މީޑިއާ ކައުންސިލްގެ މެމްބަރުން ބައްދަލުވުމެއްގައި
'އަހްލާގީ ގޮތުން ދަށް މައުލޫމާތު ފަތުރާ' 'ދެންމެ' ވެބްސައިޓް ބްލޮކްކުރަން އަންގައިފި
އަހްލާގީ ގޮތުން ދަށް ލިޔުންތައް ފަތުރާ ކަމަށް ބުނެ، 'ދެންމެ' ވެބްސައިޓް ބްލޮކް ކުރަން މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އަންގައިފި އެވެ.
ވީ ކިިހިނެއް؟- އެމްއެމްސީއިން ބުނިގޮތުގައި އާއްމު އިޖްތިމާއީ މިންގަނޑާ ހިލާފު ލިޔުންތައް ފަތުރާ މި ވެބްސައިޓުގެ މައްސަލަ ބަލަން ފެށީ، އެތަނުން އިސްނަގައިގެންނެވެ. އަދި މައްސަލަ ބެލުމަށް ފަހު އެ ވެބްސައިޓު ބްލޮކް ކުރުމަށް، ކަމާ ގުޅޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށް އެތަނުން ބުންޏެވެ.
އަހްލާގީ ގޮތުން ދަށް، އިޖްތިމާއީ މިންގަނޑާ ހިލާފު ގޮތަކަށް ލިޔުންތައް ލިޔެ، ސޯޝަލް މީޑިއާގައި ދައުރުކުރާތީ، އެ ވެބްސައިޓާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުން ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.
މައްސަލަ ބަލާ އެމްއެމްސީިގެ ކޮމިޓީއަށް ފާހަގަވި ގޮތުގައި:
-
ހަބަރު ލިޔާއިރު ބޭއަދަބީ ބަސް ބޭނުންކޮށް، މީހުން އަބުރަށް ބެލުމަށް ނެތި އެ ވެބްސައިޓުގައި ލިޔޭ
-
ވެބްސައިޓުގައި ޝާއިއުކުރާ އެ ފަދަ ލިޔުންތައް، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އެ ޝެއާ ކުރޭ
-
އާއްމުކޮށް ކޮންމެ ދުވަހަކު ވެސް އެ ފަދަ ލިޔުމެއް ޝާއިއު ކުރޭ
އެމްއެމްސީއިން ބުނިގޮތުގައި:
-
އެ ވެބްސައިޓުގެ މައްސަލަ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވެސް އެ ކޮމިޝަނުން ބެލި
-
އޭރު ފާހަގަވީ، އެ ވެބްސައިޓަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްޗެއް ނޫން ކަމަށް
-
އަދި އެ ވެބްސައިޓު ހިންގާ ފަރާތުގެ މައުލޫމާތު އެނގޭ ނަމަ ކައުންސިލާ ހިއްސާ ކުރުމަށް އޭރު އެދުނު
އެމްއެމްސީއިން މިއަދު ބުނިގޮތުގައި އެ ވެބްސައިޓުން ފަތުރާ ލިޔުންތައް ދުވަސްކޮޅަކު މެދުކެނޑުމަށް ފަހު އަނެއްކާ ވެސް ދަނީ ހަމަ އެ ފަދަ ލިޔުންތައް ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ.
އެހެންވެ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ނިންމީ ކަމަށް އެ ކައުންސިލުން ބުންޏެވެ.