ސާއިދު. މިހާރު އޭނާ އަންނަނީ ކެންސަރަށް ވެސް ފަރުވާ ހޯދަމުން (ފޮޓޯ/ލެޓްސް ހެޕް ސާއިދު ޓީމް)
ކިޑްނީގެ އިތުރުން ސާއިދު ކެންސަރަށް ވެސް ފަރުވާ ކުރަން ޖެހިއްޖެ
ދެ ކިޑްނީ ފެއިލްވެ، ބަލީގެ ވޭނާ އެކު ޑޯނަރެއް ހޯދުމުގެ ހަނގުރާމައިގައި އެތައް އަހަރެއް ވާންދެން އުޅެމުން އަންނަ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަހުމަދު، ކެންސަރު ބައްޔަށް ވެސް ފަރުވާ ކުރަން ޖެހިއްޖެ އެވެ.
ވީ ކިހިނެއް؟ - ޑޯނަރެއް ނުލިބި އަހަރުތަކެއް ވުމަށް ފަހު ސާއިދަށް ޑޯނަރެއް ލިބުނީ 2022 ވަނަ އަހަރެވެ. ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަނަށް މިދިޔަ އަހަރު ގިނަ ދުވަސްތަކެއް ވާންދެން، ސްރީ ލަންކާ އާއި ތުރުކީގައި ވެސް ހޭދަ ކުރި އެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ އޮޕަރޭޝަން ނުކުރެވި، އެންމެ ފަހުން ޖެހުނީ ޑޯނަރެއް ހޯދުމުގެ މަސައްކަތް އަލުން ފަށާށެވެ.
އޭގެ ފަހުން ޑޯނަރެއް ނުލިބި އުޅެނިކޮށް، މީގެ ދެ މަސް ކުރިން އޭނާއަށް އެނގުނީ ކެންސަރު ޖެހިފައިވާ ކަމެވެ.
ބުނީ ކީކޭ؟ - "ޖޫން މަހު ހެދި ޓެސްޓުތަކުން އެނގުނީ ތައިރޮޑްގައި ޓިއުމަރެއް އުފެދި، ކެންސަރު ފެތުރެން ފަށާފައިވާކަން،" 'ދައުރު'އާ ވާހަކަ ދައްކަމުން ސާއިދު ބުންޏެވެ.
އޭނާ ބުނި ގޮތުގައި، އޭރު އޮޕަރޭޝަންކޮށްގެން، 2 އިންޗިއަށް ވުރެ ބޮޑު އެ ޓިއުމަރު ނެގި އެވެ. އަދި ކެންސަރު އިތުރަށް ފެތުރިފައި ހުރެދާނެ ކަމަށް، ފަހުން ދެ ވަނަ އޮޕަރޭޝަނެއްކޮށް ތައިރޮއިޑް ގްލޭންޑް ވެސް ނެގި އެވެ. ނަމަވެސް ބަލި ފެތުރިދާނެތީ އޭނާއަށް މިހާރު ރޭޑިއޭޝަން ދޭން ޖެހެ އެވެ.
ބަލީގެ ވޭނުގައި ވެސް ހިތްވަރު ދައްކައި މިހާރު ވެސް ނޫސްވެރިކަމުގައި ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން މީޑިއާ ކައުންސިލުން މިދިޔަ އަހަރު އެވޯޑެއް ވެސް ދީފައިވާ ސާއިދު ބުނި ގޮތުގައި، ކެންސަރާ މެދު ދެން އެއްޗެއް ބުނަން އެނގޭނީ ރޭޑިއޭޝަނަށް ފަހުގައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
"މި މަހު 28ގައި ރޭޑިއޭޝަން ދޭން ޖެހޭ. އަޅުގަނޑު މިހާރު ވެސް ޑަޔަލިސިސް ހަދާތީ ޑޮކްޓަރުން ބުނަނީ މި ކަމުގައި ވެސް ވަރަށް ރިސްކީއޭ،" އޭނާ ބުންޏެވެ.
އެނގުން މުހިއްމު - ކިޑްނީ ބައްޔާ ދެކޮޅަށް ކުރި ހަނގުރާމައިގައި ސާއިދު ވަނީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި 700އެއްހާ ފަހަރު ޑަޔަލަސިސް ހަދައިފަ އެވެ. މިހާރު ވެސް ހަފުތާއަކު ތިން ފަހަރު އޭނާ އެ ވޭނީ ފަރުވާ ހޯދަން ޖެހެ އެވެ. ސާއިދު ބުނި ގޮތުގައި، ވަރަށް ހިތްވަރާ އެކު، ޑޯނަރެއް ލިބޭނެ ކަމުގެ އުއްމީދުގައި ކުރިއަށް ދަނިކޮށް ކެންސަރު ޖެހުމުން ހިތްމަރުވެ، މީހާ ބަލިކަށިވި އެވެ.
އޭނާގެ ބަހުން ނަމަ "މަރުގެ ބޮޑު ދެ ބައްޔާ" ކުރިމަތިލުމަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެކަމަކު ދިރިހުރުމަށްޓަކައި މީހާގެ އީމާންތެރިކަން ވަރުގަދަކޮށް، ޕޮޒިޓިވްކޮށް ވިސްނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ބުންޏެވެ.
"ކެންސަރު ބައްޔާއެކު އަޅުގަނޑު ވަރަށް ވީކްކޮށްލައިފި. އެކަމަކު އަދިވެސް ކުރިއަށް މި ދަނީ އުއްމީދަކާއެކުގައި،" ސާއިދު ބުންޏެވެ.
"އުއްމީދު ކަނޑައެއް ނުލަން. ކެންސަރަށް ފަރުވާ ލިބޭނެ ކަމަށް އަދި ޑޯނަރެއް ވެސް ލިބޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަނީ."
އޭނަ ބުނި ގޮތުގައި، ކިޑްނީގެ ބަލިން އަރައިގަތުމަށް، ޑޯނަރެއް ހޯދުމަށް ކުރަމުން އައި މަސައްކަތް، ކެންސަރުގެ ބައްޔާ ހެދި މިހާރު ވަނީ މެދުކަނޑާލާފަ އެވެ. ދެން އެކަން ކުރިއަށް ގެންދެވޭނީ ކެންސަރަށް ފަރުވާ ހޯދުމަށް ފަހުގައި ކަމަށް ބުންޏެވެ.
ސާއިދު ބުނީ ކެންސަރުގެ ފަރުވާގެ ތެރޭގައި ވެސް އޭނާއަށް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށާއި ހާއްސަކޮށް، އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު ޝިފާނާއި ކެންސަރަށް ފަރުވާ ދޭ ޑިޕާޓްމެންޓުން ވަރަށް ބޮޑު އެހީތެރިކަމެއް ދިން ކަމަށެވެ. އަދި ކުޅިވަރު މިނިސްޓްރީގެ އޭނާގެ އެކުވެރިންގެ އޯގާތެރިކަން ފާހަގަ ކުރި އެވެ.
ކިޑްނީ ބަދަލު ކުރުމަށް ސާއިދު މީގެ ކުރިން 15 ޑޯނަރުން ހޯދި އެވެ. އޭގެ ތެރެއިން ބައެއް މީހުން އެ ކަމަށް ބޮޑެތި އަގުތައް ހުށަހެޅިއިރު، ބައެއް މީހުން ކްރޮސްމެޗު ހަދަން ގުޅުމުން ފޯނަށް ޖަވާބު ނުދީ ފިލި ކަމަށް އޭނާ ބުނެ އެވެ. އަދި ބައެއް މީހުން ފަހު ވަގުތު އެކަން ކުރަން އުޒުރުވެރިވި ކަމަށް ވެސް ސާއިދު ބުންޏެވެ.
ކޮމެންޓް (7)
އިބްރާހިމް
މޫމިނާ އަލީ
ޔުމްނާ
އަހަރެން
ޙައްގު
އިމާދު/ގައްދޫ
މޫސަ