މެއި13، 2024: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިޔު (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)
ޓެކްސީ ލައިން ފަށަނީ ބަޔަކު ވިޔަފާރިން ބޭރުކުރާކަށް ނޫން: އަމީން
ޓެކްސީ ލައިނެއް ފަށަން އުޅެނީ އެ ވިޔަފާރީގެ ތެރެއިން ވަކި ބަޔަކު ބޭރު ކުރަން ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މާލޭ ސަރައްދުގައި ޒަމާނީ، ސަލާމަތީ ގޮތުން ރައްކާތެރި އަދި ބަރޯސާވެވޭ ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށް، ސަރުކާރުން 'މާލެ ފެހި'ގެ ނަމުގައި އިއުލާންކުރި ޕްރޮގްރާމެއްގައި ވަނީ ހިމަނައިފަ އެވެ. އެއީ ޓެކްސީ ވިޔަފާރިއަށް ސަރުކާރުން ވަންނަން އުޅުން ކަމަށް ބުނެ ޑްރައިވަރުން ނުރުހުން ފާޅުކޮށް، އަމީންއާ މީގެ ކުރިން ބައްދަލުކޮށްފައިވެ އެވެ.
ތަފްސީލް - މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީން ވިދާޅުވީ ޓެކްސީ ލައިނެއް ހަދަނީ ޓެކްސީ ނިޒާމު ހަރުދަނާކޮށް އެ ހިދުމަތް ހޯދާ މީހުންނާއި ހިދުމަތްދޭ މީހުންނަށް ވެސް އެންމެ ރަނގަޅުވާނެ ގޮތަށް ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި އާންމު ރައްޔިތުންނަށް ޔަގީންކަމާ އެކު ޓެކްސީ ހިދުމަތް ލިބޭނެ ނިޒާމެއް ގާއިމް ކުރުމަކީ އެންމެ މުހިއްމު ބޭނުމެވެ.
"އޭގެ ތެރޭ ހިމެނޭނެ އާ ޓެކްސީ، ވަކި ފެންވަރެއްގެ ޓެކްސީ ގެނައުން. އޭގެ ތެރޭ ހިމެނިގެން މިދަނީ ފަސިންޖަރާއި ޓެކްސީ ދުއްވާ ޑްރައިވަރު މީހާގެ ވެސް ސަލާމަތާއި ރައްކާތެރިކަން،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެކްސީ ނިޒާމު ގާއިމް ކުރާނީ ސަރުކާރުގެ އެސްއޯއީއެއްގެ ތެރެއިންތޯ ނޫނީ ކޮންޓްރެކްޓެއްގެ ތެރެއިން މިހާރު ޓެކްސީ ދަފުތަރުގައި ތިބި ޑްރައިވަރުންނަށް ދޫކުރާނީތޯ އަދި ނުނިންމާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ޔަގީންވާ އެއް ކަމަަކީ މިހާރު މި އޮތް ނިޒާމަށް ވުރެ ރަނގަޅު ނިޒާމެއްގެ ތެރޭގައި ތިން ކަމެއް ޔަގީންކުރެވޭނެކަން،" އަމީން ވިދާޅުވި އެވެ.
އެ ތިން ކަމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި:
-
ހިދުމަތުގެ ފެންވަރު
-
އެންމެންނަށް ޓެކްސީ ލިބޭނެ ނިޒާމެއް
-
ސަލާމަތްތެރިކަން
"މި ތިން ބޭސިސްއަށް ބަލައިގެން އެންމެ ރަނގަޅު މޮޑެލް އަކީީ ކޮބައިތޯ ބެލުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު ފަށައިގެން މި ގެންދަނީ،" އަމީން ވިދާޅުވި އެވެ.
'މާލެ ފެހި' ޕްރޮގްރާމްގައި ޓެކްސީ ލައިނާ ގުޅޭގޮތުން ބުނެފައިވަނީ:
-
މި ޓެކްސީ ލައިންގެ ކާރުތައް ފްރީލާންސް އުސޫލުން ވަކި އެޕްލިކޭޝަނެއް މެދުވެރިކޮށް ކޮންޓްރޯލްކޮށް ދުއްވުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ދިވެހިންނަށް ހުޅުވާލާނެ
-
އެގޮތަށް ހަމަޖެއްސުމުން ޑްރައިވަރުންނާއި ފަސިންޖަރުންނަށް ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެންދާނެ
-
މި ޓެކްސީތަކުގެ މަދުވެގެން %25އަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދު ކަމަށް ހެދުމަށް ވަނީ ނިންމާފައި
އެ ހިދުމަތް ތައާރަފް ކުރާނެ ވަކި ތާރީހެއް އޭގައި ބުނެފައެއް ނުވެ އެވެ.
ކޮމެންޓް (3)
ާއަސިމް
ގާސިމް
ހިތަދޫ ހުސެން