ކޮސްރޯޑްސް މޯލްޑިވްސް: ބޭރުގެ އިންވެސްޓްމެންޓްތަކަށް އާ ގާނޫނެއް އެކުލަވާލުމަށް ސަރުކާރުން މިއަދު މަޖިލީހަށް ވަނީ ހުށަހަޅާފައި. (ފޮޓޯ ސީއެންއެން

ބޭރުގެ އިންވެސްޓްމެންތަކުން ގާނޫނާ ހިލާފުވާ ނަމަ، މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމާނާ ކުރެވޭ ގާނޫނެއް

މި ގާނޫނު ވުޖޫދުވުމާއެކު، މިދިޔަ 44 އަހަރު އަމަލު ކުރަމުން އައި ދުސްވީ ގާނޫނު އުވޭނެ

ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ ކުންފުނިތަކުން ގާނޫނާ ހިލާފަށް އަމަލު ކުރާ ހާލަތްތަކުގައި 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނެއް އެކުލަވާލުމަށް، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މިއަދު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - 'ފޮރިން އިންވެސްޓްމަންޓް ބިލު'ގެ ނަމުގައި ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން އެވެ. 

ބިލުގައި ހިމެނޭ މައިގަނޑު ކަންކަމަކީ:

  • ރާއްޖޭގައި ކުރެވޭ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ރާއްޖޭގެ އިގްތިސާދު ތަރައްގީކުރުމަށްޓަކައި ކަމާ ގުޅޭ އުސޫލުތައް 

  • އެ އުސޫލުތަކުގެ ތެރޭގައި، ރާއްޖޭގައި ބޭރުގެ ފަރާތްތައް އިންވެސްޓު ކުރެވޭނެ ދާއިރާތައް ކަނޑައެޅުމާއި ލައިސެންސް ދިނުމުގައި އަމަލު ކުރާނެ އުސޫލުތަކާއި ލިބޭނެ ހިމާޔަތާއި ރައްކާތެރިކަމުގެ ކަންކަން ކަނޑައެޅުން ހިމެނޭ

  • ވިޔަފާރިއެއް ކުރުމަށް ނުވާ ގޮތަށް ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކުގެ ބޭރުގެ ކޮންޓްރެކްޓަރުންނާ މެދު އަމަލު ކުރާނެ ގޮތްތަކާއި ގާނޫނާ ހިލާފުވުމުން ކުރާނެ ޖޫރިމަނާގެ އަދަދުތައް ކަނޑައަޅާފައިވޭ

  • ވަކި ހާއްސަ ހާލަތްތަކުގައި ދައުލަތަށް އެ އިންވެސްޓްމެންޓެއް ނެގުމުގެ އުސޫލުތައް ބަޔާން ކުރުން

ފޮރިން އިންވެސްޓްމަންޓާ ގުޅޭ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މަނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ހާރޫން. (ފޮޓޯ/މަޖިލިސް)

ތަފްސީލު -  ޖުމްލަ 44 ސަފްހާގެ އެ ބިލު އެކުލެވިގެން ވަނީ 10 ބާބެއްގެ މައްޗަށެވެ. ބޭރުގެ އިންވެސްޓްމެންޓްތަކުގެ ދާއިރާތައް ކަނޑައެޅުމާއި ބައެއް އުސޫލުތައް ތަފްސީލު ކުރުން އޮތީ، ސީދާ އިކޮނޮމިކް މިނިސްޓަރަށް ނުވަތަ މި ގާނޫނުގެ ދަށުން އެ މިނިސްޓްރީން ހަދާ ގަވައިދުތަކަށް ދޫކޮށްލާފަ އެވެ. އަދި މުޅި ބިލު ފަރުމާކޮށްފައިވަނީ ވެސް މިނިސްޓަރީއަށް ބޮޑެތި ބާރުތައް ލިބޭ ގޮތަށެވެ. އެގޮތުން:

  • ބިލުގައި ބަޔާންކުރާ ހާލަތްތަކެއް މެދުވެރިވެގެން ނުވަތަ ގާނޫނާ ހިލާފަށް އަމަލުކޮށްގެން ފޮރިން އިންވެސްޓްމެންޓަށް ދޫކޮށްފައިވާ ލައިސެންސް ހިފެއްޓުމާއި ބާތިލު ކުރުމުގެ ބާރު ދީފައިވޭ

ފިޔަވަޅު އެޅުމާއި ޝަކުވާ ހުށެހެޅުން ބަޔާން ކުރަނީ ބިލުގެ ހަތް ވަނަ ބާބުގަ އެވެ. އެ ބަބާބުގައި ފޮރިން އިންވެސްޓްމަންޓެއް ހިންގާ ފަރާތަކުން ކޮށްގެން ނުވާނެ މަނާ ކަންކަމާއި އަޅާނެ ފިޔަވަޅުތައް ހިމަނާފައިވެ އެވެ. އެގޮތުން:

  • 1-

    ލައިސެންސް ދޫކޮށްފައިވާ ވިޔަފާރި ފިޔަވައި އެހެން ވިޔަފާރިއެއް ކުރުން؛ އަދަބެއްގެ ގޮތުގައި މުޅި ވިޔަފާރީގެ ނުވަތަ އިންވެސްޓްމަންޓުގެ އަގުގެ %30އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން

  • 2-

    ލައިސެންސްގެ ޝަރުތަކާ ހިލާފު އަމަލެއް ކުރުން

  • 3-

    ލައިސެންސާ ހިލާފުވުމުން، ރަނގަޅު ކުރަން އަންގާ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި އެކަން އިސްލާހު ނުކުރުން؛ އަދަބެއްގެ ގޮތުގައި، ކަމުގެ ކުޑަބޮޑުމިނަށް ބަލައި 100،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުކުން ޖޫރިމަނާ ކުރުން

  • 4-

    ލައިސެންސް ހޯދުމުގައި ސައްހަ ނޫން މައުލޫމާތު ހުށަހެޅުން

އެއް ވަނަ ނަންބަރާއި ތިން ވަނަ ނަންބަރު ފިޔަވައި ދެން ހުރި ކަންކަމަށް، އަމަލުތަކުގެ ކުޑަބޮޑު މިނަށް ބަލައި ޖޫރިމަނާ ކުރެވޭނެ އަދަދެއްގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވަނީ، 100،000ރ.ގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ މުޅި ވިޔަފާރީގެ އަގުގެ %10އިން ޖޫރިމަނާ ކުރުމެވެ.

ބޭރުގެ އިންވެސްޓްމަންޓަކުން ރާއްޖޭގައި މިވަގުތު ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ކުރިއަށް ދަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފާހަގަކޮށްލެވޭ ކަމެއް - ބޭރުގެ ފޮރިން އިންވެސްޓްމެންޓްތަކާ މެދު މިހާރު އަމަލު ކުރަމުން އަންނަނީ، 1979 ވަނަ އަހަރު ތަސްދީގު ކުރި ރާއްޖޭގައި ކުރެވޭ 'ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނު' އާއި އިކޮނޮމިކް މިނިސްޓްެރީން ހަދާފައި ހުންނަ ގަވައިދުތަކުގެ ދަށުންނެވެ.

ބިލުގެ 49 ވަނަ މާއްދާގައިވާ ގޮތުން، މި ބިލު ގާނޫނަކަށްވުމުން އަމަލުކުރަން ފެށުމުން، ކުރިން އަމަލު ކުރަމުން އައި ގާނޫނު އުވޭނެ އެވެ.

ބިލު ތަސްދީގުކޮށް، ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން ތިން މަސްދުވަސް ހަމަވާ ތާރީހުން ފެށިގެން މި ގާނޫނަށް އަމަލު ކުރަން ފެށުމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް (1)

ނޯ ޓައިމް!

23 އޮކްޓޯބަރު 2023
ނަސީބެއްނު މުޅި 40 ސަފްހާ މިތާ ނުލިޔުނުކަން! ދައުރުގެ ހަބަރުތައް މާބޮޑަށް ދިގުވަނީ! މިހާރު ކިޔޭނީ 3 ލަފްޒުން ވަހުމްވާ ވަރުގެ ކުރު ހަބަރު..
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް