މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ވިޔަފާރިއާ ބެހޭ 3 ބިލަކަށް 1 ދުވަހުން ބަހުސް ނިންމައި ކޮމެޓީއަށް

މި ތިން ބިލަކީ 19 ވަނަ މަޖިލީހުގައި އެމްޑީޕީން ހުށަހަޅާފައިވާ ތިން ބިލް؛ ނަމަވެސް، އެ ތިން ބިލް ވެސް ވަނީ އޭރު އަނބުރާ ގެންގޮސްފައި
14 އޯގަސްޓު 2024

ވިޔަފާރިއާ ގުޅޭ ތިން ބިލަކަށް އިބްތިދާއީ ބަހުސް އެއް ދުވަސް ތެރޭ ނިންމައި ދިރާސާ ކުރަން އިގްތިސޯދީ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - ޕީއެންސީގެ ފަރާތުން ހުށަހަޅައި އިއްޔެ ފުރަތަމަ ކިއުން އިއްވި މި ތިން ބިލުގެ އިބްތިދާއީ ބަހުސް ފަށާފައިވަނީ މިއަދެވެ. އެ ތިން ބިލަކީ:

  • ފޮރިން އިންވެސްޓްމެންޓްގެ ބިލު؛ ބިލް ހުށަހަޅުއްވާފައިވަނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރްޒޫގު

  • ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހެޅި ބިލު؛ ބިލް ހުށަހަޅުއްވާފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު

  • ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނުނު؛ ބިލް ހުށަހަޅުއްވާފައިވަނީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ނާޒިލް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ތަފްސީލް - މި ތިން ބިލް ކޮމެޓީއަށް ފޮނުވަން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެގޮތުން:

  • ފޮރިން އިންވެސްޓްމެންޓު ބިލަށް 81 މެންބަރުން ވޯޓު ދެއްވި

  • ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހެޅި ބިލަށް 80 މެންބަރުން ވޯޓު ދެއްވި

  • ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ ބިލަށް 82 މެންބަރުން ވޯޓު ދެއްވި

ފޮރިން އިންވެސްޓްމަންޓުގެ ބިލަށް ބަހުސްކުރެއްވީ މަޖިލީހުގެ ފުރަތަމަ ދަންފަޅި އަދި ދެވަނަ ދަންފަޅީގައި ޖުމްލަ 10 މެންބަރުންނެވެ. ވިޔަފާރި ރަޖިސްޓްރީ ކުުރުމުގެ ބިލަށް ދެ މެންބަރުން ބަހުސްކުރެއްވި އިރު، މާލީ ސެކިއުރިޓީޒްއާ ބެހޭ ބިލަށް އެއްވެސް މެންބަރަކު ވާހަަކައެއް ނުދައްކަވަ އެވެ.

މިިއިން ކޮންމެ ބިލަކަށް ބަހުސްކުރަން 4 ގަޑިއިރު ކަނޑައަޅާފައިވެ އެވެ. ނަމަވެސް، ބަހުސް ކުރައްވާނެ މެންބަރުން ނެތިގެން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ބިލްތަކަށް ބަހުސް ކުރުން ނިންމާލައްވާފަ އެވެ.

އެނގުން މުހިންމު - މި ތިން ބިލަކީ ވެސް 19 ވަނަ މަޖިލީހުގައި އޭރު ވެރިކަމުގައި އޮތް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކެކެވެ. ނަމަވެސް، އޭރުގެ ސަރުކާރުން އެދިގެން ތިން ބިލު ވެސް ވަނީ އަނބުރާ ގެންގޮސްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އޭރު ހުށަހެޅި ތިން ބިލު ކިޔާލަން:

އަލުން މި ތިން ބިލު މި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަޅާފައި ވަނީ، މާ ބޮޑެތި ބަދަލުތަކެއް ނުގެނެސް، ކުރިން ވެސް ހުރި ކަންކަން ހިމަނައިގެންނެވެެ. 

3 ބިލުގައި ހުރި ކަންކަން ކުރުކޮށް:

  • ފޮރިން އިންވެސްޓްމަންޓް ބިލް: މި ބިލަކީ ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް ކަނޑައެޅުމާ ގުޅޭ އުސޫލުތަކާއި އެފަދަ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ދޫކުރުމާ ގުޅޭ އުސޫލުތަކާއި އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމާޔަތާއި ރައްކާތެރިކަމާ ގުޅޭ އުސޫލުތަކާއި އެފަދަ އިންވެސްޓްމަންޓްތައް ދައުލަތަށް ނެގޭނެ ހާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓްތަކަށް ބަދަލުދެވޭނެ އުސޫލުތައް ބަޔާންކުރުމަށާއި އެ ނޫން ވެސް ކަމާ ގުޅޭ އުސޫލުތައް ބަޔާންކުރަން ހުށަހަޅާފައިވާ ބިލެއް

  • ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހެޅި ބިލު: މި ބިލަކީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ސެކިއުރިޓީޒްގައި އިންވެސްޓްކުރެވޭނެ ދާއިރާ ކަނޑައެޅުމަށާއި އެ ނޫން ވެސް ކަމާ ގުޅޭ މައިގަނޑު އުސޫލުތައް ބަޔާންކުރުމަށް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ ބިލެއް

  • ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނު: މި ބިލަކީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން އެ އިސްލާހާ އެއްގޮތްވާ ގޮތުގެ މަތިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ހުއްދަކުރެވޭ ސެކިއުރިޓީޒްގެ ބާވަތްތަކުގައި އިންވެސްޓްކުރެވޭނެ އުސޫލުތައް ކަނޑައެޅުމަށްޓަކައި ހުށަހަޅާފައިވާ ބިލެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް