މަޖިލީހުގެ ކޮމިޓީއެއްގައި ފިނޭންސް މިނިސްޓަރު ޑރ. ޝަފީގް: އެ މިނިސްޓްރީން މަލީ ކަންކަމާ ގުޅޭ ގޮތުން ފޮނުވި ރިޕޯޓުތައް ސިއްރުކޮށްދޭން ވަނީ އެދިފައި (ފައިލް ފޮޓޯ)

ދައުލަތުގެ ހަރަދާއި ދަރަނީގެ މައުލޫމާތު ސިއްރުކޮށްދޭން މާލީ ވުޒާރާއިން އެދިއްޖެ

ދައުލަތުގެ އާމްދަނީ އާއި ހަރަދު އަދި ދަރަނީގެ ސިޔާސަތުތައް މަޖިލީހާ ހިއްސާކުރުމަށް ފަހު މާލީ ވުޒާރާއިން މީގެ ކުރިން އެ ސިޔާސަތު ހާމަކުރޭ

ދައުލަތުގެ ހަރަދާއި އާމްދަނީ އަދި ދަރަނީގެ ސިޔާސަތު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ މާލީ ވުޒާރާއިން މިއަދު ހިއްސާކުރުމަށް ފަހު އެ މައުލޫމާތުތައް ސިއްރެއްގެ ގޮތުގައި ބާއްވައި ދިނުމަށް ކޮމިޓީގައި އެ ވުޒާރާއިން އެދިއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ބައްދަލުވުން ފައްޓަވަމުން ވިދާޅުވީ، މާލީ ކަންކަމާ ގުޅޭ ތިން ލިޔުމެއް މާލީ ވުޒާރާއިން ކޮމިޓީއާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ދެ ލިޔުމެއް ސިއްރު ކޮށްދޭން މިނިސްޓްރީގެ ފަރާތުން އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 ގާސިމް ވިދާޅުވި ގޮތުގައި ސިއްރު ކުރަން މާލީ ވުޒާރާއިން އެދުނު ލިޔުންތަކަކީ: 

  • 2024 ވަނަ އަހަރުން 2026 ވަނަ އަހަރަށް މެދު ރާސްތާ ފިސްކަލް ސްޓްރެޓެޖިީ ނުވަތަ އާމްދަނީ އާއި ހަރަދުގެ ސިޔާސަތު އަންގައިދޭ ބަޔާން

  • ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ ނުވަތަ ދައުލަތުން ދަރަންޏާ ގުޅޭ ސިޔާސަތު ގެންގުޅޭނެ ގޮތުގެ ބަޔާން 

ބުނީ ކީކޭ؟- "2 [އަދި] 3 ސިއްރު ޑޮކުމެންޓެއްގެ ގޮތުގައި ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެފައި މި އޮންނަނީ. ދެން ކޮމިޓީންތާ ނިންމާނީ ސިއްރުތޯ ނޫންތޯ،" މާލީ ވުޒާރާއިން ލިޔުންތައް ސިއްރުކުރަން އެދިފައިވާތީ އެކަން ކޮމިޓީއަށް ހުށަހަޅުއްވަމުން ގާސިމް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް (ފޮޓޯ/މަޖިލިސް)

އެނގުން މުހިންމު - ދައުލަތުގެ ހަަރަދަށް ޒިންމާވުމުގެ ގާނޫނުގައިފައިވާ ގޮތުން މިނިސްޓްރީން ސިއްރު ކުރަން އެދުނު އެ ދެ ލިޔުމަކީ ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުގެ ކުރިން މާލީ ވުޒާރާއިން މަޖިލީހާ ހިއްސާ ކުރަން ޖެހޭ ދެ ބަޔާނެވެ.  އޭގެ ތެރެއިން، ފިސްކަލް ސިޔާސަތުގެ ބަޔާނަކީ ކޮންމެ އަހަރަކު އެއް ފަހަރު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ޖެހޭ ބަޔާނެއް ކަމަށް ގާނޫނުގައި ބުނެ އެވެ. 

ގާނޫނުގައި ބުނާގޮތުން ފިސްކަލް ސްޓްރެޓަޖީ ބަޔާނުގެ މަގުސަދަކީ ދައުލަތުގެ ހަރަދާއި އާމްދަނީގެ ސިޔާސަތާ މެދު އާންމު ހޭލުންތެރިކަން އިތުރުކުރުމާއި އެ ސިޔާސަތުގެ އަމާޒުތައް ހާސިލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ވަޒަންކުރެވޭނެ ވަސީލަތެއް ގާއިމް ކުރުމެވެ. 

ދަރަނީގެ ސްޓްރެޓަޖީ ބަޔާނުގެ މަގްސަދަކީ ދައުލަތުގެ ދަރަނި ހަރުދަނާ އުސޫލުތަކެއްގެ މަތިން އަދާކޮށް ބަލަހައްޓަމުން ގެންދިޔުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމެވެ. 

ތަފްސީލް - އެ ދެ ބަޔާން ސިއްރުކުރަން މިނިސްޓްރީން އެދިފައިވާތީވެ، ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. ކޮމިޓީގެ ނައިބު މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު ތާއީދު ކުރެއްވި އެ ހުށަހެޅުމަށް ފުރަތަމަ ވޯޓަށް އެހުމުން އަށް މެންބަރުންގެ ތެރެއިން އެކަމަށް ތާއީދު ކުރެއްވީ ހަތަރު މެންބަރުންނެވެ. ވޯޓް އެއްވަރުވެ، ދެވަނަ ފަހަރަށް އަލުން ގާސިމް ވޯޓަށް އެހުމުން، ފަސް މެންބަރުންގެ އަގުލަބިޔަތުން ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރަން ނިންމި އެވެ.

ފާހަގަކޮށްލެވޭ - މީގެ ކުރިން މާލީ ވުޒާރާއިން އެ ރިޕޯޓްތައް މަޖިލީހާ ހިއްސާކުރުމަށް ފަހު ވެބްސައިޓުގައި އާންމު ވެސް ކުރެ އެވެ. 

'ދަރަންޏާ ގުޅޭ މައުލޫމާތުތައް ފުރިހަމައެއް ނޫން'

ކޮމިޓީގައި މިއަދު ވަނީ ކޮމިޓީން އެދިގެން މާލީ ވުޒާރާއިން ފޮނުވާފައިވާ މިއަހަރު ޖޫންގެ ނިޔަލަށް ދައުލަތަށް ނަގާފައިވާ ލޯނާއި ދައުލަތުން ސޮވެރިން ގެރެންޓީ ދީފައިވާ ލޯނު އަދި ދައުލަތުން ދޫކޮށްފައިވާ ލޯނުތަކުގެ ތަފްސީލު ހިމެނޭ ލިޔުމާ މެދު ވެސް މަޝްވަރާކޮށްފަ އެވެ. 

ދަރަންޏާ ގޫޅޭ އެ ސިޓީއަށް 30 އަކަށް މިނެޓް ނުރަސްމީކޮށް މައިކް އޮފްކޮށްލައިގެން ކޮމިޓީ މެންބަރުން މަޝްވަރާ ކުރުމުން އޭގައި ހުރި މާބޮޑު ތަފްސީލެއް ނޭނގެ އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން

ނުރަސްމީ ބައިގައި މަޝްވަރާ ކުރުމަށްފަހު، މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު ވިދާޅުވި ގޮތުގައި މާލީ ވުޒާރާއިން ފޮނުވާފައިވާ ދަރަންޏާ ގުޅޭ މައުލޫމާތުތަކުގައި އެންމެ ފުރިހަމަ މައުލޫމާތެއް ނެތެވެ. އެހެންވެ އޭނާ ހުށަހެޅުއްވީ، އެކަންކަން އިތުރަށް ސާފު ކުރުމަށެވެ.

"މީގައި ހިމެނޭ އިންޑިވިޖުއަލް [ވަކިވަކި] ލޯންސް މިއީ ކޮން ބަޔަކަށް ދެވިފައި ހުރި ކޮން އެއްޗެއްތޯ އަޅުގަނޑު ސާފު ކުރަން ބޭނުން. އަދި ސިފްކޯއަށް ދީފައި މިއޮތް 637 މިލިއަން [ރުފިޔާ ލޯނުގެ] ތަފްސީލު. ދެން ޕޮލްކޯއަށް އެކި ފަހަރުމަތިން ވަރަށް ގިނަ އަދަދެއްގެ ލޯނު ދީފައި އެބަ އޮތް. އެކަމަކު [އޭގެ ތަފްސީލެއް ވެސް] މީގައި ނެތް،" އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި މަޖިލިސްގެ ނައިބު ރައީސް ނާޒިމް(ވ) އާއި އެހެން މެންބަރުން (ފޮޓޯ/މަޖިިލިސް)

ނާޒިމް ވިދާޅުވީ:

  • މީގެ ކުރިން ހުރި ހިސާބުތަކުން ޕޮލްކޯއަށް އެހާތަނަށް 700އެއްހާ މިލިއަން ރުފިޔާގެ ލޯނު ދީފައިވާކަން އެނގޭ ކަމަށް

  • ކޮންމެ ފަހަރަކު ޕޮލިސް ފްލެޓްތަށް ނިންމުމަށް ބޮޑެތި އަދަދުކުން އެ ކުންފުންޏަށް ލޯނުދިން ނަމަވެސް މަޝްރޫއޫ ނުނިމޭ

  • އާންމު ހައުސިން ޕްރޮޖެކްޓަށްވުރެ މާ ބޮޑު އަދަދެއް ޕޮލިސް ފްލެޓް މަޝްރޫއަށް މިހާރު ދައުލަތުން ހަރަދުކޮށްފި

ނާޒިމްގެ ހުށަހެޅުމަށް ސަލީމް ތާއީދުކުރެއްވި އެވެ. އަދި އެ ހުށަހެޅުން އަގުލަބިއްޔަތުން ފާސްވި އެވެ. އެއާއެކު ދަރަންޏާ ގުޅޭ ގޮތުން މިނިސްޓްރީން ފޮނުވާފައިވާ މައުލޫމާތުތަކާ ގުޅޭ ގޮތުން ރަސްމީބައިގައި އެއްވެސް މެންބަރަކު ހިޔާލުފާޅެއް ނުކުރައްވަ އެވެ.

ކޮމެންޓް (3)

ސިކުނޑި

7 އޯގަސްޓު 2024
ސިއްރު ކުރަނީ ގާނޫނާއި ޚިލާފަށްތޯ؟ އަމިއްލައަށް ހަދާފައިވާ ގާނޫނާއި ޚިލާފާށް ކަންކަން ކުރެވޭއިރުވެސް އިއްޒަތްތެރި މެންބަރުންނަށް ހަމަ ރޭކާވެސް ނުލަނީތޯ؟
0 0

ބަރުޖޯރު

6 އޯގަސްޓު 2024
ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަމެއް ސިއްރު ކުރުމަކީ ކޮރަޕްސަންގެ ފެށުމެވެ!
6 0

މުއީޒު

6 އޯގަސްޓު 2024
ރައްޔިތުން ގެ މަންދޫބުން ރައްޔިތުންނަށް ސިއްރު ކުރަނީ؟ ޙެހެހެ
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް