ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މާލޭގައި ސިފައިން ހަރަކާތްތެރި ވަނީ: އަދިވެސް އިދާރާތައް މެދުގައި އިންޓެލިޖެންސް ވިލަރެސް ކުރެވޭނެ އިންތިޒާމެއް ނެތްކަން އެންސީޓީސީއިން ފާހަގަކޮށްފައިވޭ (ފައިލް ފޮޓޯ/އޭއެފްޕީ)

އިންޓެލިޖެންސް ވިލަރެސް ކުރެވޭނެ ގޮތެއް އަދިވެސް ހަމައެއްނުޖެހޭ: އެންސީޓީސީ

ނާޒިމް ވިދާޅުވިގޮތުގައި ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ސިއްރު ރިޕޯޓުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ވިލަރެސް ކުރެވިފައި ނެތްކަން

ސަލަމާތީ ހިދުމަތްތަކާ ގުޅޭ އެކި އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ވިލަރެސް ކުރެވޭނެ ގޮތެއް އަދިވެސް ނެތް ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)އިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ބުނެފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި އެންސީޓީސީއިން މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާކަން ހާމަވީ، ހުޅުވާލައިގެން މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އެ ވާހަކަ ވިދާޅުވުމުންނެވެ.

ތަފްސީލު - ނާޒިމް ވަނީ، އަންގާރަ ދުވަހުގެ ސިއްރު ބައްދަލުވުމުގައި ނިންމި ނިންމުމެއްގެ އަޕްޑޭޓަކީ ކޮބާތޯ، ކޮމިޓީގެ މުގައްރިރު އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)އާ ސުވާލު ކުރައްވައިފަ އެވެ. 

ނާޒިމް ވިދާޅުވީ، އެ ދުވަހުގެ ބައްދަލުވުމުގައި ކައުންޓާ ޓެރަރިޒަމްގެ އޮފިޝަލުން ދެއްކެވި ވާހަކައިގައި "ޔުނީފޯމް އެޅި އިދާރާތަކުގެ މެދުގައި އަދިވެސް އިންޓެލިޖެންސް ވިލަރެސް ކުރެވޭނެ ގޮތެއް، އިންތިޒާމް ހަމަޖެހިފައި ނެތް" ކަމަށް ވިދާޅުވި ކަމަށެވެ.

"އެ ދުވަހު މި ކޮމިޓީގެ ސެކްރެޓޭރިއެޓުން އަޅުގަނޑުމެންނަށް ދައްކައިލި، ރައީސް ނަޝީދަށް ދެވުނު ހަމަލާއާ ގުޅޭ ގޮތުން ތައްޔާރުކޮށްފައި އޮތް ސިއްރު ރިޕޯޓް. ދެން އޭގައި ބުނާ ގޮތުން ވެސް އެންމެ ބޮޑު މައްސަލައަކަށްވީ [އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް] ވިލަރެސް ކުރެވިފައި ނެތުން،" ނާޒިމް ވިދާޅުވި އެވެ.

"އެހެންވެ އެ ދުވަހު އަޅުގަނޑުމެން ކީން މިތަނުގައި، މިހާރު މި ސަރުކާރުގެ މަސްއޫލުވެރިންގެ ސަމާލުކަމަށް އެ [އިންޓެލިޖެންސް ވިލަރެސް ނުކުރާ] މައްސަލަ ގެންނަންވީ ނޫންހޭ. އަލުން އަޅުގަނޑުމެން ލިޔަންވީ ނޫންހޭ މިގޮތަށް އަޅުގަނޑުމެން ކައިރީ ބުނެފިއޭ."

ނާޒިމްގެ ސުވާލަށް ޖަވާބު ދެއްވަމުން ސަލީމް ވިދާޅުވީ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކޮމިޓީގެ އިދާރީ މޭޒުން މިހާރު ސިޓީ ތައްޔާރުކޮށްފައިވާ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އެ ސިޓީ ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ސީޓީގެ އިތުރު ތަފްސީލެއް ސަލީމް ނުދެއްވަ އެވެ.

އެނގުން މުހިއްމު - އަންގާރަ ދުވަހުގެ ބައްދަލުވުމަށް އެންސީޓީސީ ހާޒިރުކުރި އެއް ބޭނުމަކީ ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން 241 ކޮމިޓީން ތައްޔާރު ކުރި ޕާލިމަންޓްރީ އިންކުއަރީ ރިޕޯޓުގައި ދީފައިވާ ރިކޮމެންޑޭޝަންތަކަށް އަމަލުކޮށްފައިވާ މިންވަރު ބެލުމާއި އެކަމާ ގުޅޭގޮތުން އެ އިދާރާއިން ފޮނުވާފައިވާ ސިއްރު ރިޕޯޓަކަށް މަޝްވަރާ ކުރުމެވެެ.

ބޮމުގެ ހަމަލާގެ އިންކުއަރީގައި ސަލާމަތީ ބާރުތަކުގެ އިސް ބޭފުޅުންނާއި ގިނަ ބަޔަކާ ސުވާލުކޮށް، ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ތިން ދާއިރާއަކުން ގިނަ ލަފާތަކެއް ދިނެވެ. އޭގެ ތެރޭގައި، ގުޅުންހުރި އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް މައުލޫމާތު ބަދަލުކުރުން ހަރުދަނާ ކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވެ އެވެ. އެގޮތުން ހިމަނާފައިވާ ބައެއް ރެކޮމެންޑޭޝަންތަކަކީ:

  • ޓެރަރިޒަމާ ގުޅުން ހުރި އިންޓެލިޖެންސް ދާއިރާގެ މައުލޫމާތު ބަދަލުކުރުން އިތުރަށް ހަރުދަނާކޮށް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އޮނިގަނޑު ވީހާ ވެސް އަވަހަކަށް ގާއިމްކޮށް، އެއަށް އަމަލުކުރަން ފެށުން

  • ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކަންކަމާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ސިފައިންނާއި ފުލުހުން އަދި ގުޅުން ހުރި އިދާރާކުގެ ތެރޭގައި ހިއްސާކުރާނެ "ހާމޮނައިޒްޑް ޑޭޓާ ސިސްޓަމް"އެއް ވީހާ ވެސް އަވަހަކަށް އެކުލަވާލުން

  • އިންޓެލިޖެންސް އިދާރާތަކުގެ ފުށުއެރުންތައް ނައްތާލުމަށް ނޭޝަނަލް އިންޓެލިޖެންސާ ބެހޭ ގާނޫނެއް އެކުލަވާލުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް