ބޭންކް އޮފް މޯލްޑިވްސްގެ ޔޫއެސް ޑޮލަރު އޭޓީއެމް. (ދައުރު ފޮޓޯ/މުހައްމަދު އަމާން)
އޮޅިގެން މީސްމީހުންގެ އެކައުންޓްތަކަށް ފޮނުވުނު އެތައް މިލިޔަން ޑޮލަރު އަދި ރުފިޔާ ހޯދިއްޖެ: ބީއެމްއެލް
ބައެއް މީހުންގެ އެކައުންޓުތަކަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޮޅިގެން އެތައް މިލިއަން ޑޮލަރަކާއި އެތައް މިލިއަން ރުފިޔާ އޮޅިގެން މިއަދު ފޮނުވިއްޖެ އެވެ. އެކަމަކު ބޭންކުން ބުނީ ހުރިހާ އެ ހުރިހާ ފައިސާއެއް ވެސް އަނބުރާ ހޯދާފައިވާ ކަމަށެވެ.
ވީ ކިހިނެއް؟- ސޯޝަލް މީޑިއާގައި މިއަދު ވަނީ ލިލީ ބީޗު ރިސޯޓުގެ މުވައްޒަފެއް، އޭނާގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާތަން ފެންނަ ސްކްރީންޝޮޓެއް އާއްމުކޮށްފަ އެވެ. އޭނާގެ އެކައުންޓުގައި 77 މިލިޔަން ޑޮލަރު އޭރު ހުއްޓެވެ. އެއީ އެކައުންޓުގެ ނަންބަރާ އެއްވަރުގެ އަދަދެކެވެ.
އެ ޒުވާނާ ބުނިގޮތުގައި އެ ރިސޯޓުގެ އެހެން މުވައްޒަފުންގެ އެކައުންޓަށް ވެސް ވަނީ އެ އަދަދަށް ފައިސާ ޖަމާވެފަ އެވެ. އެކަމަކު ކުޑައިރުކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ އެޕްލިކޭޝަން މަސައްކަތްނުކޮށް ޑައުންވެފައިވާ ކަމަށް ބުންޏެވެ.
އެކަން އޮޅުންފިލުވައިދެމުން ބޭންކުން މިއަދު ބުނީ މިއީ، މުސާރަ ދިނުމުގައި ތައާރަފްކުރި ބަލްކް ޕޭމަންޓުގެ އާ ހިދުމަތުގެ ތެރެއިން މުވައްޒަފަކަށް އޮޅިގެން ފޮނުވުނު ފައިސާ ކަމަށެވެ. އަދި އެ ހުރިހާ ފައިސާއެއް ވެސް މިހާރު އަނބުރާ ހޯދާފައިވާ ކަމަށް ބުންޏެވެ.
އޮޅިގެން ފައިސާ ފޮނުވުމާ އެކު ބޭންކުން ވަނީ އިންޓަނެޓް ބޭންކިންގެ ހިދުމަތް މެދުކަނޑާލާފަ އެވެ.