެޖިސްޓްރޭޝަން ބަދަލުކުރަން ދޭ މުއްދަތުގައި އެކަން ކުރެވެންދެނެވެ.
އެގޮތުން:
-
ރެޖިސްޓްރީ ނުކޮށާއި އެހެން ޒޯނުތަކަށް ރެޖިސްޓްރީކޮށްފައިވާ އުޅަނދުތައް މާލޭގައި ހުރި އިރު އެތަކެތި ޓޯ ކުރުމުގެ ބަދަލުގައި ގަވައިދާ އެއްގޮތަށް ރެޖިސްޓްރީ ކުރަން މުހުލަތެއް ދޭނެ
-
40،000 އަކަފޫޓުގެ އެ ބިމުގައި 200 ވަރަކަށް ކާރު ޕާކްކުރެވޭނެ
-
އެ ބިމަށް އުޅަނދުތައް ގެންދަން މިއަދު ހުޅުވާލާނެ. އެ ސަރަހައްދު ބަލަހައްޓާނީ ފުލުހުން
އެހެން ޒޯނުތަކަށް ރެޖިސްޓްރީކޮށް، މާލޭ ސަރަހައްދުގައި ޕާކުކޮށްފައިވާ ގިނަ ވެހިކަލްތަކެއް ފުލުހުން ވަނީ މި ފަހުން ޓޯ ކޮށްފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މީގެ ކުރިން ވިދާޅުވެފައި ވަނީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ރަނގަޅުކުރަން ދޭ މުއްދަތުގެ ތެރޭގައި، އެ އުޅަނދުތައް ސަރުކާރުން ކަނޑައަޅާ ސަރަހައްދަކަށް 40 ދުވަހުގެ ތެރޭ ގެންދަން ޖެހޭނެ ކަމަށާއި ހަ މަސް ތެރޭ އުޅަނދުގެ ރަޖިސްޓްރީ ރަނގަޅުކުރަން ޖެހޭނެ ކަމަށެވެ.