ރޭ ބޭއްވި ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ސަރުކާރާ ދުރަށް ޖެހުނީ ހަދާ ގޯސްތަކުން ހަޖަމު ނުވެގެން: ޔާމީން
މިއީ އެ މަނިކުފާނުގެ ވެސް ހިއްސާ އޮތް ސަރުކާރެއް ކަމަށާއި އެކަމަކު ދުރަށް ޖެހިވަޑައިގެން އުޅުއްވަނީ ސަރުކާރުން ހަދާ ގޯސްތަކުން ހަޖަމު ކުރައްވަން އުނދަގޫވެގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވެރިކަން ކުރާ ޕީއެންސީގެ ލީޑާޝިޕާ ދުރަށް ޖެހިވަޑައިގެން އުފެއްދެވި އަމިއްލަ ޕާޓީ، ޕީއެންއެފް އިން ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ، މި ސަރުކާރުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަ ކުރައްވާފަ އެވެ. އަދި ކުރިމަތިވަމުންދާ މައްސަލަތައް ހައްލުނުކުރެވި ދިގުލައިގެން ދާކަމުގެ ޝަކުވާ ވެސް އެ މަނިކުފާނު ތަކުރާރުކޮށް ކުރެއްވި އެވެ.
ބުނީ ކީކޭ؟ - ޔާމީން ވިދާޅުވި ގޮތުގައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ ދުރުވެގެން އުޅުއްވަނީ ކޮންމެހެން އިދިކޮޅު ޕާޓީއަކަށް ވެގެންނެއް ނޫނެވެ. އެކަމަކު ބޮޑެތި ގޯސްތަކެއް ހަދަމުންދާތީ، އެކަން ހަޖަމްކުރައްވަން އުނދަގޫވެވަޑައިގެން އަދި އެކަންކަން ދިފާއު ކުރައްވަން ބޭނުންވެ ވަޑައިނުގަންނަވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެ ކުރާ ކަންކަން ދިފާއު ކުރުމަށް، ސަރުކާރުގެ ބައިވެރިންގެ ގޮތުގައި އަޅުގަނޑުމެން ތިބޭކަށް ބޭނުމެއް ނޫން. ހަމަ އެހެންވެ އަޅުގަނޑުމެން [ސަރުކާރާ] ދުރުވީ،" ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
-
ރާއްޖޭގެ ހާލަތު އޮތް ގޮތާއި ސަރުކާރުގެ ސިޔާސަތުތައް އުޑާއި ބިމާހާ ތަފާތު
-
ކަރަންޓު ބިލް ތިން ގުނައަށް ބޮޑުވެ، ރައްޔިތުންގެ ޖީބުތަކަށް ބަރުވެއްޖެ
-
ބޮޑެތި މައްސަލަަތައް ހުރި އިރު، ސަރުކާރުން ސިޔާސަތު ހަދަނީ އޯގާތެރި މުޖުތަމައެއް ބިނާ ކުރުމާއި އުފާވެރިކަން ހުރި މިންވަރު ބެލުމަށް، 'ހެޕިނެސް އިންޑެކްސް' ހެދުމާ ގުޅޭ ގޮތުން
"އަޅުގަނޑު ހިތަށް އަރާ މި ބޭފުޅުން ދައްކަވާ ވާހަކަ އާއި ރިއަލިޓީއާ ހާދަ ދުރޭ. ރާއްޖޭގައި ހިނގާ ކަންކަން ހަމަ ނޭނގެނީބާއޭ ހިތަށް އަރާ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ ހުރިހާ ވާހަކައެއް ދެއްކެވި ނަމަވެސް ސަރުކާރު ވައްޓާލަން ބޭނުން ނުވާ ކަމަށާއި ބަޔަކު ކުރާ އެ ފަދަ މަސައްކަތެއްގައި ބައިވެރި ވެސް ވެވަޑައިނުގަންނަވާނެ ކަމަށެވެ. އެކަމަކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޖައްސަވާ ހިސާބާ އެއްގޮތަށް، މުއިއްޒު ކަންކަން ނުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީންގެ ވާހަކައިގައި ރޭ ވެސް ވަނީ ސަރުކާރުގެ "ދެ ފުށް ދެ ގޮތް" ކަމަށް ވިދާޅުވެ، ފާޑުވިދާޅުވެފަ އެވެ.
އެ މަނިކުފާނުގެ މައްސަލައަކަށް ރޭ ވެވަޑައިގަތީ، ލޯނު ނުނަގާނެ ކަމަށް ބުނެ ނުވަތަ ކުރީ ސަރުކާރުން ލޯނުގެ އެހީގައި ދައުލަތް ހިންގާތީ އެކަމަށް ފާޑުކިޔައި މި ސަރުކާރުން ލޯނު ނެގުމެވެ.
ޔާމީން ވިދާޅުވީ ލޯނު ނުނަގައި ދައުލަތް ހިންގަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން އެކަން އެ މަނިކުފާނު ނެންގެވީ ވަރަށް ޕޮޒިޓިވްކޮށް ކަމަށާއި އެކަމަކު ފަހުން އެ މަންޒަރު ބަދަލުވެފައި ކަމަށެވެ. ލޯނު ނެގުން އޭގެ ޒާތުގައި ގޯސްނޫން ކަމަށާއި މައްސަލައަކީ އިގްތިސޯދު އޮތްގޮތް ރައްޔިތުންނަށް އޮޅުވާލައްވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި، ގައުމުގެ އިގްތިސޯދު އޮތްގޮތް ރައްޔިތުންނަށް އެނގެން ޖެހެ އެވެ. ގައުމު ހިންގަނީ، އިގްތިސޯދީ ގޮތުން ކިހާ ބޮޑު ދައްޗެއްގައި ކަމާއި ދެން އަމަލުކުރަން ޖެހޭގޮތް އެނގެން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަމަކު އޭގެ ބަދަލުގައި އެ މަނިކުފާނު ވިދާޅުވަނީ ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
"ރައީސް މުއިއްޒުވީ ތެދު ބަހުން ވާހަކަފުޅު ދައްކަވަން. އިގްތިސޯދު އޮތްގޮތް ކިޔައިދެއްވައިގެން މުއިއްޒު ދެކެ ރުޅިއެއް ނާންނާނެއޭ. އަޅުގަނޑު މިދަންނަވަނީ މި ވާހަކަތައް ކިޔައިދީގެން، ރައްޔިތުންގެ ރުހުން ހޯދައިގެން ކުރިއަށް ދަމާ ހެއްޔޭ؟،" ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
-
ބިޔަ، ކެޕިޓަލް މަޝްރޫއުތަކަށް ލޯނު ނެގުމަކީ މައްސަލައެއް ނޫން
-
މުވައްޒަފުންނަށް މުސާރަ ދޭން ނުވަތަ ކަރަންޓު ބިލާއި ފޯނު ބިލް ފަދަ ރިކަރަންޓް ހަރަދަށް ލޯނު ފައިސާ ހޯދާ ނަމަ އެއީ ސަރުކާރުގައި އިގްތިސާދީ ހަކަތަ ނެތުން