މާލޭގެ މަގުތަކުގައި ވާރޭވެހި ފެންބޮޑުވުމުން އެމްއެންޑީއެފްގެ އޮފިސަރުން ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މަގު ހަދައި ނިމުމުން، ފެންބޮޑުވާ މައްސަލަ ހައްލުވާނެ: ރައީސް

މާލޭގެ މަގުތައް ހެދުމުގައި ބިމަށް ފެން ހިނދޭ ގޮތަށް ކޮށްފައިވާ ޑިޒައިނާ އެއްގޮތަށް މަސައްކަތް ނުކުރުމަކީ ފެން ބޮޑުވާ މައްސަލަ ހައްލު ކުރަން މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ވެސް ވިދާޅުވި

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއަކީ މާލޭގައި ޒަމާނުއްސުރެ ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލު އަންނާނެ މަޝްރޫއެއް ކަަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މާލެ އާއިި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރަށްރަށުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ރައީސް މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިއްސާރާގައި ގެއްލުންވަމުންދާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ އިސްކަން ދީގެން މަސައްކަތް ކުރާނެ ކަމަށެވެ.

ތަފްސީލް - ރައީސް ވިދާޅުވީ ވިއްސާރާގައި އާންމު ދިރިއުޅުމަށާއި ގެދޮރާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަން ޖެހޭ މުހިއްމު މަސައްކަތްތައް ކުރުމުގައި އެންމެންގެ އެބާރުލުން ލިބޭ ނަމަ، އެ މަސައްކަތްތަކުގެ ނަތީޖާ ނެރެވިދާނެ ކަމަށެވެ.

"މިގޮތުން، މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާ މަޝްރޫއުގެ އެންމެ މުހިއްމު އެއް އަމާޒަކީ މާލޭގައި ފެންް ބޮޑުވުން ހައްލުކުރުން. އެ މަޝްރޫއު ނިމިގެން ދާއިރު މާލޭގައި ޒަމާނުއްސުރެ ބޮޑުވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލެއެކޭ އެއްގޮތަށް ރާއްޖޭގެ ގިނަ ރަށްރަށުގެ މަގުހެދުމުގެ މަޝްރޫއު ކޮންމެ އަހަރަކުވެސް ޕްލޭން ކޮށްފައިވާ ގޮތަށް، އިސްކަންދީގެން ކުރިޔަށް ގެންދެވުމުން އެ ރަށްރަށުގައި ވެސް ފެންބޮޑުވުމުގެ މައްސަލައަށް ހައްލު އަންނާނެ ކަމަށެވެ.

މާލޭގައި ފެންބޮޑުވާ މައްސަލައާ ގުޅޭގޮތުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު 'އެކްސް'ގައި ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ މަގުތައް ހެދުމުގައި ބިމަށް ފެން ހިނދޭ ގޮތަށް ކޮށްފައިވާ ޑިޒައިނާ އެއްގޮތަށް މަސައްކަތް ނުކުރުން ކަމަށެވެ.

ޗައިނާގެ އެހީގައި މާލޭގެ މަގުތައް ހަދަން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުއާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެކަށޭނަ ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމެއް ގާއިމް ކުރަން އިސްކަން ދެއްވާނެ ކަމަށެވެ.

"މި ޕްރޮޖެކްޓަކީ މުޅި މާލެ ސާވޭ ކުރެވި ޑިޒައިން ކުރެވިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއަކަށްވާތީ، މަޝްރޫއު ނިމޭއިރު މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ އެއްކޮށް ހައްލުވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - މިއަދު މެންދުރު ކުރިން ފެށިގެން މާލެ އަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ފެންހިންދުމުގެ މަސައްކަތަށް ސިފައިން ވަނީ ނުކުމެފަ އެވެ.

އެމްއެންޑީއެފް އިން ބުނީ އައިޖީއެމްއެޗް ސަރަހައްދާއި، ވެސްޓް ޕާކް، ޕިއްޒާބޯނާ، ބޮޑުވަޅު، ދިރާގު އަދި ދަރުބާރުގެ ސަރަހައްދުގައި ފެންހިންދުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކޮމެންޓް (2)

ސިކުނޑި

14 އޯގަސްޓު 2024
އެހެންކިޔާފަ އަމީނީމަގުވެސް ކުރިން ހެދީ ވީކަމެއްނެތް! މުޅީންވެސް އޮޅުވައިލުމާއި ދޮގުހެދުމުގައި ދައުރެއް ނިންމާނެ ރައީސެއް މިއޮތީ ހޮވިފަ! ހުސްގޮނޑިއެއް ދައްކައިގެން ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމަށް އައި މީހަކު ރައްޔިތުންނަށް ހެޔޮ އެދިގެން ކަމެއް ކޮށްފާނެތަ؟!؟ މިވެރިކަން އައީވެސް އަދި ދެމިއޮންނާނީވެސް މަކަރާއި ހީލަތާއި އޮޅުވާލުމުގައި!
0 0

ސަމުގާ

13 އޯގަސްޓު 2024
ވަހީދު ވެރިކަމުގަ 2 އަހަރު ޔާމީން ވެރިކަމުގަ 5 އަހަރު ހައުސިން މިނިސްޓަރަކަށް، ސިޓީ ކައުންސިލް މޭޔަރަކަށް 3 އަހަރު، ވެރިކަމުގަ މިހާރު އަހަރެއްވަނީ، މިހާދިގު މުއްދަތެއް މިހާބޮޑު ފުރުސަތެއް ލިބުނު މީހެއް މުއިއްޒުމީ، އަދި 10 އަހަރު ދޭންށޭތަ ތިބުނަނީ މާލޭ ފެންބޮޑުވުން ހައްލުކުރަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް