އެކްސިޑެންޓުވި ޓީއެމްއޭގެ ބޯޓު

މިރިއަންދޫގައި އެކްސިޑެންޓުވި ސީޕްލޭންގައި ދަބަރު ޖަހާފައި ހުރި: ރިޕޯޓު

އެކްސިޑެންޓަށް ފަހު ސިވިލް އޭވިއޭޝަނުން ވަނީ ސީޕްލޭން ހިދުމަތް ދޭ އެއާލައިންތަކާ ބައްދަލުކޮށް، ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް އަންގާފައި

ބ. އަތޮޅުގައި ހިންގާ މިރިއަންދޫ ވެސްޓިން މޯލްޑިވްސް ރިސޯޓަށް ޖެއްްސުމުގެ ތެރޭގައި މިދިޔަ 9 ޖޫންގައި އެކްސިޑެންޓުވި ޓީއެމްއޭގެ ބޯޓުގައި ދަބަރު ޖަހާފައި ހުރި ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން އެ ހާދިސާ އަށް ފަހު ކުރިއަށް ގެންދިޔަ ތަހުގީގުގެ ޕްލިމިނަރީ ރިޕޯޓުގައި ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުދަ ދުވަހު ސިވިލް އޭވިއޭޝަނުން އާންމުކުރި އެ ރިޕޯޓުގައި ބުނީ މިރިއަންދޫގައި ހިނގި އެކްސިޑެންޓަށް ފަހު، ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދޭ އެއާލައިިންތަކާ އެކު އެ އިދާރާ އިން ކުއްލި ބައްދަލުވުމެއް ބޭއްވި ކަމަށާއި ސީޕްލޭންގައި ކަނދު ހަރުކުރުމާ ގުޅޭ ސޭފްޓީ އިންސްޕެކްޝަނެއް ކުރިއަށް ގެންދަން އެ އެއާލައިނުތަކަށް އެންގި ކަމަށެވެ.

އެކްސިޑެންޓުގައި ޓީއެމްއޭގެ ބޯޓަށް ލިބިފައިވާ ބައެއް ގެއްލުންތައް (ފޮޓޯ/ސީއޭއޭ ރިޕޯޓު)
އެކްސިޑެންޓުގައި ޓީއެމްއޭގެ ބޯޓަށް ލިބިފައިވާ ގެއްލުންތައް (ފޮޓޯ/ސީއޭއޭ ރިޕޯޓު)

ތަފްސީލް - ސިވިލް އޭވިއޭޝަނުގެ ރިޕޯޓުގައި ހިމަނާފައިވާ ފޮޓޯތަކުން، އެކްސިޑެންޓުވި ބޯޓުގެ ފްލޯޓު ފިޓިންގައި ދަބަރު ޖަހާފައި ހުރިތަން ފެނެ އެވެ.

ސިވިލް އޭވިއޭޝަނުން ބުނީ ސީޕްލޭން އޮޕަރޭޓަރުންނާ އެކު ބޭއްވި ކުއްލި ބައްދަލުވުމުގައި، ސީޕްލޭންތަކަށް ބޭރުފުށުން ފެންނަން ހުރި އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ އާއި ބޯޓުތަކުގައި ދަބަރުގެ އަސަރު ހުރިތޯ އަދި ބޯލްޓް ހޯލްތަކާއި ބެއަރިންގްތައް ރަނގަޅަށް ހަރުކުރެވިފައި ހުރިތޯ ވަކިވަކިން ބަލަން އެންގި ކަމަށެވެ. އަދި ދަބަރުގެ އަސަރު ހުރި ނަމަ ބޯލްޓުތައް ފަދަ އެއްޗެހި ބަދަލު ކުރަން ވެސް އެންގި ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެކްސިޑެންޓުވި ޓީއެމްއޭގެ ބޯޓުގެ އެފްޓް ފްލޯޓު ފިޓިން (ފޮޓޯ/ސީއޭއޭ ރިޕޯޓު)

ސިވިލް އޭވިއޭޝަނުގެ ތަހުގީގުން ފާހަގަވި ކަންކަމާ ގުޅޭގޮތުން ރިޕޯޓުގައި ބުނެފައިވަނީ:

  • ފްލޯޓު އެސެމްބްލީއަށް ގެއްލުން ލިބިފައިވާތަން ފެނޭ

  • ރިއާ ސްޕްރޭޑާ ބާ އެޓޭޗުމެންޓު ބޯލްޓެއް ނެތް

  • ކަނާތްފަރާތު ކަނދުގެ އެފްޓް ސްޕްރެޑާ ބާ އާއި ފްލޯޓު އެޓޭޗުމަންޓުގެ ފިޓިންއަށް އަށް ގެއްލުން ވެފައި

  • ކަނާތްފަރާތު ބުރަފަތިން އެ ފަޅީގެ ކަނދުގައި ޖެހި ކަނދަށް ގެއްލުން ވެފައި

  • ވާތްފަރާތުގެ ފްލައިވަޔާ ލެނބި އަނެއް ފަޅީގެ ފްލައިވަޔާ ވަކިވެފައި

އެކްސިޑެންޓުވި ޓީއެމްއޭގެ ބޯޓަށް ލިބިފައިވާ ގެއްލުންތައް (ފޮޓޯ/ސީއޭއޭ ރިޕޯޓު)

ސިވިލް އޭވިއޭޝަނުގެ ރިޕޯޓުގައި ބުނީ އެ ބޯޓު މިރިއަންދޫ އަށް ޖެއްސުމަށް ފަހު، ބޯޓު ފަހަތަށް ޖަހަން އުޅުމުގެ ތެރޭ އާދަޔާހިލާފު އަޑެއް އިވި، ބޯޓު ކަނާތް ފަރާތަށް އަރިވި ކަމަށާއި ބޯޓުގެ ކަނާތް ފަޅީގެ ކަނދު ވަކިވެފައިވާކަން ކްރޫއަށް ފާހަގަވި ކަމަށެވެ.

ނަމަވެސް މި ހާދިސާގައި އެއްވެސް ފަސިންޖަރަކަށް ގެއްލުމެއް ނުލިބި، ބޯޓުގައި ތިބި އެންމެން ސަލާމަތް ކުރެވުނު ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓުން އެނގޭ ގޮތުގައި، ޑިންގީތަކެއްގައި ކަފުޖަހައިގެން އެއްގަމަށް އެރުވި އިރު ބޯޓުގެ އެތެރެ އޮތީ ދިޔަވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް