މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ ތިން މީހުން (ކ-ވ): ޝަހުބާން ފަހުމީ، އަލްހާން ފަހުމީ އަދި ޝަޒްބާން ފަހުމީ.

އަލްހާންގެ 'ޕޮންޒީ ސްކީމު'ގެ 3 ހިއްސާދާރުންގެ ޝަރީއަތް ފަށައިފި

މިއަދުގެ އަޑުއެހުމުގައި ތިން މީހުންގެ ފަރާތުން ވެސް އެދުނީ ދައުވާތަކަށް ޖަވާބުދާރީވާން އިތުރު މުއްދަތު ދިނުމަށް؛ ގާޒީ ވަނީ އެ ކަމަށް 15 ދުވަހުގެ މުއްދަތެއް ދެއްވާފައި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާނު ފަހުމީ އިސްވެ ހުންނަވައިގެން ފޮރެކްސް ޓްރޭޑް ކުރުމުގެ ނަމުގައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާ ހިމެނޭހެން، އެ މުއާމަލާތް ހިންގި 'ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑު'ގެ ތިން ހިއްސާދާރުންގެ މައްޗަށް ކުރާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށައިފި އެވެ.

ވީ ކިހިނެއް؟ - ކިންގްސް ކުންފުނިން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް، މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވަނީ މާޗު 2022ގަ އެވެ. 

ތަހުގީގު ނިންމައި މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް މިދިޔަ 13 ނޮވެމްބަރުގައި ހުށަހެޅީ އެ ކުންފުނީގެ އަނެއް ދެ ހިއްސާދާރުންނާ ވެސް އެކުގަ އެވެ. އެ ތިން މީހުންގެ މައްޗަށް ޖުމްލަ 39 ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ.

ދައުވާ ކޮށްފައިވާ މީހުންނާއި ދައުވާތަކަކީ:

  • އަލްހާނު ފަހުމީ - ޓެކުމުގެ ކުށުގެ 13 ދައުވާ

  • ޝަހުބާން ފަހުމީ - ޓެކުމުގެ ކުށުގެ 13 ދައުވާ

  • ޝަޒްބާން ފަހުމީ - ޓެކުމުގެ ކުށުގެ 13 ދައުވާ

ތަފްސީލް - މި މައްސަލައިގެ ޝަރީއަތް ފަށަން އެންމެ ފުރަތަމަ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ 14 މެއިގަ އެވެ. އެކަމަކު ދައުވާ ލިބޭ މީހުންގެ ފަރާތުން ވަކީލުން ހަމަނުޖެހޭތީ އެ ދުވަހު މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

ވަކީލުން ހަމަޖައްސަން ފުރުސަތު ދިނުމަށް ފަހު ދެ މަސްދުވަސް ފަހުން މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ދައުވާތައް އިއްވުމާއި ދައުވާތަކަށް ޖަވާބުދާރީ ވުމެވެ. ދައުލަތުގެ ފަރާތުން މިއަދުގެ އަޑުއެހުމުގައި ދައުވާތައް އިއްވާފައިވެ އެވެ.

ދައުލަތުން ކޮށްފައިވާ ދައުވާގައި ދައުވާ ކުރާ ސަބަބެއް ކަމަށް ބުނެފައިވަނީ، އަލްހާނު ފަހުމީ އާއި ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް އިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށް ފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ "ފައިސާ ޓަކައިގެންފައިވާތީ" ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި ދައުވާ ލިބޭ ތިން މީހުންގެ ފަރާތުން މި މައްސަލާގައި ކްރިމިނަލް ކޯޓުގައި ވަކާލާތު ކުރައްވާ ވަކީލު އަލީ ސައީދު ވަނީ ދައުވާތަކަށް ޖަވާބުދާރީވާން 15 ދުވަހުގެ މުއްދަތެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ. ދައުވާއަށް ޖަވާބުދާރީވާން އިތުރު މުއްދަތު ބޭނުވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ދައުވާގައި ސާފު ނުވާ ކަންތައްތަކެއް ހުރީ ވަކީލެއްގެ ގޮތުގައި އައްޔަންވީ މިއަދު ހެނދުނު ކަމަށްވާތީ އެވެ.

އެހެންކަމުން، މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވަނީ އެ ފުރުސަތު މިއަދު ދެއްވާފަ އެވެ. ދެން މި މައްސަލާގައި އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ މެދު ތެރޭ ނުވަތަ ފަހުކޮޅު ކަމަށް ވިދާޅުވި އެވެ. އެހާތަނަށް ދައުވާތަކަށް ޖަވާބުދާރީވާން ތައްޔާރުވާން ޝަފީއު އެންގެވި އެވެ.

ގުޅުންހުރި ކަމެއް - އަލްހާންގެ ސްކީމުގައި ޖެހުނު މީހަކަށް 90،000ރ. އަދި އިތުރު ތިން މީހަކަށް 700،000ރ.އަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ އަހަރުގެ މެއި އަދި ޑިސެމްބަރުގައި ހުކުމްކޮށްފައިވެ އެވެ. އަދި އިތުރު ދެ މީހަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް މިދިޔަ ފެބްރުއަރީގައި ވެސް ހުކުމްކޮށްފައިވެ އެވެ.

ފަސް މަންޒަރު - ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް ފޭސްބުކް އާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގާ ސްކީމެއްގެ މައުލޫމާތު މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ލިބި، އެ ސްކީމާ މެދު ސަމާލުވާން 10 މާޗު 2022ގައި ބަޔާނެއް ނެރެ އާންމުންގެ ކިބައިން އެމްއެމްއޭއިން އެދުނެވެ. 

  • އެމްއެމްއޭގެ ބަޔާނާ އެކު ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ އެކައުންޓް ބީއެމްއެލް އިން ފްރީޒް ކުރި 

  • އެ ސްކީމާ ގުޅޭ މައްސަލަތަކެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފެށީ 15 މާޗު 2022ގައި 

  • މައްސަލައިގެ ތަހުގީގު ނުނިމެނީސް ކިންގްސް ކުންފުނީގެ އެކައުންޓް އަންފްރީޒް ކުރުމާ އެކު، ވަރަށް ފަހަކާ ޖެހެންދެން އަލުން އެ ސްކީމް ކުރިއަށްގެން ދިޔަ ނަމަވެސް ކުރިން އިންވެސްޓު ކުރި ގިނަ އިންވެސްޓަރުންނަށް ފައިސާ ރައްދުކޮށްފައެއް ނުވޭ 

  • ރާއްޖޭގެ ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް އަލްހާން ވިދާޅުވޭ

ކޮމެންޓް (1)

ނސކއޖސކ

8 އޯގަސްޓު 2024
މުނީރު ފޮރެކްސް ވަގު މުނީރު ހައްޔަރުކުރޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް