ސައުތު ޕޯސްޓުގެ މިސްކިތެއް ކައިރީ މީހަކު މަޑުކޮށްލައިގެން (ފޮޓޯ/ރޮއިޓާސް)
އިނގިރޭސިވިލާތަށް ދާ ދިވެހިން ސަމާލުވާން އެދެފި
އިނގިރޭސިވިލާތުގެ ސައުތުޕޯޓުގައި ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހިތާމަވެރި ހާދިސާގައި ކުޑަ ތިން ކުދިން މަރުވި ހާދިސާ އާ އެކު އެ ސަރަހައްދުގައި މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ހަރަކާތްތަކާ ގުޅިގެން އެ ގައުމަށް ދަތުރު ކުރާ ދިވެހިންނާއި އިނގިރޭސިވިލާތުގައި އުޅޭ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީ އިން އިލްތިމާސް ކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީ އިން މިއަދު ބުނީ، މުސްލިމުންނާ ދެކޮޅަށް ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތައް، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ގާތުން ބަލަމުން އަންނަ ކަމަށެވެ.
ތަފްސީލް - ފޮރިން މިނިސްޓްރީ އިން ބުނީ އެ ހާލަތާ ގުޅިގެން، އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހިން، ހާއްސަކޮށް ސައުތްޕޯޓާއި އެތާނގެ ވަށައިގެންވާ ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުން، އިތުރަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ހާލަތަށް ސަމާލުވެ އެންމެ ފަހުގެ މައުލޫމާތު ހޯދައި އަމިއްލަ ރައްކާތެރިކަމަށް އިސްކަން ދިނުމަށް ވެސް އެ މިނިސްޓްރީ އިން އިލްތިމާސް ކުރެ އެވެ.
މީގެ އިތުރުން، އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ވެސް އިނގިރޭސިވިލާތުގައި އުޅޭ ދިވެހިންނަށް ފޮރިން މިނިސްޓްރީ އިން އިލްތިމާސްކޮށްފަ އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ކޮންސިއުލާ އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް ވެސް ވަނީ އެދިފަ އެވެ.
އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ގުޅޭނެ މައުލޫމާތު:
-
ފޯނު: 02072242135(44)+
-
އީމެއިލް: info@maldiveshighcommission.org